ގާޒީ އިސްމާއީލްގެ މައްސަލަ ޕީޖީގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅުމަކީ ބިރުދެއްކުމުގެ އަމަލެއް: ޑޜ ދީދީ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގައި އެ މައްސަލަ ބޭރުކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ އިސް،ާއީލް ރަޝީދުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަކީ ބިރު ދެއްކމުގެ އަމަލެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. 
އަދީބުގެ ހަތް ދައުވާގެ މައްސަލަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޕީޖީ ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ  އަދީބުގެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެއްވެސް ހަމަޖެހޭ ކަންތަކެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި  މައްސަލަ ނިންމުމުގައި އެއްވެސް ގޯހެއް އުޅޭތޯ ނިންމާނީ ޕީޖީން ނޫން ކަމަށެވެ. އެހެން ނަމަވެސް ބެލެނިވެރި ފަރާތެއް ނުވަތަ ކަންކަން ހިނގާގޮތް ބަލާ ތަނެއް އޮންނައިރު އެތަނަކުން މައްސަކައެއް ކުރިޔަށް ގެންދާނެ ކަމަށެވެ. އެހެން ކަމުން އެއީ ކޮންމެ ފަނޑިޔާރެއްގެ މައްސަލައަކަސް ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށާއި، ގޯހެއް ވާނަމަ އެކަމާއި މެދު ގޯހެއް ނިންމާނީ ވެސް އެ ކޮމިޝަނުން ކަމަށް ޝަމީމް ވިދާޅުވިއެވެ.
ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ޕީޖީ ވިދާޅުވުމާއި ގުޅިގެން ޑރ ދީދީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ  ފަނޑިޔާރެއްގެ ޤަޟާއީ ނިންމުމަކަށް ފާޑު ކިޔައި އެކަން ބެލުމުގެ ދުސްތޫރީ އިޚްތިޞާޞް ނެތް ސިޔާސީ ބޮޑީ އަކަށް އެ މައްސަލަ ހުށަހެޅުމަކީ ޕީޖީ ބަޔަސްވެފައި ވާކަމުގެ ދަލީލެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ޢަމަލެއް ކަމަށް ޑރ ދީދީ ވިދާޅުވިއެވެ. 
ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އަމާޒުވެގެން ދިޔަ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ، ހުކުމުގައި ކަންބޮޑުވާ ކަންތަކެއް އެބަހުރިކަމަށެވެ. މައްސަލައެއް ބަލަން ޖެހޭނީ ކޯޓަށް ހުށަހެޅޭ އަދި ދެ ފަރާތުން ދައްކަވާ ވާހަކަތަކުގެ މައްޗަށްކަމަށް ވާއިރު، ހުކުމް އައިސްފައިވާ ގޮތް ސާފެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ގާނޫނީ ނިޒާމެއްގެ ތެރެއިން، ހުށަހެޅޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ހުކުމް ކަނޑައެޅުމަށް އޮންނަނީ މުހިންމު މަގްސަދެއްގައި ކަމަށެވެ. އެހެން ކަމުން، ފަނޑިޔާރުގެ އަމިއްލަ ވިސްނުމަކަށް، ނުވަތަ ފަނޑިޔާރަށް އެނގޭ އެހެން މައުލޫމާތުތަކެއްގެ މައްޗަށް ގޮތް ކަނޑައަޅަން ވެއްޖެނަމަ ފުލުހުންނާއި، ޕީޖީ އަދި މައްސަލަތައް ތަހުގީގު ކުރާ އިދާރާތްތަކުގެ ބޭނުމެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ގަޒީ އިސްމާއީލް ރަޝީދު ނިންމެވީ، ބޭސްފަރުވާއަށް ދިޔުމުގެ ޝަރުތެއްގެ ގޮތުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް އަދީބާއި އެކު ހަދާފައިވަނީ ނުފޫޒު ފޯރުވައި ޓޯޗާކޮށްގެން ކަމަށެވެ. ނަމަވެސް މިއީ ޓޯޗާއެއްކަމަށް ގާޒީ ނިންމެވި ގޮތަކާއި، ޓޯޗާއަކަށް ވަނީ ސީދާ ކީއްވެގެންކަން ބަޔާންކޮށްފައި ނުވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ އިއުތިރާފު އެއްބަސްވުމެއް އޮންނަ ހާލަތުގައި އަމަލު ކުރާނެ ގޮތް ގާނޫނުގައި  އެބައޮތް ކަމަށެވެ. އަދި އަދީބު ވެސް އޭގެއިން އެއްވެސް އެއްބަސްވުމަކަށް އިންކާރުކޮށްފައި ނުވަނީސް އެއީ ނުފޫޒުން ވެފައިވާ އެއްބަސްވުމެއްގެ ގޮތުގައި ގާޒީ ނިންމެވީ ގާނޫނީ އިމުގެ ތެރެއިން ނޫން ކަމަށެވެ.
އަދީބުގެ މައްޗަށް އުފުލެން ހުރި ދައުވާތަކުގެ ތަފްސީލު ހިއްސާ ކުރައްވާ ޝަމީމް ވިދާޅުވީ، މިހާރުވެސް އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލިދާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ 150 ދައުވާއެއް އެއީ ޕީޖީ އޮފީހާއި އެކު އަދީބު މީގެ ކުރިން ވެފައިވާ އެއްބަސްވުން ބާތިލް ކުރި ނަމަވެސް އުފުލެން ހުރި ދައުވާތަކެއްކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށް ވުރެ ކުރުނޫން މުއްދަތެއްގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަސް އަންނާނެ ކަމަށް ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ