ޖޯންއާ އެކު ފިލްމު 'ފޯސް 3'އިން ހަރްޝްވަރުދަން ފެންނާނެކަން ކަށަވަރުވެއްޖެ
ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "ފޯސް"ގެ ތިން ވަނަ ފިލްމުގެ ސެޓުގައި ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ލީކުވެއްޖެއެވެ. ބެލުންތެރިންގެތެރެއިން ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމު "ފޯސް 3"ގެ ސެޓުގައި ނަގާފައިވާ ފޮޓޯތައް ލީކުވެ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު މި ފިލްމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ކަށަވަރުވެއްޖެ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. ހަމައެއާއެކު މި ފިލްމަށް ޖޯންއާ އެކު އެކްޓަރު ހަރްޝްވަރްދަން ރާނޭ ސޮއިކޮށްފައިވާކަމަށް ކުރިން ދެކެވުނު ވާހަކައަކީ ވެސް ހަގީގަތެއްކަން ބަޔާންވެއްޖެ ކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ. ފިލްމު "ފޯސް 3" އެއީ ހަރްޝްގެ ކުރިއަށްހުރި ފިލްމުތަކުގެތެރެއިން އެކްޓަރުގެ ސަޕޯޓަރުން އެންބޮޑަށް އިންތިޒާރުކުރާ އެއް ފިލްމެވެ. ފިލްމު "ފޯސް 3"ގެ ސެޓުގެ މަންޒަރެއްގައި ހަރްޝްވަރުދަން އަދި ޖޯން--ފޮޓޯ/މިޑްޑޭ ޖޯންއާ އެކު ހަރްޝްވަރުދަން "ފޯސް 3"ގެ ސެޓުން ފެނުނީ ބަތަލާ ތާންޔާ މަނިކްތާލާއާ އެކުއެވެ. އެހެންކަމުން މި ތަރިންނާ އެކު ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ ތާންޔާކަން ވެސް މިހާރުވަނީ ކަށަވަރުވެފައެވެ. ފިލްމު "ފޯސް 3"އަކީ ޖޯން އޭސީޕީ ޔަޝްވަރުދަންގެ ކެރެކްޓާއިން އެނބުރި ބެލުންތެރިންނާ ބައްދަލުކުރާނެ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ބޮޑު މަގުބޫލުކަމެއް ލިބުނު "ކާކީ: ދަ ބިހާރު ޗެޕްޓާ" ސީރީސް ގެނެސްދިން ބާވް ދޫލިއާއެވެ. މިއީ ޖޯން ކޮޕީރައިޓްސް ގަނެ އެކްޓަރުގެ ހާއްސަ ބެލުމުގެ ދަށުން ސްކްރިޕްޓް ތައްޔާރުކޮށް އުފައްދާ ފިލްމެކެވެ. މި ފްރެންޗައިސްގެ ދަށުން މިހާތަނަށް ދެ ފިލްމު ރިލީޒްކޮށްފައިވާއިރު ދެ ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ