ރައުދަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެއް، އެހެންވެ ތަންފީޒުކުރާނެ ހުކުމެއް ނެތް

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު އިތުރު ހުކުމެއް ތަންފީޒުކުރަން ނުޖެހޭ ގޮތަށް މައްސަލަ މިއަދު ނިމިއްޖެއެވެ. ރައުދު އިތުރު ހުކުމެއް ތަންފީޒު ކުރަން ނުޖެހޭ ގޮތަށް މައްސަލަ ނިމުނީ، އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިއުތިރާފުވުމުން އޭނާގެ އަދަބު ލުއިކޮށްދިނުމުންނެވެ. ރައުދުގެ މައްޗަށް ކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، އޭނާ ކުށަށް އިއުތިރާފުވުމުން، އޭނާގެ އަދަބު 27 ދުވަހުގެ ޖަލު އަދަބަކަށް ޝަރިއަތުން ލުއިކޮށްދިނީއެވެ. އަދަބު ލުއިކޮށްދިންއިރު، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ހުރި މުއްދަތު، ހުކުމަށްވުރެ އިތުރުވުމުން އޭނާ ދެން އިތުރަށް ތަންފީޒުކުރަން ޖެހޭ ހުކުމެއް ނެތީއެވެ. https://sun.mv/214198 ފާހަގަކޮށްލެވޭ ގޮތުގައި، ޔުމްނުގެ ތަހުގީގުގައި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް އެ މައްސަލަ ދިރާސާކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ. ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ، އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްއަށް ގެންދެވުމުން، ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި ވެސް އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއްކަމަށް ބަލައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަންހުރި އަނިޔާތައް ދެނެގަންނަން ޖެހޭކަމަށެވެ. އަދި, އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯނަގައި، ޖިންސީ އަނިޔާއެއް ކޮށްފައިވާކަމަށް ބަލައި "ވަޖައިނަލް ސްވޮބް"، "އޭނަލް ސްވޮބް" ،"ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށް ވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ އެންމެހައި ސާމްޕަލްތައް ނަގައި ހެއްކާއި ޤަރީނާ ނުގެއްލޭގޮތަށް އެ މަޢުލޫމާތު އެއްކޮށް ތައްޔާރުކުރަން ޖެހޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ