އިންޑިއާގެ ބޮޑުވަޒީރު ސްރީލަންކާގައި، ދެ ގައުމުން ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށްފި

ކޮލަންބޯ (6 އެޕްރީލް 2025): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސްރީލަންކާގައި ހަކަތައާ ބެހޭ ބޮޑު މަރުކަޒެއް ނުވަތަ ހަބެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފިއެވެ. މި މަޝްރޫގެ ބައިވެރިއެއްގެ ހައިސިއްޔަތުން ޔުނައިޓެޑް އަރަބް އެމިރޭޓޭސް (ޔޫއޭއީ) ވެސް މި އެއްބަސްވުމުގައި ސޮއިކުރިއެވެ. ނަމަވެސް މި މަޝްރޫއުގައި ޔޫއޭއީ އަދާކުރާ ދައުރު އަދި ހާމަވެފައެއް ނުވެއެވެ. ސްރީލަންކާއަކީ ހަކަތައިގެ މައްސަލަ ވަރަށް ބޮޑު ގައުމެކެވެ. ގައުމަށް ބޭނުންވާ ވަރާ ގާތަށް ވެސް ހަކަތަ ނުއުފެއްދޭ ގައުމެކެވެ. ރަށްފުށުގެ ސަރަހައްދުތަކުގައި ކަރަންޓު ކަނޑައިގެން ދިޔުމަކީ ޒަމާނުއްސުރެ ސްރީލަންކާގައި ހައްލު ނުވެ އޮތް މައްސަލައެކެވެ. ސްރީލަންކާގެ ނޫސްތައް ބުނާގޮތުން މި ހަބު ބިނާކުރަނީ ސްރީލަންކާގެ ސިޓީއެއްކަމަށްވާ ޓްރިންކޮމަލީގައެވެ. ހަކަތައާ ބެހޭ ހަބުގެ ހުރިހާ ކަމެއް ކުރާނީ އިންޑިއާގެ ކުންފުނިތަކުންނެވެ. ޚަރަދުގެ ބޮޑުބައި ހިއްސާކުރާނީ ވެސް އިންޑިއާއިންނެވެ. ނަމަވެސް އެއީ ލޯނުގެ ގޮތުގައެވެ. މި މަޝްރޫއުގެ ދަށުން އެކި ބާވަތުގެ ތެލާއި ގުދްރަތީ ގޭސް ރައްކާކުރާ ބޮޑެތި ޓޭންކްތަކެއް ބިނާކުރުމަށް ހަމަޖެހިފައި ވެއެވެ. މިއީ 2022 ވަނަ އަހަރު ސްރީލަންކާއަށް ކުރިމަތިވި މާލީ އަދި އިގްތިސާދީ ބަނގުރޫޓް ވުމުގެ ކާރިސާއިން އަރައިގަތުމަށްފަހު އެ ގައުމުން ފަށާ އެންމެ ބޮޑު މަޝްރޫއެވެ. މޯދީ ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް އަރޫނާ ކުމާރާ ޑިސެނަޔަކެއާއެކު ކުރައްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ސްރީލަންކާއިން އިންޑިއާއަށް ދައްކަންޖެހޭ ދަރަނިތަކާ ބެހޭގޮތުންނެވެ. ކޮވިޑްގެ ދުވަސްވަރުގައާއި ކޮވިޑާއެކު ސްރީލަންކާއަށް ކުރިމަތިވި މާލީ ގޮތުން ގައުމު ބަނގުރޫޓް ވުމުގެ ކާރިސާއިން އަރައި ގަތުމަށް ޓަކައި އިންޑިޔާއިން ހަތަރު ވަރަކަށް ބިލިޔަން ޑޮލަރުގެ ލޯނާއި މާލީ އެހީ ސްރީ ލަންކާއަށް ދީފައިވެއެވެ. އަދި އޭގެކުރިން ވެސް ސްރީލަންކާއިން ގިނަ އަދަދަކަށް އިންޑިއާއިން ލޯންތައް ނަގާފައިވެއެވެ. މި ލޯންތަކަށް އަހަރުން އަހަރަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގާބިލްކަން އަދިވެސް ސްރީލަންކާގެ އިގްތިސާދުގައި ނެތެވެ. މި އަހަރުގެ ކުރީކޮޅު ވެސް ސްރީލަންކާއިން އިންޑިޔާއަށް 1.4 ބިލިޔަން ޑޮލަރު ދަރަނި އަދައިކުރުމުގެ ގޮތުންވަނީ ދައްކަން ޖެހެއެވެ. މި ފައިސާ ދެއްކުމަކީ ވެސް ސްރީލަންކާއަށް ކުރެވޭވަރުގެ ކަމަކަށް ނުވެއެވެ. މޯދީގެ ދަތުރުފުޅުގައި އިންޑިއާގެ އެހީގައި ސްރީލަންކާގައި އިތުރު ބައެއް މަޝްރޫތައް ހިންގުމާބެހޭ އެއްބަސްވުންތަކެއްގައިވެސް ދެގައުމުގެ ކަމާބެހޭ މަސްއޫލުވެރިން ވަނީ ސޮއިކުރައްވާފައެވެ. މީގެތެރޭގައި 100 މިލިޔަން ޑޮލަރުގެ ހަކަތައިގެ މަޝްރޫއެއް ހިމެނެއެވެ. މިއީ ބިމުގެ އަޑީގައިވާ ހޫނުކަން ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށް އިންޑިއާ ގެންގުޅޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްރީލަންކާގައި ހިންގުމަށް ރާވާފައިވާ މަޝްރޫއެކެވެ. މަޝްރޫއު ހިންގަަން ރާވާފައިވަނީ އިންޑިޔާގެ ތާމަލް ޕަވާކޯޕާއި ސްރީލަންކާގެ ކުންފުންޏެއް ގުޅިގެން އިންޑިއާގެ އެހީގައެވެ. މި މަޝްރޫއަށް އިންޑިއާގެ ކުންފުނީގެ އިތުރުން ސްރީލަންކާގެ ސެލޮން އިލެކްޓްރިސިޓީ ބޯޑުން ވެސް ޚަރަދުތަކެއް ކުރާނެއެވެ. މީގެއިތުރުން ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި އަޅާފައިވާ ޒަމާންވީ އިލެކްޓްރިކް ނެޓްވާކްތަކުގެ ބަދަލުގައި އައި ނެޓްވާކުތައް އެޅުމުގެ މަޝްރޫއެއްގައި ވެސް މޯދީގެ ދަތުރުފުޅުގައި ދެ ގައުމުގެ މަސްއޫލުވެރިންވަނީ ސޮއިކުރައްވާފައެވެ. ސްރީލަންކާގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެ ގައުމުގެ މަދަނީ އިންފްރާސްޓްރަކްޗަރު ބަލިކަށިވުމެވެ. އަރޫނާގެ ސަރުކާރުން އިސްކަންދޭ އެންމެ ބޮޑުކަމަކީ ހަކަތައިގެ ދާއިރާ ހިމެނޭގޮތަށް ސްރީލަންކާގެ މަދަނީ އިންފްރާސްޓްރަކްޗަރު ތަރައްގީ ކުރުމެވެ. ސްރީލަންކާގައި ހިނގި 28 އަހަރުގެ ދިގުލީ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ގައުމުގެ އިންފްރާސްޓްރަކްޗަރު ބިނާކުރުމަށް މަސައްކަތް ކުރެވިފައި ނުވާއިރު އެ ހަނގުރާމައިގެ ސަބަބުން ކުރިން ހުރި އިންފްރާސްޓްރަކްޗަރު ވެސް ވަނީ ހަލާކުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ