އަޅުކަމުގަ ގިނަ ވަޤުތު ހޭދަކުރަން އޮތީވެސް އަނބިދަރިންނާ ތިމާ ބަލަހައްޓަންޖެހޭ މީހުންގެ ބޭނުންތައް ފުއްދައިދެމުން! އެމީހުންގެ ޙާލު ބަލަމުން!

އަޅުކަންކުރަންޖެހޭނެއެވެ. ނމަވެސް އަޅުކަމުގައި ގިނަ ވަޤުތު ހޭދަކުރަންވާނީ ޢާއިޅި ޒިންމާތައް އަދާކުރަމުންނެވެ. ގިނަބައަކަށް ނުވިސްނޭ އެއްކަމަކީ ޢާއިލީ ޒިންމާތައް އަދާކުރުމަކީވެސް ކުރެވޭ އަޅުކަމެއް ކަމެވެ. އެހެންވެ ބުނަންޖެހޭ ބައެއް ވާހަކަތައް ބުނެލާނަމެވެ.  
ބައެއް މީހުން ބުނަނީ އެމީހުންނަށް އެމީހުންގެ އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންގެ ކަންކަން ބަލަހައްޓަންދޭންޖެހޭ ސަމާލުކަން ނުދެވެނީ އަޅުކަމުގައި ގިނަވަޤުތު ހޭދަކުރަން ބޭނުންވާތީ ކަމަށެވެ.  
މިއީ އަކީ މިކަން އޮތް ގޮތެއް ނޫނެވެ. އަޅުކަމުގައި ގިނަ ވަޤުތު ހޭފަކުރަން ޖެހޭނީވެސް އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންގެ ކަންކަން ބަލަހައްޓަމުންނެވެ. ދޭންޖެހޭ ލޯތްބާއި އަޅައިލުން ދެމުންނެވެ.  
އެކަމުގެ އެއް ދަލީލަކީ ފަރުޟު ނަމާދުގެ ޖަމާއަތަށް ނުގޮސް ގޭގައި މަޑުކުރުން ހުއްދަވާ ކަންކަމުގެ ތެރޭގައި ތިމާ ބަލަހައްޓަން ޖެހޭ މީހެއްގެ ޞިއްޙީ ޙާލަތު ސީރިޔސްވުން ހިމެނޭކަމެވެ.  އަނބިމީހާ ސީރިޔަސް ޙާލަތެއްގައި ނުވަތަ ނުކުޅެދޭ ހާލަތެއްގައި އޮވެފައި އެވަޤުތު ޖަމާއަތަށް މިސްކިތަށް ހިނގައްޖެނަމަ ކުދިދަރިން ބަލަހައްޓައިދޭނެ މީހަކު އެވަޤުތު ގޭގައި ނެތުންވެސް ހިމެނެއެވެ.  
މިކަންކަމުން އެނގިގެންދަނީ އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންގެ ކަންކަން ބަލަހައްޓަން ދީނުގައި ދީފައިވާ އިސްކަން ބޮޑުކަމެވެ. އެހެންވީމާ އަޅުކަމުގައި ގިނަ ވަޤުތު މިސްކިތުގައި ހޭދަކުރަންވާނީވެސް މިބަޔާންކުރި ފަދައިން ޢާއިލާގެ ކަންކަން ބަލަހައްޓަމުންނެވެ. އެމީހުންނަށް ދަތިނުވާނެ ގޮތަށް ގޭތެރޭގެ ކަންކަން އިންތިޒާމުކުރުމަށްފަހުގައެވެ.  
ހަމައެއާއިއެކު ކުރިން ބުނިފަދައިން އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންގެ ކަންކަން ބެލެހެއްޓުމަކީވެސް އަޅުކަމެއް ކަމުގައި ދީނުގައި އޮތް އޮތުމަކީވެސް މިބަޔާންކުރި ބަހުގެ ވަރަށް ފުރިހަމަ ދަލީލެކެވެ. އެމީހުންނަށް ކުރާ ހޭދައަކީ އެންމެ މަތިވެރި ޞަދަޤާތް ކަމުގައި ލައްވަވާފައިވުމަކީވެސް އެމީހުންގެ ކަންކަމަށް ދީނުގައި ދީފައިވާ މަތިވެރިކަން އެނގިގެންދާ ކަމެކެވެ.  
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އހުރެމެން ކުރާ ކޮންމެ އަޅުކަމެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރުމުންނެވެ. އެހެން ނޫންނަމަ ކިތަންމެ ބައިވަރު ކަންކަން ކުރިނަމަވެސް އެކަންކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ކަމަށް ބަލައިގެންނުވާނެއެވެ. ވީމާ އަޅުކަންކުރުމުގައިވެސް މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އެންމެ މުހިންމު ކަމަކީ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެކަލާނގެ ރުހިވޮޑިގަތުން އެމީހަކަށް ލިބުމެވެ. ވީމާ ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ އެގޮތުގެމަތީންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ