ބީއެމްއެލްގެ އަގުހެޔޮ ފްލެޓުތައް ދޫކުރަން ފަށާނީ 2028ގައި

އަގު ހެޔޮ ފްލެޓް އިމާރާތްކުރުމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމްކޮށްފައިވާ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން އިމާރާތް ކުރަން ފަށާފައިވާ އަގުހެޔޮ ފްލެޓުތަކުގެ މަސައްކަތް ނިންމައި 2028ގެ މެދުތެރޭގައި އާންމުންނަށް ދޫކުރަން ފަށާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަރީފް އެހެން ވިދާޅުވީ ދ. ކުޑަހުވަދޫގައި ބީއެމްއެލްގެ އާ ބްރާންޗު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގަ އެވެ.
ނަމަވެސް، ބޯހިޔާވަހިކަމުގެ މި މަޝްރޫއުތަކަކީ އާންމުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ބީއެމްއެލް އިން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވުމުގެ އިތުރަށް އެކަމާ ބެހޭ އިތުރު ތަފްސީލެއް ޝަރީފް ހާމައެއް ނުކުރައްވަ އެވެ.
ތަފްސީލް - އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހިންގާ ބޯހިޔާވަހިކަމުގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ވަނީ ފަށާފަ އެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗު) ސްކީމުގެ ދަށުން މި މަޝްރޫއުތައް ހިންގަނީ އެ ސްކީމަށް ހާއްސަ ގަވަނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށްގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު ހޮވި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އެއީ:
ރާއްޖޭގެ ކުންފުނިތަކަކީ އަމިން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) 
ރާއްޖޭން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން
މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް 1 އަދި ފޭސް 3ގެ އިތުރުން ވިލިމާލޭގައި 3،200އަށް ވުރެ ގިނަ ހައުސިން ޔުނިޓް ކުލި ދައްކައި ހަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ