ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ އަދަދު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް ހުހެޅީ ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން އެވެ. އެގޮތުން:
އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އަރާނެ މައުލޫމާތެއް ކަމަށް ބުނެ، އެއީ އިސްތިސްނާއީ ހާލަތެއްކަން ފާހަގަކޮށް، ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދާފައިވޭ
މިނިސްޓްރީން އެގޮތަށް ފާހަގަކޮށްފައިވާތީވެ، އޭރު އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވި ހުސައިން ފިޔާޒު މޫސާ ނިންމެވ އެ މައުލޫމާތު ހާމަނުކުރަން
އެހެންވެ، އެ ނިންމުން އިސްތިއުނާފް ކުރުމަށް އަޒާން ހައި ކޯޓަަށް ހުށަހެޅި
ތަފްސީލް- އެ މައްސަލައާ ގުޅިގެން މިއަދު ހައި ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، މައްސަލަ ބެއްލެވި އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ ހުކުމް އިއްވެވުމުގެ ކުރިން ޝަރީއަތަށް ފާހަގަކުރެވުނު ބައެއް ކަންކަން ހިއްސާކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:
އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް އައިކޮމް އިން ނިންމީ، އަޒާން ނުހިމެނޭ ގޮތަށް ޑިފެންސް މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު؛ އެއީ އެންމެ އަދުލުވެރި ގޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ
އެ ނިންމުން ނިންމީ ސިއްރު އެއްބަސްވުމަކާއި ސިފަައިންގެ ލަފާ ދޭ މަޖިލީހުން ދިން ލަފާގެ މައްޗަށް ބިނާކޮށް ނަމަވެސް، އެއްބަސްވުމުގައި އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް އޮތްތޯ ބަލަައި އެ އެއްބަސްވުމަކީ ވުޖޫދުގައި އޮތް އެއްޗެއްތޯ ބަލާފައިވާ ކަމެއް ނޭނގޭ
އެ ސިއްރު ބައްދަލުވުމުގެ ރެކޯޑިންއެއް ނުވަތަ ބަޔާނެއް ނެތް އިރު، ރެކޯޑުގައި އޮތީ ހަމައެކަނި މިނިސްޓްރީން ބުނާ ބަަސް
ދައުލަތުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި، ޖަވާބުދާރީކުރުވަނިވި ގޮތެއްގައި ހިންގުމަށް ގާނޫނުން ބާރު ދިން ނަމަވެސް، އެ ބާރުގެ ބޭނުންކޮށް މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ކަށަވަރުކޮށްފައިވާކަން އެނގޭކަށް ނެތް
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ގާޒީ ޝަހީދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ބުނެފައިވަނީ، ސިފައިންގެ އަދަދު ހާމަނުކުރަން އައިކޮމް އިން ތާއީދުކުރީ، އެ އޮފީހަށް މައްސަލަތައް ބެލުމަަށް ގާނޫނުން މަތިކޮށްފައިވާ ބާރުތަކާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް ވާތީ، އެ ނިންމުން ބާތިލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ މައްސަލަ އަލުން އައިކޮމްއަށް ހުށަހަޅައިފި ނަމަ، އެ މައްސަލާގައި އަލުން ގޮތެއް ކަނޑައަޅަން ވެސް އައިކޮމްއަށް އަންގާފައިވެ އެވެ.
އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ނިންމީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ