ސިނާ ބަލިކޮށް، އަލްކަރާޒް ފްރެންޗް އޯޕަންގެ ތަށި ދިފާއުކޮށްފި
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން މުބާރާތުގައި ދެވަނައަށް ސީޑުކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ހޯދައި، ތަށި ދިފާއުކޮށްފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އަލްކަރާޒް ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި އެއްވަނައަށް ސީޑުކުރެވިފައިވާ އިތަލީވިލާތުގެ ޔަނިކް ސިނާއާ ބައްދަލުކުރި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗު ވީ ފަހުގެ ތާރީހެއްގައި ފްރެންޗް އޯޕަންގައި ފެނުނު އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި މެޗަށެވެ. ފަސް ގަޑިއިރާއި 31 މިނެޓަށް ދެމިގެންދިޔަ މި މެޗު ވެފައިވަނީ މުބާރާތުގެ ތާރީޚުގައި މިހާތަނަށް ކުޅުނު އެންމެ ގިނައިރުވި ފައިނަލް މެޗަށެވެ. މެޗުގެ ފުރަތަމަ ސެޓު 10 ވަނަ ގޭމްގައި އަލްކަރާޒްގެ ސާވް ބްރޭކްކޮށް ސިނާ 4-6 އިން ސެޓު ކާމިޔާބުކޮށް، ފެށުން ރަނގަޅުކުރިއެވެ. ދެވަނަ ސެޓު ވެސް ވަރަށް ވާދަވެރިކަމާ އެކު ދެ ކުޅުންތެރިން ކުޅޭ ޓައި ބްރޭކަކަށް ގޮސް 4-7 އިން ކާމިޔާބުކޮށް، ސިނާ މެޗުގައި ދެ ސެޓުގެ ލީޑެއް ނެގިއެވެ. ނަމަވެސް، ޖެހިގެން އައި ސެޓުގައި އަލްކަރާޒް އޭނާގެ ކުޅުން ރަނގަޅުކޮށް 6-4 އިން ސެޓު ކާމިޔާބުކޮށް އުންމީދު އާކުރިއެވެ. މެޗުގެ ހަތަރުވަނަ ސެޓު ވީ ހުރިހާ ފަރާތްތަކުން ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު ސެޓަކަށެވެ. މި ސެޓުގައި ސިނާއަށް މެޗު ކާމިޔާބުކުރުމަށް ހަތަރު ޗެމްޕިއަންޝިޕް ޕޮއިންޓް ލިބުނު ނަމަވެސް އޭނާއަށް އެކަން ކުރެވޭގޮތެއްނުވިއެވެ. ނަތީޖާއަކަށްވީ ހަތަރުވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް 7-4 އިން އަލްކަރާޒް ސެޓު ކާމިޔާބުކޮށް މިމެޗު ފަސްވަނަ ސެޓަކަށް ގެންދިއުމެވެ. މެޗުގެ ފަސްވަނަ ސެޓުގެ ފުރަތަމަ ގޭމްގައި ސިނާގެ ސާވް ބްރޭކްކޮށް އަލްކަރާޒް މެޗު ސެޓުގެ ލީޑު ނެގީ 5-4 އިން ކުރީގައި އޮވެ، މެޗަށް ސާވްކުރި ނަމަވެސް ސިނާވަނީ ހިތްވަރާ އެކު މަސައްކަތްކޮށް މި ގޭމް ކާމިޔާބުކޮށް 5-5 އިން އެއްވަރުކޮށްފައެވެ. ނަތީޖާއަކަށްވީ މި ސެޓު ޓައިބްރޭކަކަށް ގޮސް މެޗުގެ ނަތީޖާ ނެރެން ޖެހުމެވެ. ޓައި ބްރޭކްގައި އަލްކަރާޒް ފެނުނީ ސިނާއަށް ވުރެ މާ ބޮޑަށް ވެސް މޮޅަށް ކުޅުނު ތަނެވެ. މިގޮތުން 10-2 އިން މި ޓައިބްރޭކް ކާމިޔާބުކޮށް އަލްކަރާޒް ޖެހިޖެހިގެން ދެވަނަ ފަރަހަށް ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ކާމިޔާބުކުރިއެވެ. މި ކާމިޔާބީއާ އެކު އަލްކަރާޒް މިވަނީ އޭނާ މިހާތަނަށް ވާދަކުރި ގްރޭން ސްލާމް ފަސް ފައިނަލް ވެސް ކާމިޔާބުކޮށްފައެވެ. މި ފައިނަލަށް ސިނާ ޖެހިޖެހިގެން ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކުރުމަށް ނުކުތް ނަމަވެސް އޭނާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. މި ފަހަރުގެ ފްރެންޗް އޯޕަންގެ ސިންގަލްސް ދެ އިވެންޓް ވެސް މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ދެ ކުޅުންތެރިން ވަނި ފަހަތުން އަރައި ކާމިޔާބުކޮށްފައެވެ. މުބާރާތުގައި އަންހެން ޑަބަލްސް ފައިނަލްގައި ޖޭސްމީން ޕައޮލީނީއާއި ސަރާ އިރާނީ ވަނީ އެލެކްސަންޑްރާ ކުރުނިޗްއާއި އަނާ ޑަނިލީނާ ބަލިކޮށް އެއިވެންޓްގެ ޗެމްޕިއަންކަން ހޯދާފައެވެ. ދެ ކުޅުންތެރިން މި ފައިނަލް ކާމިޔާބުކޮށްފައިވަނީ ހައެއް ހަތަރެއް، ދެއެއް ހައެއް އަދި ހައެއް އެކަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ