ޑުރަގާއި 10،000 ރުފިޔާއާއެކު، މާލޭން ހަތަރު މީހުން ހައްޔަރުކޮށްފި

ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއި 10،000 ރުފިޔާއާއެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑުރަގް އެންފޯސްމަންޓާ ގުޅިގެން މާލޭގައި އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކުރި ކަމަށް އެ ޚިދުމަތުން ބުންޏެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ: އއ. މާޅޮސް / ޗާންދަނީގެ، އަލީ ސައިފު (27އ) ލ. ގަން / މުކުރިމަގު، އޯޝަންރީޑް، އަޙްމަދު ނިޘާމް (30އ) އއ. މާޅޮސް / ނޫމާގެ، އަޙްމަދު ޝާމިލް (28އ) ސ. ހިތަދޫ / ބޯށިވަލުގެ، ޙުސައިންދީދި (45އ) އެ ހަތަރު މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 5.23 ގުރާމުގެ ތަކެއްޗާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 10،000އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި މީގެ ކުރިން ނައްތާލުން: ޑުރަގާއި 10،000 ރުފިޔާއާއެކު، މާލޭން ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ނިޘާމް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށް، ދެން ތިބި ތިން މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން އެކްސިޑެންޓާއި ވައްކަމުގެ މައްސަލަތަކަށް ފަހު އެންމެ ގިނައީ، މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 1،966 މައްސަލަ މި އަހަރު ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ