ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން؛ އަވަސް ފިޔަވަޅު އަޅަން ގޮވާލައިފި

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާތީ ކަންބޮޑުވުން ފާޅުކޮށް، ގެއްލުން ކުޑަކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތައް އެޅުމަށް މަޓާޓޯ އާއި ހޮޓެލްސް އެންޑް ގެސްޓްހައުސަސް އެސޯސިއޭޝަނުން މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - އެ ދެ ޖަމްއިއްޔާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިހާރުގެ އެރައިވަލް ޓްރެންޑުތަކާއި ބުކިން ޕެޓާންސް އަދި ކެންސަލޭޝަންއަށް ބަލާއިރު ޓޫރިޒަމަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާކަމަށް ލަފާކުރެވޭ ކަމަށެވެ.
ތަފްސީލް - ފާއިތުވި ދުވަސްތަކުގައި ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމާ އެކު ވަޒީފާގެ ބާޒާރާއި ބޭރު ފައިސާގެ އާމްދަނީގެ އިތުރުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކާއި ގައުމުގެ އިގްތިސޯދަށް ސީރިއަސް ނުރައްކާ ކުރިމަތިވާނެ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ:
މިހާރުގެ ހާލަތަށް ބަލާއިރު ގެސްޓްހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުންތައް ގިނަ
ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުންނަށް އަދި ޓޫރިޒަމާ ގުޅުން ހުރި އެހެން ވިޔަފާރިތަކަށް ވެސް ގެއްލުން ބޮޑު
ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ ބޮޑު ހިއްސާއަށް ވާއިރު ވިޔަފާރިތަކަށް ކުރާ އަސަރުތަކާ އެކު ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ބަންދުކުރަންޖެހޭ ހާލަތެއް އަތުވެދާނެ
ތަފާސްހިސާބުތަކާ ހަވަލާދީ އެ ބަޔާނުގައި ބުނީ މާޗު އަދި އޭޕްރީލް މަހު ވެސް ޓޫރިސްޓުން އައި އަދަދު މަދުކަމަށާއި މި މަހު ވެސް އެ އަދަދުތައް ހުރީ ދަށްކޮށް ކަމަށެވެ. އިންޑަސްޓްރީ ސްޓޭކްހޯލްޑަރުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮޕަރޭޝަނަލް އަދި މާލީ ގޮންޖެހުންތައް ކަމަށް ވެސް އެ ދެ ޖަމްއިއްޔާ އިން ބުންޏެވެ.
މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ވިޔަފާރިތަކަށް އެހީތެރިވުމަށް ކްރައިސިސް ސަޕޯޓު ނިޒާމެއް ތައާރަފުކުރުމަށް ސަރުކާރަަށާއި މާލީ އިދާރާތަކަށް ގޮވާލައިފަ އެވެ.
މީގެ އިތުރުން:
ގެސްޓްހައުސްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލޯނު ފެސިލިޓީތަކާއި މިހާރު ބޭންކިން ނިޒާމުގެ ތެރެއިން ނުލިބޭ ފަސޭހަ އެހީގެ ސްކީމްތައް ތައާރަފްކުރަށް ގޮވާލާފައިވޭ
ގޮންޖެހުން ބޮޑު މި ދަނޑިވަޅުގައި އިންޓްރެސްޓް ނުހިމެނޭ މޮރަޓޯރިއަމްތައް ދިނުމާއި ލޯނުތައް ރީސްޓްރަކްޗާ ކުރުމާއި ޓެކުހާއި ފީތައް ދެއްކުމުގައި ލުއިތައް ދިނުމަށް ވަނީ ގޮވާލާފައި
ލޯކަލް އޮޕަރޭޓަރުންނަށް ވިޔަފާރި ކުރިއަށް ގެންދިއުމަށާއި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް މަގުފަހިކުރުމަށް ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ގޮވާލާފައިވޭ
އޮޕަރޭޝަނަލް ހަރަދުތައް މައްޗަށް އަރައިގެންދިޔުން ކޮންޓްރޯލުކުރުމަށް އެއާޕޯޓުން ވިއްކާ ތެލުގެ އަގު ކޮންޓްރޯލުކޮށް ވިޔަފާރިތަކުގެ ހަރަދުތައް ބޮޑުވާފަދަ ކަންތައް ކޮންޓްރޯލުކުރުމަށް ފިޔަވަޅުތައް އެޅުން
ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ އަގު ބޮޑުވަމުންދާތީ ހުއްޓިފައިވާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ބަޔާނުގައި ބުނީ މީގެ ކުރިން ދުނިޔެއަށް ކުރިމަތިވި އެކި ކާތިސާތަކާ އެކު ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ސާބިތުކަމާ އެކު ދެމިއޮތް ކަމަށެވެ.
މިހާރު ކުރިމަތިވެފައިވާ ހާލަތުން ވިޔަފާރިތައް ސަލާމަތްކޮށް ވަޒީފާތައް ރައްކާތެރިކުރުމާ އެކު ފަތުރުވެރިކަމަށް އޮތް އިތުބާރު ދެމެހެއްޓުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ކޮންމެހެން މުހިއްމު ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ފަތުރުވެރިކަން އިއާދަކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދެމެހެއްޓެނިވިކަމާއި ވާދަވެރިކަން ކަށަވަރުކުރުމަށް ސަރުކާރާއި މާލީ އިދާރާތައް އަދި ސިނާއަތުގެ ހިއްސާދާރުންނާ ގުޅިގެން މަސައްކަތްކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ދެ ޖަމްއިއްޔާ އިން ވަނީ ދީފަ އެވެ.
ފާހަގަ ކުރެވޭ - މިދިޔަ ފެބްރުއަރީ ފަހުކޮޅު ފެށި ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަަ ފަތުރުވެރިންގެ އަދަދު ވަނީ %5.4 ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ 9 ދުވަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ %13 ދަށްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ