އާ ޓާމިނަލްގައި މުއިއްޒުގެ ހިއްސާއަކީ 10 ޕަސެންޓު، ޞާލިޙް ހިންގީ 300 މިލިއަން ޑޮލަރުގެ ކޮރަޕްޝަން: ޔާމީން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 10 ޕަސެންޓު ހިއްސާ ވެސް ނެތް ކަމަށާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ޓާމިނަލަށް ބަދަލު ގެނައުމުގެ ނަމުގައި 300 މިލިއަން ޑޮލަރު އިތުރުކުރީ ކޮރަޕްޝަން ހިންގަން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެއެވެ. ޔާމީން އާ ޕާޓީ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރައީސް އަމިއްލަފުޅަށް ކުރައްވާފައިވާ ޓްވީޓްތަކެއް މިހާރު ދައުރުވަމުން އަންނަ ކަމަށެވެ. އެ މަނިކުފާނު އިޝާރާތްކުރެއްވީ، ވީއައިއޭއަކީ ޔާމީންގެ ތަސައްވުރެއް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ކުރިން ކުރައްވާފައިވާ ޕޯސްޓެއް އަލުން ވައިރަލްވުމަށެވެ. ވީއައިއޭގެ ރަސްމީ ހޭންޑަލުން މީގެ ތިން އަހަރު ކުރިން އޭޕްރިލް 19، 2022 ގައި ކޮށްފައިވާ ޓްވީޓެއް ކޯޓުކުރައްވައި ޔާމީނަށް ޝުކުރު ދެންނެވުމަށް ފަހު ރައީސް އޭރު ވަނީ، އާ ޓާމިނަލަކީ ދުރުވިސްނޭ ލީޑަރެއް ގެނެސްދެއްވާ ތަރައްގީއެއް ކަމަށް ސިފަކުރައްވައި ޓްވީޓްކުރައްވައިފައެވެ. ޔާމީން އިޝާރާތްކުރެއްވީ އެ ޓްވީޓަށެވެ. "ޓާމިނަލް މަސައްކަތުގައި ޓާމިނަލް ޓެންޑާކުރުމާއި ބަޔަކާ ހަވާލުކުރުމާއި ދެން ފަހުން މަސައްކަތްކުރުމުގެ ބޮޑުބައި އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރާ ދިމާވީ ކުރުމަށް، މުއިއްޒު ކުރައްވާ މަސައްކަތަށް ބަލާއިރު އަޅުގަނޑަކަށް ހިޔެއްނުވޭ 10 ޕަސެންޓު ވެސް އޭގައި އޮންނާނެހެނެއް އެނގޭތޯ،" ޔާމީން ވިދާޅުވިއެވެ. ވީއައިއޭގެ އާ ޓާމިނަލް: ޓާމިނަލް އަޅަން ފެށީ ޔާމީންގެ ސަރުކާރުގައި -- ފޮޓޯ/ ވީއައިއޭ މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ، އެއާބަސް މަރުކާގެ ބޮޑެތި މަތިންދާބޯޓު ފަހަރު ޖެއްސޭ ގޮތަށް ތަރައްގީކުރި ކޯޑް އެފް ރަންވޭއާއި މާލެއާއި ހުޅުމާލެ ގުޅާލާ ސިނަމާލެ ބްރިޖު 2018 ވަނަ އަހަރު އެ މަނިކުފާނު ނުހުޅުވިނަމަ ކޮންމެ ވެސް ބަޔަކު އެ ތަންތަނުގެ ވެސް ކްރެޑިޓް ނަގައި ހުޅުވުމަށް މަސައްކަތްކުރާނެ ކަމަށެވެ. ޔާމީން ވިދާޅުވި ގޮތުގައި އާ ޓާމިނަލްގެ މަސައްކަތް ނުފެށި އޭރު ލަސްވީ ސައުދީ ފަންޑާއި އެ ތަނުގެ މަސައްކަތްކުރުމަށް ހަވާލުކުރީ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ދެމެދު ބައެއް ކަންކަމަށް އެއްބަސްނުވެވި ހުރުމުންނެވެ. "ދެން ފޮށިގަނޑަކަށް ވީމާ ތިމަންމެންނޭ މިތަން ރީތިކުރީ، މި ރީތިކުރަން މި ހުރީ ފޮފަ ލައްވާފައި ހުރި ގޮތަށް އެނގޭތޯ ހަދާފައި ހުރި ތަންތަން. މިއީ ސިވިލް އިންޖިނިއަރިން މަސައްކަތެއް، މި ތަނަށް ހަގީގަތުގައި ދިޔައީ 28 މިލިއަން ޑޮލަރު، މި ދޮގެއް ނުކުރެވޭނެ،" ޔާމީން ވިދާޅުވިއެވެ. "މިތަނަށް ދިޔައީ 28 މިލިއަން ޑޮލަރު، އެކަމަކު ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކައިރިވެފައި އޮތީމާ އެ ފަހަރު ރައްޔިތުންގެ މަޖިލިސް އިންތިޚާބު ނަގަންވެގެން އިބްރާހީމް މުހައްމަދު ޞާލިޙުމެން ޕްރޮޖެކްޓުގެ ވޭރިއޭޝަނެކޭ ކިޔާފައި 300 މިލިއަން ޑޮލަރު ޕްރޮޖެކްޓުގެ އަގަށް އިތުރުކުރީ،" އެ އިތުރުކުރި 300 މިލިއަން ޑޮލަރަކީ ކޮރަޕްޝަންގެ ގޮތުގައި ޔާމީން ވަނީ ސިފަކުރައްވައިފައެވެ. އަދި، އެ ފައިސާ ބޭނުންކުރީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކަމަށް ވެސް އެ މަނިކުފާނު ވަނީ ތުހުމަތުކުރައްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވިދާޅުވީ ޓާމިނަލްގެ ޑިޒައިން ބަދަލުކުރީ ކޮރަޕްޝަން ހިންގަންވެގެން ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް އާ ޓާމިނަލް ނިންމުމުގެ ކްރެޑިޓް، ސަރުކާރަށް ތާއީދުކުރާ މީހުން ދެނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށެވެ. އެއީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އަވަސް ދުވެލީގައި މަސައްކަތް ނިންމައިދެއްވީ ކަމަށް ބުނެއެވެ. ނަމަވެސް، މިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިންނާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކުރާ މީހުން އާ ޓާމިނަލްގެ ކްރެޑިޓް ދެނީ، މިިދިޔަ ސަރުކާރަށެވެ. އެގޮތުން، އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިހާރު ފެންނަ އާ ޓާމިނަލްގެ އެތެރެއާއި ބޭރުގެ ހުރިހާ ރީތިކަމަކަށް ކްރެޑިޓް ލިބޭނީ ޞާލިހަށް ކަމަށެވެ. ސަބަބަކީ ޔާމީންގެ ވެރިކަމުގައި ޓާމިނަލްގެ ބޭރު ޑިޒައިން ހުރީ 'ކޮންޓެއިނަރެއް'ހެން ކަމަށާއި، ރާއްޖޭގެ މައި އެއް ބިނާގައި އެ ސިފަ ހުރުން ކަމުނުދިޔުމުން ޞާލިހު އެ ޑިޒައިން ބަދަލުކުރެއްވީ ކަމަށެވެ. ވީއައިއޭގެ އާ ޓާނިމަލް ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރެވެ. އެ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން 2018 ވަނަ އަހަރު ވަނީ ކޯޑް އެފް ރަންވޭ ތަރައްގީކޮށް ނިންމައި ހުޅުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ