ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ދޭން ޖެހޭ 348.10 މިލިއަން ރުފިޔާގެ މައްސަލަ ރިވިއު ކުރުމަށް އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
އެޖީ އޮފީޙުގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވިޓެއްގައި ބުނެފައިވަނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، އާންމު މަސްލަޙަތަަށް ރިއާޔަތްކޮށް، އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭޖީ ނިންމާފައިވާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
އެ ބަދަލު ބޮޑުވެ އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެ މައްސަލާގައި ހައްލެއް ހޯދުމަށް ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދީބާޖާއާއެކު ސަރުކާރުން މަޝްވަރާއަށް ވެސް ދިޔަ އެވެ. އެ މަޝްވަރާތަކަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ. އެއަށް ދީބާޖާ ވެސް އެއްބަސްވި އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅި އެ މަޖިލީހުންވަނީ ހުކުމް އެއްކޮށް ރިވިއު ކުރަން ހުށަހަޅަން ބަންޑާރަ ނައިބު އޮފީހުގައި އެދެން ފާސްކޮށްފަ އެވެ. މަޖިލީހުގެ ކޮމިޓީގައި ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލުދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރައްވައި އެ ކޮމިޓީގެ ބައްދަލުވުމަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާޒިރުކޮށް، ގިނަ ސުވާލުތަކެއް އޭނާ އަށް ވަނީ ކުރިމަތި ކުރުވި އެވެ.
މާލިއްޔަތު ކޮމިޓީގައި ރިފްއަތު ވިދާޅުވީ، ކޯޓުތަކާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ރިވިއު ކުރެވިދާނެ ނިންމުންތަކެއް ކަމަށާއި އެހެން ނަމަވެސް ގާނޫނުގައި އޮންނަ ގޮތުން ދެ ކަމެއް ފުރިހަމަވާން ޖެހޭ ކަމަށެވެ. އެގޮތުން ގާނޫނީ އުސޫލެއް ފުރިހަމަ ވުމާ އެކު ގާނޫނީ ނުކުތާއެއް އެކަމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދެކަން ފުރިހަމަ ވެއްޖެ ނަމަ ސުޕްރީމް ކޯޓުން ކުރިން ނިންމައިފައި އޮންނަ ނިންމުމެއް ބަދަލު ކުރުމާއި ބާތިލު ކުރުމާއި އެ ނިންމުމާ މުޅިން ތަފާތު އެހެން ނިންމުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން މިހެން އޮންނަ އިރު ”ރެސްޖުޑިކާޓާ“ ގެ މަފްހޫމުގެ ދަށުން މަތީ ކޯޓުތަކުން ނެރޭ ހުކުމްތަކަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ. އެކަން އެހެން އޮންނަނީ ވަރަށް މުހިއްމު ސަބަބަކަށްޓަކައި ކަމަށާއި ކޯޓުތަކުގެ ނިންމުން ކޮންމެ ދުވަހު ބަދަލު ކުރާ ނަމަ ދުވަހަކު ވެސް މިކަަމަށް ނިމުމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޖީ ވިދާޅުވީ އެކަން އެމޭރުމުން ކުރާ ނަމަ ފަނޑިޔާރުގެ އަށް އިތުބާރު ގާއިމް ނުކުރެވޭނެ ކަަމަށާއި ކޯޓުތަކުން ނިންމާ ނިންމުންތަކަކީ ރައްޔިތުން ބަލައިގަންނަ ނިންމުންތަކަށް ވެސް ނުހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރިފްއަތު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރަނީ ވަރަށް ހާއްސަ ހާލަތްތަކުގައި ކަމަށެވެ.
ރިއްފަތު ވިދާޅުވީ، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު އެއަދަދުގެ ދެބައިކުޅަ އެއްބައި ކުޑަ ވުމަކީ، ދައުލަތަށް މާލީ ބުރަ ވަރަށް ބޮޑަށް ކުޑަވާނެ ކަމެއް ކަމަށެވެ. ދީބާޖާ މައްސަލައިގައި ދައުލަތުން އަމަލުކޮށްފައި ވަނީ ވެވުނު އެގްރީމެންޓާ ހިލާފަށް ކަމަށްވާ އިރު އެކުންފުންޏަށް އަދުލުވެރި ބަދަލެއް ދޭން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފަ އެވެ. ރައީސް މިދިޔަ ހޯމަ ދުވަހު ވަނީ އެގޮތަށް ބަދަލު ދިނުމަށް ނިންމަވައިފަ އެވެ.
ދީބާޖާގެ ހުކުމް ރިވިއު ކުރަން އޭޖީއިން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ