ގޯތިތައް އަތުލަން ފަލާހް ތާއީދު، އެކަމަކު ރަސްމީ ހައިސިއްޔަތުން ވިދާޅުވީ ދޭނެ ކަމަށް

މާލޭ ރައްޔިތުންނަށް މިދިޔަ ސަރުކާރުގައި ހިލޭ ބަހާލި ގޯތިތައް އަތުލަންޖެހޭ ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ކަމަށާއި އެ ކަމަށް ރަސްމީ ހައިސިއްޔަތުން ދެކޮޅު ކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވާހަކަދައްކަވައިފިއެވެ. އޭނާ ވަނީ މާލޭން ހިލޭ ގޯތިތައް ބެހުމުން 13 ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ވިދާޅުވެ، އެ ގޯތިތައް ދައުލަތަށް ނަގަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، ނޫސްތަކުގައި އެ ޚަބަރު ޖެހުމާ އެކު ގިނަ ބަޔަކު ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފައެވެ. މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރަކަށް ހުންނެވި ބޭފުޅާ އެފަދައިން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުގެ ސިޔާސަތުތޯ ސުވާލު އުފައްދަވާފައެވެ. ނުފޫޒު ގަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު އެ ފަދައިން ވިދާޅުވުމުން ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި، ބައެއް މީހުން ފަލާހަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. https://sun.mv/213241 އެ ވާހަކަތަކަށް ރައްދުދެއްވަމުން މަޖިލީހުގައި ފަލާހް މިއަދު ވިދާޅުވީ، ގޯތިތައް އަތުލަންޖެހޭ ކަމަށް ވިދާޅުވީ އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށެވެ. އެއީ، އަމިއްލަ ޚިޔާލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަމިއްލަ ހައިސިއްޔަތުން ގޯތިތައް އަތުލަންޖެހޭ ކަމަށް ވިދާޅުވި ފަލާހް ރަސްމީ ހައިސިއްޔަތުން ވިދާޅުވީ ގޯތިތައް ހަވާލުކުރާނެ ކަމަށެވެ. އެހެންވެ، އިއްޔެ އަމިއްލަ ހައިސިއްޔަތުން ދެއްކެވި ވާހަކައާއި ފަލާހް މިއަދު ރަސްމީ ހައިސިއްޔަތުން ދެއްކި ވާހަކަ ތަފާތެވެ. "މިއަދު މި ދަންނަވާލަނީ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން. ތި ބޭފުޅުންނަށް ލިބިފައި ހުރި ގޯތިތައް މި ސަރުކާރުން ތި ބޭފުޅުންނާ ހަވާލުކުރާނެ،" ވަރަށް ކުރުކޮށް ފަލާހް ވިދާޅުވިއެވެ. https://sun.mv/210833 މިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހިލޭ ގޯތި ދޫކުރީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް، އިންތިޚާބުގައި ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށް ފަލާހު އިއްޔެ ތުހުމަތުކުރެއްވިއެވެ. އެހެންވެ، ބަދަލެއް ދޭންޖެހޭ ނަމަ ދިނުމަށް ފަހު ގޯތިތައް ދައުލަތަށް ނަގަންޖެހޭ ކަމަށް އޭނާ އިއްޔެ ވިދާޅުވިއެވެ. އޭނާ އިއްޔެ ވެސް ވަނީ އެއީ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދެއްކެވި ވާހަކައެއް ނޫން ކަމަށް ވިދާޅުވެފައެވެ. ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމާފައިވެއެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ. އެ ގޯތިތައް ހަވާލުކުރުމުގެ ކަންކަން ލަސްވާތީ، އެމްޑީޕީން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ