އިހްސާސްކުރެވޭ ހޫނުމިން މައްޗަށްދާތީވެ، އެކަމުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓަކްޝަން އޭޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހޫނު ގަދަ ދުވަސްކޮޅެކެވެ. އެގޮތުން ޖުމްލަ ގޮތެއްގައި ހުރިހާ ހިސާބެއްގައިވެސް އިހްސާސްކުރެވޭ ހޫނުމިން މިދުވަސްވަރު އުޅެނީ 35 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ނެރެފައިވާ މޫސުމާ ބެހޭ ރެކޯޑް ތަކަށް ބަލާއިރު، އެންމެ ހޫނު ގަދަކަމަށް ރެކޯޑްތަކުން ދައްކަނީ، މާލެ ސަރަހައްދާއި ހދ.ހަނިމާދޫ ހިސާބެވެ. މާލެ ސަރަހައްދުގެ އިހްސާސްކުރެވޭ ހޫނުމިން 36.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ރާއްޖޭގެ އެންމެ އުތުރުގައި އިހްސާސްކުރެވޭ ހޫނުމިން ހުރީ 35.6 ޑިގްރޫީ ސެލްސިއަސްގައެވެ. މީގެ އިތުރުން މެދުރާއްޖެ ތެރެއާއި އެހެނިގެން ސަރަހައްދުތައްވެސް ހުރީ 35 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ.
މެޓް އޮފީހުގެ މިއަދުގެ ރެކޯޑްތައް..
ގަދަ ހޫނުން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އަޅާނެ ބައެއް ފިޔަވަޅުތައް ފާހަގަކޮށްފައެވެ. އެގޮތުން ހޫނު އެންމެ ގަދަވާ ގަޑިތަކުގައި ބޭރަށް ނުނިކުތުމާއި، ބޭރަށް ނިކުންނަ ނަމަ އެކަށީގެންވާ ހެދުމެއް ލުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބުއިމަށް ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން ބޮލުގައި ރިއްސައި، ވަރުދެރަވާނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ވަނީ ލަފާދީފައެވެ.
ކޮންމެ ދުވަހެއްގެވެސް އެންމެ ހޫނު ގަދަ ގަޑިތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހެނދުނު 10 އަކުން ފެށިގެން ހަވީރު 4 ޖެހުމާ ހަމަޔަށެވެ.
ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެކެވެ. ނަމަވެސް މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ވަކިން ހޫނު ގަދަކަމަށް އާއްމުން ފާހަގަކުރެއެވެ. ހޫނު ގަދަވުމާއި، ވާރޭ ނުވެހި ގިނަދުވަސް ވުމުގެ ސަބަބުން ގިނަ ރަށްރަށުގެ މިންގަނޑު ހިރަފުސްވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ހޫނު ގަދަވާތީވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ