މިދިޔަ އޭޕްރިލް 18، ގައި މާލޭގެ އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދޭ މުހައްމަދު މުއުމިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ޔުމްނު ހޭއަރައި އައިސީޔޫގައި އޮތްއިރު، އޭނާ އޮތީ ޝޮކެއްގައި ކަމަށެވެ.
"ޔުމްނު ހޭއަރާފައި އޮތީ. ސްޓޭބަލްކޮށް އައިސީޔޫގައި. އެކަމަކު ވަރަށް ބޮޑު ޝޮކެއްގައި އޮތީ. ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން،" އޭނާ ބުންޏެވެ.
ޔުމްނުއަށް ކާއެއްޗެހި މިހާދުވަހު ހޮޅިން ދެމުން އައި ނަމަވެސް، މިއަދު އެ ހޮޅި ނައްޓާލުމަށްފަހު ޗަސްކޮށްފައި ހުންނަ ކާއެއްޗެހި ދެވޭ ކަމަށް މުއުމިން ބުންޏެވެ.
ފާއިތުވެދިޔަ ދެ ދުވަހު ފުއްޕާމޭގައި އިންފެކްޝަނެއް ހެދިގެން އުޅުނުކަން ވެސް އޭނާ ފާހަަގަކުރި އެވެ.
ޔުމްނު ވެއްޓުނު ވަގުތު އޭނާއާ އެކު އެވަގުތު އުޅުނު ރައުދު އަހުމަދު ޒިލާލް ފުލުހުން ވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ހައްޔަރުކޮށްފަ އެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ މެދު އާންމުން ސުވާލު އުފައްދަމުންދާއިރު، އެ މައްސަލައިގެ ތަހުގީގަށް ރިޔާސީ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުފައްދަވާފަ އެވެ.
އެ ރިޔާސީ ކޮމިޝަން އުފެއްދެވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ސިލްސިލާކޮށް ޒުވާނުން ކޮންމެ ރެއަކު މުޒާހަރާ ކުރަމުންދަނިކޮށެވެ. އެ މުޒާހަރާތައް ކޮންމެ ރެއަކު ހުއްޓުމެއް ނެތި ދަނީ ކުރިއަށް ގެންދަމުންނެވެ.
ޔުމްނުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި ޔުމްނުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ