އިންތިޚާބުތަކާ ގުޅޭ މައްސަލަތައް ސުޕްރީމް ކޯޓުން 10 ދުވަސްތެރޭ ނިންމަން ލާޒިމްކޮށްފި
އިންތިޚާބުތަކާ ގުޅޭ މައްސަލަތައް ސުޕްރީމް ކޯޓުން 10 ދުވަސްތެރޭ ނިންމަން ލާޒިމްކުރާ އިސްލާހެއް ހިމަނާފައިވާ ބިލެއް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ތަސްދީގު ކުރައްވައިފިއެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 16ގައެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި މިއަދު ބުނީ، އެ ބިލުން އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 65 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށްފައިވާ ކަމަށެވެ. މި އަކުރުގައި ވަނީ އިންތިޚާބަކާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހަޅާ މައްސަލައެއްގައި ގޮތް ނިންމުމުން، އެ ނިންމުމެއް އިސްތިއުނާފު ކުރުމަށް އެދޭނަމަ އެ މައްސަލައެއް ހައިކޯޓުން ގޮތް ނިންމާތާ ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ. މީގެ އިތުރުން، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި، ކޮންމެ އިންތިޚާބަކަށްފަހު، އެ އިންތިޚާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެއެ. މީގެ އިތުރުންވެސް އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލުގެ އެކިއެކި މާއްދާތަކަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ