ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެއް ވަނަ ފޯވާޑް، އާދަމް އަބްދުއް ލަތީފް (ލައްޗޭ)ގެ ކޯޗުކަމުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ޕްރީ ސީޒަން ޕްރެކްޓިސް ކުރިއަށް އެބަގެންދެ އެވެ.
މީގެ ކުރިން ލައްޗޭ ވަނީ ކްލަބް ވެލެންސިއާ އާއި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި، މި ސީޒަނުގައި، އެފްއޭއެމް ލީގު ކަޕްގައި، ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބުން ވާދަކުރިއިރު، އެސިސްޓަންޓް ކޯޗަކަށް ލައްޗޭ ހުއްޓެވެ. އަދި، ލީގު ކަޕްގައި ނިއު އިން ކުޅުނު ފުރަތަމަ މެޗުގައި، ލައްޗޭ ވަނީ ހެޑް ކޯޗެއްގެ ޒިންމާ ވެސް ނަގައިފަ އެވެ.
ވިކްޓަރީގެ ހިންގާ ބޯޑު ބަދަލުވުމުގެ ކަންކަން ކުރިއަށްދާއިރު، އެ ކްލަބްގެ ޕްރެކްޓިސް ލައްޗޭއާ އެކު މި ފެށީ، މި މަހު 15 ވަނަ ދުވަހު އެފްއޭއެމް އިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނިކޮށެވެ. ލީގު ފަށަން ނިންމާފައިވަނީ، މި މަހު 18 ވަނަ ދުވަހު އެވެ.
ވިކްޓަރީން މި އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މި ވާދަކުރަނީ، ހަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ ޓީމުން އެންމެ ފަހުން، ކުޅުނު ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށް، ފުރަތަމަ ޑިވިޝަނަށް ވަނީ ޕްރޮމޯޓްވެފަ އެވެ. ވިކްޓަރީން މި ސީޒަނުގައި އެންމެ ފުރަތަމަ ނިކުންނަން ނިންމީ، މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގަ އެވެ. އެކަމަކު ސީޒަން ފެށުން ލަސްވެ، އާތީ، ވަނީ ވިކްޓަރީ ދޫކޮށް ގައުމީ އަންހެން ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ.
ކުރިއަށް އޮތް ސީޒަނަށް ރަނގަޅު ސްކޮޑެއް ވިކްޓަރީން އެކުލަވާލައިފައިވާއިރު، އެ ޓީމަށް ކުޅެން ނިންމި، މުހައްމަދު އުމެއިރު ވަނީ ކުޅުމުގެ ކެރިއަރު މަޑުޖައްސާލައި، އެފްއޭއެމް ހިންގާ ކޮމިޓީގެ މަގާމަކަށް އިންތިހާބުވެފަ އެވެ.
ވިކްޓަރީ ޓީމުގެ މުހިންމު ކުޅުންތެރިޔާ، އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ހުރީ އަނިޔާގަ އެވެ. އަދި، އޭނާ އަންނަނީ ކޯޗިންގައި ލައްޗޭ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ލައްޗޭގެ ކޯޗުކަމުގައި ވިކްޓަރީ ޕްރެކްޓިސް ކުރިއަށް ލައްޗޭގެ ކޯޗުކަމުގައި ވިކްޓަރީ ޕްރެކްޓިސް ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ