ސިނަމާލެ ފްލެޓްތަކުގެ ޑިޒައިން ކޮންސެޕްޓް ފާސްކޮށްފި
ސިނަމާލެ ފްލެޓް ރީޑިވޮލަޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ކޮންސެޕްޓް މާލެ ސިޓީ ކައުންސިލުން އިއްޔެ ފާސްކޮށްފިއެވެ. މި ކޮންސެޕްޓް ފާސްކޮށްފައި ވަނީ، އިއްޔެ އެ ކައުންސިލުން ބޭއްވި ރަސްމީ އާންމު ޖަލްސާގައެވެ. މި ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ކައުންސިލުން ސޮއިކޮށްފައި ވަނީ، އޮގަސްޓު 17، 2023ގައެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ، ހޮންކޮންގައި ރަޖިސްޓާ ކޮށްގެން ހިންގާ، އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީ ލިމިޓެޑާއެވެ. މި އެއްބަސްވުމުގެ ދަށުން، 1500 ހައުސިން ޔުނިޓް ތަރައްގީ ކުރަން ހަމަޖެހިފައިވާއިރު، މި ޕްރޮޖެކްޓު ހިންގާނީ ސިނަމާލެއާއި މާލެ ހިޔާ ފްލެޓްތައް، މިހާރު އިމާރާތް ކުރެވިފައިވާ ސަރަހައްދު ހިމެނޭހެން 23،476 އަކަމީޓަރުގެ ބިމެއްގައި ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. https://x.com/MaleCitymv/status/1915019586036277524 ނަމަވެސް، ފުލެޓްތައް އިމާރާތް ކުރާ ސަރަހައްދުގައި ހޭންޑްބޯލް ކޯޓެއް ހުރުމުން، އެ ކޯޓު ހުރި ބިމުން 3،310 އަކަމީޓަރު އުނިކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެ ކައުންސިލުން ބުނީ، ފުލެޓް އަޅަން މިހާރު އޮތް ސަރަޙައްދު ކުޑަވުމުން އެ ބިމުގައި އިމާރާތް ކުރެވެނީ ޖުމްލަ 1،360 ފުލެޓު ކަމަށެވެ. އެއީ ކުރިން އެކައުންސިލުން ސޮއިކުރި އެއްބަސްވުމަށް ވުރެ، 140 ފްލެޓް މަދު އަދަދެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރަން ހަމަޖެހިފައިވާ އިމާރާތްތަކުގެ ތެރެއިން، 20 ފްލޯގެ އެއް ޓަވަރު އަޅަން ބޭނުންވާނެ ބިން ސިޓީ ކައުންސިލުން މިހާރު ވަނީ މަސައްކަތް ކުރާ ފަރާތާ ހަވާލުކޮށްފައެވެ. އިއްޔެގެ ޖަލްސާގައި މޭޔަރު ވިދާޅުވީ، ބާކީހުރި ފްލެޓްތައް އިމާރާތްކުރަން ހަމަޖެހިފައިވާ ބިންތަކުގައި، ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ބިންތައް ހުރި ކަމަށެވެ. އެހެންވެ، އެ ބިންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާ ކުރައްވާނެ ކަމަށް މޭޔަރު އިއްޔެ ވިދާޅުވެފައިވެއެވެ. މިޕްރޮޖެކްޓުގެ ތެރެއިން އެކަކާއި ދެއަކާ ތިންވަނަ ސިނަމާލެ ފުލެޓާއި މާލެ ހިޔާ އެކެއް އަދި ދެވަނަ ފްލެޓު ތަޅާލައި، އެ ބިންތަކުގައި އައު ޓަވަރުތައް އެޅުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ