ބޭރު މީހުންނަށް އައްޑޫގައި އުޅެން ޝަރުތުކޮށް ދިވެހިރައްޔިތުންނަށް ދޭން ފެނޭ: ނަޝީދު

ގާނޫނު އަސާސީގައި ބުނާ ޝަރުތު ހަމަވާ ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުންނަށް ދިނުމަކީ ރަނގަޅު ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ އާންމު ވޯޓާއި ގުޅިގެން އެމަނިކުފާނު މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ނަޝީދު ވިދާޅުވީ އައްޑޫ ސިޓީ ބައިބައި ކުރުމުން ވަކިވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުންވަނީ އެ ސިޓީގައި ދިރިއުޅޭ އާބާދީ އިިތުރުކުރެވޭނެ ގޮތެއް ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ގާނޫނު އަސާސީގައި ބުނާ ޝަރުތު ހަމަވާ, ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުންނަށް ދިނުމަކީ ރަނގަޅު ސިޔާސަތެއް," ނަޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އިސްލާމީ އުންމަތުގައި މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފާނެ ޒުވާން އިންޖިނޭރުންނާއި ޑޮކްޓަރުންނާއި ޓީޗަރުންނާއި އަަދި މި ނޫންވެސް ފަންނީ މީހުން ބައިވަރު އެބަތިބި ކަމަށެވެ. ނަޝީދު ވިދާޅުވީ އައްޑޫ އަީ 50,000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ ކަމަށެވެ.
އައްޑޫސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓް އޮތީ މި މަހުގެ 25ވާ ހޮނިހިރު ދުވަހު އެވެ. މި ވޯޓް ގައި މިހާރު އޮތްގޮތުން ހުށައަޅާ ސުވާލަކީ އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭތޯ އެވެ.
މި ވޯޓާމެދު އައްޑޫގެ ރައްޔިތުންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. ބައެއް ރައްޔިތުންގެ ނަޒަރުގައި މިއީ އައްޑޫ ބައިބައިކުރުމުގެ ވޯޓެކެވެ. ބައެއް މީހުންގެ ނަޒަރުގައި މިއީ އެ ރަށްރަށަށް ހައްގު މަގާމު ލިބުމަށް މުހިންމު ވޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ