ސިޓީއަށް ސޮއި ކުރި ތިންވަނަ ކުޅުންތެރިޔާއަށް ޒުވާން މަރުމޫޝް
ޖަރުމަނު ބުންޑެސްލީގާގެ އެއިންޓްރެކްޓް ފްރޭންކްފާޓްއަށް ކުޅެމުންދިޔަ މިސްރުގެ ފޯވަޑް އޮމަރު މަރުމޫޝް އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މަރުމޫޝް ސިޓީއަށް ސޮއިކޮށްފައިވަނީ 2029ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. އަދި މި އެއްބަސްވުމުގެ އަގު 70 މިލިއަން ޔޫރޯއަށް އަރާނެކަމަށްވަނީ ބެލެވިފައެވެ. މަރުމޫޝް ވަނިީ މިސީޒަންގައި ބުންޑެސްލިގާގައި ކުޅުނު 17 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށް ލަނޑު ލިސްޓުގެ ދެވަނައިގައެވެ. އެއްވަނައިގާ އުޅޭ ހެރީ ކޭން ކުރީގައި އުޅެނީ އެންމެ ލަނޑެއްގެ ތަފާތުންނެވެ. ސިޓީއަށް ސޮއި ކުރުމަށްފަހު މަރުމޫޝް ބުނީ ވެތުވެދިޔަ 10 އަހަރަށް ބަލާއިރު ސިޓީ އަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމު ކަމަށެވެ. އެހެން ކަމުން ސިޓީއަށް ބަދަލުވުން މިއީ ސުވާލެއް އުފެދޭ ކަމެއްވެސް ނޫން ކަމަށާއި ސިޓީ ތަމްސީލު ކުރުން ވެގެންދާނީ އޭނާ އާއި އޭނާގެ އާއިލާއަށް ވެސް ލިބިގެންދާ އުފަލަކާއި ޝަރަފެއް ކަމަށް އޭނާ ބުންޏެވެ. މަރުމޫޝް އަކީ މިފަހަރުގެ ޓްރާންސްފާ ވިންޑޯގައި ސިޓީއިން އެޓީމަށް ސޮއި ކުރި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ސިޓީން ވަނީ ޒުވާން ދެ ޑިފެންޑަރުން އެޓީމަށް ގެންގޮސްފައެވެ. މިސްރުގެ ވާދީ ޑެގްލާ އިން ކުުޅުން ފެށި މަރުމޫޝް 2020ވަނަ އަހަރު ވަނީ ބުންޑެސްލީގާގެ ވީއެފްއެލް ވުލްފްސްބާގަށް ބަދަލުވެފައެވެ. އަދި ލޯނު އެއްބަސްވުމެއްގެ ދަށުން އެފްސީ ޕައުލީ އާއި ވީއެފްބީ ސުޓުޓްގާޓަށް ވެސް ކުޅެފައެވެ. ފްރޭންކްފާޓަށް އޭނާ ބަދަލުވެފައިވަނީ 2023ވަނަ އަހަރުގެ ސީޒަނުގައެވެ. އަދި މިހާތަނަށް އެޓީމަށް 67 މެޗު ކުޅެދީ 37 ލަނޑު ޖަހާ 20 ލަނޑު ޖެހުމަށް އެހީތެރިވެދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ