އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް ފަށައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ކުޅުން ރޭ ފަށައިފިއެވެ.
މި އަހަރުގެ ކުރިން އެންމެ ފަހުން ވީއޭއެމުން އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރެވެ. އެހެންކަމުން ވޮލީބޯޅަ މުބާރާތް މި އަހަރު މި ބާއްވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
މި ފަހަރުގެ މުބާރާތުގައި ދެ ޖިންސުގެ ޓީމުތައް ހިމެނޭ ގޮތަށް 19 ސްކޫލަކުން 42 ޓީމު ވާދަކުރެއެވެ. އެގޮތުން މުބާރާތުގައި މާލޭގެ 10 ސްކޫލަކާއި އަތޮޅުތެރޭގެ ނުވަ ސްކޫލެއް ވަނީ ބައިވެރިވެފައެވެ. މި އަހަރުގެ މުބާރާތް ކުރިއަށްގެންދަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ އުމުރުން 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށެވެ.
މުބާރާތުގެ ކުޅުން ރޭ ފެށިއިރު، މި އަހަރުގެ މުބާރާތުގެ މެޗުތައް ކުޅެމުން އަންނަނީ އެކުވެނި ޓާފް ވޮލީ ކޯޓުތަކުގައެވެ. މުބާރާތުގައި ރޭ ދެ މެޗު ކުޅުނުއިރު، އެ ދެ މެޗަކީވެސް 16 އަހަރުން ދަށުގެ ފިރިހެން ބައިގެ މެޗުތަކެވެ. އެގޮތުން ކޯޓު އެކެއްގައި ކުޅުނު މެޗުން އދ. އަތޮޅު މަދަރުސާ ވަނީ ވ. ކެޔޮދޫ ސްކޫލް އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 29-27 އަދި 25-12 އިންނެވެ.
އަދި ކޯޓު ދޭއްގައި ރޭ ކުޅުނު މެޗުން ހުރަވީ ސްކޫލް ވަނީ ސީދާ ދެ ސެޓުން މަޖީދިއްޔާ ސްކޫލް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ހުރަވީ ސްކޫލުން ގެންދިޔައީ 25-19 އަދި 25-14 އިންނެވެ.
މި އަހަރުގެ މުބާރާތް ފެށިގެން ކުރިއަށްދާއިރު، 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކީ ފ. އަތޮޅު މަދަރުސާއެވެ. އެގޮތުން އެ ސްކޫލުން ވަނީ ބައިވެރިވި ހުރިހާ އުމުރުފުރާއެއްގެ ފައިނަލުގައި ވާދަކޮށް، ތިން ފައިނަލް ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ