މިލާން ބަލިކޮށް ނަޕޯލީން ފަރަގުކުޑަކޮށްފި މިލާން ބަލިކޮށް ނަޕޯލީން ފަރަގުކުޑަކޮށްފި

މިލާން (މާޗް 31) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން 2-1 އިން ބަލިކޮށް ނަޕޯލީން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނާ ދެމެދު ފަރަގުކުޑަކޮށްފި އެވެ.
އެއް ވަނައިގައި އޮތް އިންޓަ އަށް 30 މެޗުން ވަނީ 67 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ނަޕޯލީން ރޭގެ މޮޅާ އެކު ވަނީ، 30 މެޗުން 64 ޕޮއިންޓް ހޯދައިފަ އެވެ.
ނޭޕްލްސްގެ ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 19 މިނިޓް ތެރޭ ނަޕޯލީން ވަނީ މެޗުގައި އެ ޓީމުން ޖެހި ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. މެޗުގެ ދެ ވަނަ މިނިޓްގައި ނަޕޯލީން ލީޑުނެގީ، ޖިއޮވާނީ ޑި ލޮރެންޒޯ ދިން ބޯޅައަކުން މަޓެއޯ ޕޮލިޓާނޯ ކާމިޔާބުކުރި ގޯލަކުންނެވެ. އަދި މެޗުގެ 19 ވަނަ މިނިޓްގައި ބިލީ ގިލްމޯ ތަނަވަސްކޮށްދިން ފުރުސަތަކުން ރޮމެލޫ ލުކާކޫ ވަނީ ނަޕޯލީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.
މިލާނަށް ގޯލެއް ޖަހައިދޭން މެޗުގެ 69 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ސަންޓިއާގޯ ހިމެނޭޒް ފޮނުވާލި ބޯޅަ ނަޕޯލީގެ ކީޕަރު، އަލެކްސް މެރެޓް ވަނީ މަތަކޮށްފަ އެވެ. މިލާނުން މެޗުގައި ޖެހި ގޯލު 84 ވަނަ މިނިޓްގައި ކާމިޔާބުކުރީ ލޫކަ ޔޯވިޗް އެވެ. ނަތީޖާ ހަމަހަމަކުރަން ވެސް މިލާނުން ފުރުސަތުތަކެއް ހޯދިއިރު، ޔޯވިޗް އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.
އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު ވަނަ މެޗުން ބަލިވި މިލާން ވަނީ ލީގުގެ ނުވަ ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 30 މެޗުން ލިބިފައިވަނީ، 47 ޕޮއިންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ