ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް!

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ "ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)"އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އާރްއެސްއެފްއިން އާންމުކޮށްފައިވާ މި އަހަރުގެ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި ދިވެހިރާއްޖެ ވަނީ 108 ވަނައަށް ވެއްޓިފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނައާ އަޅާބަލާއިރު ހަތަރު ދަރަޖަ ފަހަތަށް ޖެހުމެކެވެ. އެހެންކަމުން ރާއްޖެ އަދިވެސް މިއޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. އެއީ، ހިތްހަމަޖެހޭ މިންވަރެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމުތަކުގެ ލިސްޓެވެ. އެކަމަކު، 2023 ވަނަ އަހަރު ރާއްޖެ ވަނީ 100 ވަނައަށް ވެއްޓިފައެވެ. އެއީ، ނޫސްވެރިކަން ކުރަން ކޮންމެ ވެސް ވަރަކަށް ދަތިތައް ހުރި ގައުމުތަކުގެ ލިސްޓެވެ. އެ ފަހުން 2024 ވަނަ އަހަރު އިތުރު ހަ ދަރަޖަ ވެއްޓުމާއެކު މިހާރު ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން ދަތި ގައުމުތަކުގެ ލިސްޓުގައެވެ. https://sun.mv/205506 ނަމަވެސް ރާއްޖެއިން މިދިޔަ އަހަރު ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދިއިރު އޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގައެވެ. އަނެއްކާވެސް މިއަހަރު މިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އިތުރު ހަތަރު ދަރަޖަ ފަހަތަށް ޖެހިފައެވެ. ޕްރެސް ފްރީޑަމް އިންޑެސް ތަރުތީބު ކުރަނީ އެ ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލައި، މުޅި ޖުމްލަ 100 އަކުން ދޭ ސްކޯގެ މައްޗަށެވެ. އެގޮތުން ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފައެވެ. މީޑިއާ ކޮންޓްރޯލް ބިލު މަޖިލީހުން ފާސްކުރި ދުވަހު ނޫސްވެރިން މަޖިލީސް ކައިރީ އިހުތިޖާޖު ކުރަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް މި އިންޑެކްސްގެ މައިގަނޑު މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަން އާރްއެސްއެފުން ވަނީ ފާހަގަކޮށްފައެވެ. ވަކިވަކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާ ސްކޯއަށް ބަލާއިރު: ސިޔާސީ މިންގަނޑު ވަނީ 123 އިން 129 އަށް، ހަ ދަރަޖަ ފަހަތަށް ޖެހިފައި ނޫސްވެރިކަމަށް އޮތް އިގްތިސޯދީ ގޮންޖެހުންތަކުގެ މިންގަނޑުގައި ވަނީ 118 އިން 157 އަށް ވެއްޓިފައި. މިއީ 39 ދަރަޖައިގެ ބޮޑު ވެއްޓުމެއް. ގާނޫނީ މިންގަނޑު 103 އިން 126 އަށް، 23 ދަރަޖަ ވަނީ ދަށަށް ގޮސްފައި ނޫސްވެރިންނަށް ސަލާމަތްތެރިކަން ނުވަތަ ރައްކާތެރިކަން އޮތް މިންގަނޑުގައި ވަނީ 56 އިން 77 ވަނަ ދަރަޖައަށް ވެއްޓި، 21 ދަރަޖަ ފަހަތަށް ޖެހިފައި. ހަމައެކަނި ކުރިއެރުމެއް ލިބިފައި ވަނީ އިޖުތިމާއީ މިންގަނޑުންނެވެ. އެއީ މީގެ ކުރިން އޮތް 133 ވަނަ ދަރަޖައިން 118 ވަނަ ދަރަޖައަށް ލިބުނު 15 ދަރަޖައިގެ ކުރިއެރުމެކެވެ. https://sun.mv/221261 ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ، ހަތަރު ދަރަޖަ ފަހަތަށް ދިޔައިރު މިފަހުން އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 'އަދަދު' ނޫހުގެ އޮފީހަށް ވަދެފައެވެ. ފުލުހުން އެ އޮފީހަށް ވަދެ ހިންގި އޮޕަރޭޝަނުގައި، އެ ތަނުގައި ހުރި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ނޫސްވެރިކަމަށް ބޭނުންކުރާ އާލާތްތައް ވަނީ ތަޙުގީގުގެ ބޭނުމަށް ގެންގޮސްފައެވެ. އަދަދުން ފަށައިފައިވާ ލައިވްގެ ތެރެއިން: ފުލުހުން އޮފީހަށް ވަނީ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި ކަމަށް ބުނެފައިވޭ -- ފޮޓޯ/ އަދަދު، ފޭސްބުކް ލައިވް މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މި މައްސަލައިގެ ތަޙުގީގަށް 'އަދަދު' ނޫހުގެ އެންމެ އިސް ދެ ވެރިން ކަމަށްވާ ސީއީއޯ ޙުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވި އީޝާ އަޝްރަފްގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފައެވެ. އެ މައްސަލައިގައި އިއްޔެ، ފިޔާޒާއި ހަސަން ވަނީ ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށް، ސުވާލުވެސް ކޮށްފައެވެ. ނަމަވެސް ފިޔާޒާއި ހަސަން ވެސް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. https://sun.mv/211467 ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުން ނޫސްވެރިކަމާއި މީޑިއާ ކޮންޓްރޯލްކުރާ ބިލެއް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ. އެ ބިލު ފާސްކުރުމާއެކު ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ. އެ ބިލު ފާސްކޮށް، ތަސްދީގުކުރައްވާފައި ވަނީ އެ ބިލު ތަަސްދީގު ނުކުރުމަށް ނޫސްވެރިންނާއި، ޖަމިއްޔާތަކުންނާއި، ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވައިލަމުން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ