ގާނޫނު ކިޔަވާ ދަރިވަރެއް ކޯސް ފީ ނުދައްކައިގެން އިސްލާމީ ޔުނިވާސިޓީން ކޯޓަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ގާނޫނީ ދާއިރާއިން ކިޔަވަމުން ދިޔަ ދަރިވަރަކު، ކޯސް ފީ ނުދައްކައިގެން އެ ފައިސާ ހޯދަން އިސްލާމިކް ޔުނިވާސިޓީން ދައުވާކޮށްފިއެވެ. މިއީ، 2019 ވަނަ އަހަރު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ބެޗެލާ އޮފް ޝަރިއާ އެންޑް ލޯ ވިތު އޮނާސް ކޯހުގައި ކިޔަވަމުން ދިޔަ ގއ.ވިލިނގިލީ ޝާދީވިލާ، ނަސްރުﷲ ފަތުހީ، ކޯސް ފީ ނުދައްކައިގެން އެ ފައިސާ ހޯދަން އިސްލާމިކް ޔުނިވާސިޓީން ދައުވާ ކުރި މައްސަލައެކެވެ. މިދިޔަ، ސެޕްޓެމްބަރު މަހު ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށް، އަދި މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ނިންމި މި މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި ނަސްރުﷲ ވަނީ ކޯހުގެ ދެވަނަ ސެމިސްޓާގައި ކޯހުން ވަކިވެފައެވެ. އެކަމަކު، ޔުނިވާސިޓީގެ ކޯސް ފީ ނެގުމާބެހޭ ގަވައިދުގެ ދަށުން ކޯސް ފީގެ 6،735 ރުފިޔާ ނަސްރުﷲ އަތުން ހޯދުމަށް ޔުނިވާސިޓީން ދައުވާ ކުރިއެވެ. ދައުވާ ކުރުމުގެ ކުރިން، އެ ފައިސާ ހޯދުމަށް އިސްލާމިކް ޔުނިވާސިޓީން، އީމެއިލް މެދުވެރިކޮށް ނަސްރުﷲ އަށް ހަނދާންކޮށްދީފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ދައުވާގެ ލިޔެކިޔުންތަކާ ނަސްރުﷲ ހަވާލުވީ ނަމަވެސް ދައުވާއަށް ރައްދެއްދީފައިނުވާކަން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގެއެވެ. އަދި މައްސަލައަށް ހާޒިރުނުވުމުން، މައްސަލަ ނިންމާފައިވަނީ ވެސް ނަސްރުﷲގެ ޣައިރު ހާޒިރުގައެވެ. މި މައްސަލަ ނިންމެވި ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފް ހުކުމް ކުރައްވާފައިވަނީ ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ އެކީ އެއް ފަހަރާ އިސްލާމިކް ޔުނިވާސިޓީއަށް ލިބިދިނުމަށް ޓަކައި، ސިވިލް ކޯޓަށް ދެއްކުމަށް ނަސްރުﷲގެ މައްޗަށް އަމުރުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ