އީރާނުގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް، ސުލްހައިގެ މަޝްވަރާތަކަށް އަނެއްކާވެސް އުންމީދެއް
އެމެރިކާއާއި އީރާނުގެ ސުލްހައި މަޝްވަރާތަކުގައި މެދުވެރިވާ ޕާކިސްތާނަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަޑައިގަންނަވައިފިއެވެ. އެއާއެކު ސުލްހައިގެ މަޝްވަރާތައް އަންނަ ހަފްތާ ކުރީކޮޅު ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަރަގްޗީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޕާކިސްތާންގެ އިތުރުން އޮމާން އަދި މޮސްކޯއަށް ވެސް ޒިޔާރަތްކުރައްވާނެއެވެ. https://sun.mv/221087 އެމެރިކާއާއެކު ބާއްވާ ސުލްހައިގެ މަޝްވަރާތަކުގެ ވާހަކައެއް ރިޕޯޓުތަކުގައި ފާހަގަކޮށްފައި ނުވާއިރު، ޕާކިސްތާން ސަރުކާރުގެ މަސްދަރުތަކުން ވަނީ މިއީ އެމެރިކާއާއެކު މަޝްވަރާކުރައްވަން ވަޑައިގެންނެވި ދަތުރުފުޅެއް ނޫން ކަމަށް ބުނެފައެވެ. މަޝްރަހު އެނގޭ ޕާކިސްތާން ސަރުކާރުގެ ދެ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ އަރަގްޗީގެ މިދަތުރުފުޅަކީ އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް އީރާނުން ހުށަހަޅާފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކުރާ ކުރު ދަތުރެއް ކަމަށާއި އެ މަޝްވަރާތަކުގެ ނިންމުން ޕާކިސްތާނުން އެމެރިކާއަށް ފޯރުކޮށްދޭނެ ކަމަށެވެ. "އަރަގްޗީ ވަޑައިގެންނެވުމުން ދެން ކަންތައްކުރަންވީ ގޮތުގެ އިރުޝާދު އެގޭނެ." އެއް މަސްދަރަކުން ބުންޏެވެ. އަރަގްޗީގެ ދަތުރުފުޅާ ބެހޭގޮތުން އެމެރިކާއިން ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް އެމެރިކާގެޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ އީރާނަށް އެމެރިކާއާ އެކު "ރަނގަޅު އެއްބަސްވުމެއް" ހަދަން ފުރުސަތު އޮތް ކަމަށެވެ. އަދި އެމެރިކާގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އެެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއާއި ޖަރެޑް ކުޝްނާ ޕާކިސްތާނަށް ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސްއިން އިއްޔެ ވަނީ ބުނެފައެވެ. އީރާނުގެ ރިޕޯޓާއި ޕާކިސްތާނުގެ މަސްދަރުތަކުންވެސް މިމަހުގެ ކުރީކޮޅު މިހާތަނަށް ބޭއްވި ހަމައެކަނި މަޝްވަރާތަކުގައި އެގައުމުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަޤްރު ޤާލިބާފްގެ ބައިވެރިވަޑައިގަންނަވާ ކަމަށް ބުނެފައެއް ނުވެއެވެ. ސުލްހައިގެ މަޝްވަރާތަކުގެ އެންމެ ފަހު ބުރު މިދިޔަ އަންގާރަ ދުވަހު ބާއްވާނެ ކަމަށް ބެލެވުނު ނަމަވެސް، މަޝްވަރާތަކުގައި ބައިވެރިވާން އަދި ބޭނުން ނުވާ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއި އެމެރިކާއާއި ދެމެދު ހަނގުރާމަ ހުއްޓާލާފައި ބާއްވާ ވަގުތުވެސް މުއްދަތެއް ނެތް ގޮތަށް އިތުރުކުރައްވާފައެވެ. މި މަހު ކުރީކޮޅު ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވި އެއްބަސްވުމުގެ މުއްދަތު ބުދަ ދުވަހު ވަނީ ހަމަވެފައެވެ. އާ މަޝްވަރާތަކެއް ފެށޭނެ ކަމުގެ އުންމީދު އޮތްއިރު، ތެލުގެ އަގުވެސް އިއްޔެ ވަނީ ކޮންމެވެސް ވަރަށް ދަށްވެފައެވެ. ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓް ނޯތު ސީ ކްރޫޑް ފީފާއެއްގެ އަގު 0.5 ޕަސެންޓް ދަށްވެ 104.57 އެމެރިކާ ޑޮލަރަށް ވަނީ ވެއްޓިފައެވެ. އެމެރިކާގެ މައިގަނޑު ކޮންޓްރެކްޓް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް 1.1 ޕަސެންޓް ދަށްވެ 94.80 އެމެރިކާ ޑޮލަރަށް ވެއްޓިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ