ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ ގާޒީ، ސައީދުގެ މައްސަލަ އޭސީސީއަށް

ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަޙްމަދު ސަޢީދު ޢަލީގެ މައްޗައް ރިޝްވަތުނަގާކަމުގެ ތުހުމަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުނު މައްސަލަ، އެކޮމިޝަނުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ، ކުރީގެ މެޖިސްޓްރޭޓް ސަޢީދު ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި، ރިޝްވަތުނަގާކަމަށް ބުނާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤު ކުރަމުންދަނިކޮށް، ސަޢީދު ވަނީ މިހައަހަރުގެ ސެޕްޓެންބަރު މަހުގެ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފަކަމަށެވެ.
އަދި ޤާނޫނު އެކޮމިޝަންގެ ގާނޫނުގެ ދަށުން، ޖޭއެސްސީގެ ބެލުމުގެ އިޙްތިޞާޞް ލިބިފައިވަނީ ފަނޑިޔާރެއްގެ މަޤާމުގައި ހުރި ފަރާތެއްގެ ސުލޫކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައްކަމަށްވާތީއާއި، ސަޢީދަކީ މިހާރު ފަނޑިޔާރުކަމުގައި ހުރި ފަރާތަކަށް ނުވުމުން، މި މައްސަލައިގެ ތަޙްޤީޤު އިތުރަށް ކުރިއަށް ގެންދެވެން ނެތުމުން، މިމައްސަލައިގެ ތަޙްޤީޤު ހުއްޓާލާ މައްސަލަ ފައިލްކުރަން ނިންމާފައިވާކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ.
މީގެއިތުރުން މިމައްސަލަ ކޮމިޝަންގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމަށް ފެންނަކަމަށް މިއަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 66 ވަނަ ޖަލްސާއިން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.
2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު 17 ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަފައިވާއިރު، ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސްމެޖިސްޓްރޭޓް އަޙްމަދު ސަޢީދު ޢަލީގެ މައްސަލަ ވެސް މިމައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ