ހަމައެކަނި ބީއެމްއެލް ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލޭތީ ކުއްލި މައްސަލައެއް
މިހާރަކަށް އައިސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ ތެރެއިން ގިނަ ބައެއްގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ، އެކި ގޮތްގޮތުން ގެއްލެމުންދާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲއެވެ. އެ މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ އެފަދަ ގިނަ މައްސަލަތައް ކުރިމަތި ވަނީ ބީއެމްއެލްގައި ރައްކާކުރެވިފައިވާ އާންމުންގެ ޒާތީ މައުލޫމާތުތައް ބޭނުން ކޮށްގެން ކަމަށެވެ. އެކަން ކުރަނީ އެކި ފަރާތްތަކުން ފޯނުގެ ޒަރީއާއިން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. މެމްބަރު ވިދާޅުވީ ބުރަ މަސައްކަތުން އާންމުން ހޯދާ ފައިސާ، ފަޅި ސިކުންތެއްގެ ތެރޭގައި ގެއްލުމާއެކު އެ މައްސަލަ ބީއެމްއެލްއާއި ފުލުހުންނަށް ހުށަހެޅި ނަމަވެސް، އެ ގެއްލުނު ފައިސާ ނުލިބޭ ކަމަށެވެ. އަދި އެކަން ރިޕޯޓު ކުރުމުގެ ސަބަބުން އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އޭގެ ސަބަބުން އާންމު ރައްޔިތުން، ބޭންކަށް ކުރަން ޖެހޭ އިތުބާރު ގެއްލެމުން ދާ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން، މެމްބަރު ވަނީ އެކަން ހައްލު ކުރުމަށް ބީއެމްއެލް އާއި ސަރުކާރަށް ގޮވާލައްވާފައެވެ. އެ މައްސަލަ މަޖިލީހުން ބަލައިގެންފައި ވަނީ އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މައްސަލައަށް ބަހުސް ކުރައްވަމުން ބައެއް މެމްބަރުން ވަނީ އެފަދަ މައްސަލަތަކުގައި ބޭންކުގެ ބައެއް މުވައްޒަފުން ޝާމިލުވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ބައެއް މެމްބަރު ވަނީ އެ ކަމަކީ ކަސްޓަމަރުން، ފަރުވާތެރިވާން ޖެހޭ މިންވަރަށް ފަރުވާތެރި ނުވުމުން ދިމާވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ. ބޭންކް މެދުވެރިކޮށް ކުރާ ވައްކަންތަކާއި ސްކޭމްތައް މިހާރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. މިކަމަށް ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ބީއެމްއެލް އިން ވަނީ ކިއުއާރު ކޯޑު ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ އަދަދު 750ރ. ލިމިޓުކޮށް، ދުވާލެއްގެ މައްޗަށް ގިނަވެގެން 10 ޓްރާންސެކްޝަން ހެދޭ ގޮތަށް ބަދަލު ކޮށްފައެވެ. މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންނާއި ބޭންކުތަކުން އަބަދުވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ. އެގޮތުން ގޮތް ނޭނގޭ ލިންކުތަކަށް ނުފިތުމަށާއި، އިންޓަނެޓް ބޭންކިން މައުލޫމާތާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށާއި އިންޓަނެޓާއި ފޯނުގެ ޒަރިއްޔާއިން މުއާމަލާތް ކުރުމުގައި އިތުރަށް ސަމާލުވާން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ