ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިވަގުތު މާލެ އާއި އަތޮޅުތަކުގެ ޤުރުއާން މަރުކަޒުތަކާއި އަމިއްލަ އިންސްޓިޓިއުޓްތަކާއި ކްލާސްތަކުގައި 700 އަށްވުރެ ގިނަ ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުންދާ ކަމަށް ލަފާކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންނަ މެއި މަހު އަތޮޅުތެރޭގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢު ކުރިއަށްގެންދާނީ ޖުމްލަ 9 ރަށެއްގައެވެ. އެއީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ރ. އުނގުފާރު، ބ. އޭދަފުށި، އއ. ފެރިދޫ، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫއެވެ.
މީގެއިތުރުން، އަންނަ މެއި މަހުން ފެށިގެން ޤުރުއާނާ ބެހޭ މަރުކަޒުން މުސާރަދޭ ގޮތަށް 8 ރަށެއްގެ މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖައްސާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ހއ. އުތީމު، ނ. ވެލިދޫ، ރ. މަޑުއްވަރީ، ދ. މީދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ގދ. ގައްދޫ އަދި ލ. އިސްދޫ ކަލައިދޫގައި މުދައްރިސުން ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.
ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްރަށާއި، މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްރަށުގައި ޤުރުއާން އުނގަންނައިދިނުމުގެ ކަންކަން ހަރުދަނާކުރުމަށް މި މަސައްކަތްތައް ކުރިއަށްގެންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ކީރިތި ޤުރުއާންގެ ޢިލްމު ފުޅާކޮށް، ޤުރުއާން ހިތުދަސްކުރާ ކުދިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.
ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ