ކައިވެނީގެ ކުރީކޮޅު ދިރިއުޅުމުގެ ހުރިހާ ޚަރަދުތަކެއް ބެލެހެއްޓީ ރައްކާކުރި ފައިސާއިން، އެކަމަކު އެކަން އަޔުޝްމާންއަށް ނޭނގޭނެ: ތާހިރާ
ބޮލީވުޑްގެ އެކްޓަރު އަޔުޝްމާން ކުރާނާ އާ ކައިވެނި ކުރުމަށްފަހު އަހަރެއްވީ ތަނާ އަތުގައި ރައްކާކޮށްފައި ހުރި ހުރިހާ ފައިސާއެއް އެއްކޮށް ހުސްވިކަން ފިރިމީހާއަށް ނޭނގޭނެ ކަމަށް ތާހިރާ ކަޝްޔަޕް ބުނެފިއެވެ. އަޔުޝްމާން އާއި ތާހިރާ ކައިވެނި ކުރިއިރު ދެ މީހުންގެ އުމުރަކީ އެންމެ 24 އަހަރު ކަމަށާއި އޭރު ގޭގެ ހުރިހާ ޚަރަދެއް ބަލަހައްޓަމުން ދިޔައީ ތާހިރާ ކަމަށް މަޝްހޫރު ލިޔުންތެރިޔާ ވަނީ ބުނެފައެވެ. އޮފިޝަލް ޕީޕަލް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ތާހިރާ ބުނީ އޭނާ ގެއަށް ޚަރަދު ކުރަމުން ދިޔަކަމެއް އޭރު އަޔުޝްމާން ނުވެސް ދެނަހުރި ކަމަށެވެ. ވަރަށް ޒުވާން އުމުރުގައި ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އިންޑިއާގެ އެންމެ ހަލަބޮލި ސިޓީ މުމްބާއީއަށް ދިރިއުޅުން ބަދަލުކުރީ އާމްދަނީ ހޯދާނެ އެއްވެސް މަގެއް ނުފެންނަނީސް ކަމަށް ތާހިރާ ވަނީ ބުނެފައެވެ. ކައިވެންޏަށް އަހަރެއްވާން ކައިރިވެފައި ވަނިކޮށް އަޔުޝްމާނަށް ވީޖޭއެއްގެ ވަޒީފާ ލިބި އާމްދަނީ ލިބެން ފެށި ކަމަށް ތާހިރާ ވަނީ ޕީޕަލް އޮފް އިންޑިއާއަށް ދިން އިންޓަވިއުގައި ބުނެފައެވެ. ދެ މީހުންގެ ކައިވެންޏަށް ވެސް ތާހިރާ ޚަރަދު ކުރި ކަމަށާއި ނަމަވެސް އަހަރުތަކެއް ވަންދެން އޭނާ މަސައްކަތްކޮށް ހޯދި އާމްދަނީގެ ބޮޑު ބައެއް ފަހަށް ރައްކާކުރި ކަމަށް ފިލްމު އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ތާހިރާ ވަނީ ބުނެފައެވެ. ބޮލީވުޑް އެކްޓަރު އަޔުޝްމާން ކުރާނާ އަދި އަންހެނުން ތާހިރާ ކަޝްޔަޕް--ފޮޓޯ/ހިންދުންސްތާންޓައިމްސް އެކަން ބަދަލުވެ ދެ މީހުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުރުމުގެ ޒިންމާ އަޔުޝްމާން ނަގަން ފެށި ހާދިސާ ވެސް ތާހިރާ ވަނީ މި އިންޓަވިއުގައި ހިއްސާކޮށްފައެވެ. އެގޮތުން އެއްދުވަހު ގެއަށް ބާޒާރުކޮށްގެން އައިއިރު އަނބު ނުގެންނާތީ އެ ޝަކުވާ އަޔުޝްމާން ކުރުމުން އެކަމާ ހިތްހަމަނުޖެހިފައި ހުރެ ރޮވުނު ކަމަށާއި ތާހިރާ އަކީ ވެސް އަނބު ކާހިތްވާ މީހެއް ނަމަވެސް ފައިސާ ނެތުމުން އަނބު ނުގަނެވުނުކަން އެ ދުވަހު ފިރިމީހާ ގާތު ބުނި ކަމަށް ތާހިރާ ވަނީ ކިޔައިދީފައެވެ. އަޔުޝްމާންގެ ފިލްމީ ކެރިއަރު ވެސް އޭރު ނުފެށޭ ކަމަށާއި ދިރިއުޅުމުގެ ޒިންމާތައް ފިރިމީހާގެ ކޮނޑުގައި އަޅުވަން ބޭނުންނުވާތީ ގެއަށް ޚަރަދުކުރަމުން ދިޔައީ ތާހިރާ ރައްކާކުރި ފައިސާއިންކަން އެ ދުވަހު ބުނި ކަމަށާއި އޭގެ ފަހުން ގެއަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރުމުގެ ޒިންމާ އަޔުޝްމާން ނެގި ކަމަށް ތާހިރާ ވަނީ ބުނެފައެވެ. އިންޑިއާގެ ޤައުމީ އެވޯޑް ވެސް ހޯދާފައިވާ އެކްޓަރު އަޔުޝްމާން ކުޅަދާނަ ލަވަކިޔުންތެރިއެއްގެ އިތުރުން ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ. ފިލްމު "ވިކީ ޑޯނާ"އިން ބޮލީވުޑަށް ތައާރަފްވި އެކްޓަރުގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭ "ދަމް ލަގާ ކޭ ހައިޝާ"، "އަންދާދުން" އަދި "ބަދާއީ ހޯ" ހިމެނެއެވެ. އަޔުޝްމާން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2023 ވަނަ އަހަރު ރިލީޒްވި ފިލްމު "ޑްރީމް ގާލް 2"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ