ޔާމީން ކެމްޕޭން ކުރަން އެބަޖެހޭ، މައްސަލަ އަވަސްކޮށްދީ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެމްޕޭން ކުރައްވަން ޖެހޭ ކަމަށާއި އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ އަވަސްކޮށްދޭން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް އިސްތިއުނާފް އަޑުއެހުންތައް އަދި ފަށާފައެއް ނުވެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ޔާމީންގެ މައްސަލަ އަދުލުވެރިކަމާއި، އިންސާފާއި ހަމަހަމަކަމާއެކު އަވަސްކޮށްދޭން ހައިކޯޓަށް ގޮވާލާ ކަމަށާއި ޔާމީނަކީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ.
"އެމަނިކުފާނު ރައްޔިތުންނާ ގާތަށް ގޮސް، ރައްޔިތުންނާއި ބައްދަލުކޮށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ މަސައްކަތް ކުރަން އެބަޖެހޭ. ރައްޔިތުން އެބަ ބޭނުންވޭ އެމަނިކުފާނު މިއަހަރުގެ ރިޔާސީ އިންތިހާބުގައި މި ރާއްޖޭގެ ވެރިކަމަށް ގެންނަން. އެހެންވީމަ އެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ގާނޫނީ އިމުގެ ތެރެއިން ކޮށްދެއްވުމަށް ހައިކޯޓަށް ގޮވާލަން." އަދުރޭ ވިދާޅުވި އެވެ.
ޔާމީން ޖަލުން މިނިވަންވެވަޑައި ނުގަތް ނަމަވެސް ރޯދަ މަހަށް ފަހު އެމަނިކުފާނުގެ ކެމްޕެއިން ފަށާނެ ކަމަށާއި ޔާމީން ޖަލުން މިނިވަންވެވަޑައިގަންނަވާއިރު ތިބޭނީ އެމަނިކުފާނަށް ވެރިކަން ލިބޭ ވަރަށް ކެމްޕެއިންގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ޔާމީން ޖަލުން މިނިވަންވެވަޑައިގެން މާގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާއިރު އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ވެސް އެމަނިކުފާނަށް ވަނީ ދައުވާތަކެއްކޮށްފަ އެވެ. އެ މައްސަލައިގައި ޔާމީނަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ