ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (14 މާރިޗު) އެގޮތުން ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން އެ ދަރިފުޅަށް ވަގުތު ދޭން ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 9ވަނަ އިސްލާހު ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފައިވަނީ ހޮނިހިރު ދުވަހުއެވެ. މިއީ މި މަހުގެ 8ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
(20 މާރިޗު) މިއަހަރގެ ރަމަޟާން މަސްނިމި، ޢީދު ދުވަސް ފާހަގަކޮށްފައިވަނީ ހުކުރު ދުވަހުއެވެ. ޢީދު ނަމާދު މާލެ ސަރަޙައްދުގެ 25 މިސްކިތެއްގައި، ބޮޑު ޖަމާޢަތް 4 މައިދާނެއްގައިވަނީ
މިއަހަރުވެސް ފިޠުރު ޢީދުގެ މުނާސަބަތުގައި، ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ބައްދަލުކުރައްވައި، ޢީދު ސަލާން ވަނީ ކުރައްވާފައެވެ.
(17 މާރިޗު) އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ މިނިވަން ވިޔަފާރި އެއްބަސްވުމުގެ، ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރްގައި އިންޑިއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާކަމަށް އިންޑިއާގެ ކޮމާސް މިނިސްޓްރީން ހާމަކުރީ އަންގާރަ ދުވަހުއެވެ. އިންޑިއާއާއި ރާއްޖެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
(18 މާރިޗު) ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އަދާލަތު ޕާޓީން ތާޢީދު ކުރާނީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ކަމަށް އެޕާޓީން ނިންމިކަން ހާމަކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއެކު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އަދާލަތު ޕާޓީން ތާޢީދު ކުރާނެ ގޮތް ހާމަކޮށްފައިވަނީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަކަށް ފަހުއެވެ.
(17 މާރިޗު) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފަށައިފައިވަނީ އަންގާރަ ދުވަހުއެވެ. އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަންޖެހެއެވެ.
(19 މާރިޗު) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢުތަކެއް ރާއްޖޭގެ 14 ރަށެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
(15 މާރިޗު) ފ.ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ސަރުކާރުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓްކިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހޮނިހިރު ދުވަހު ފަށާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
(15 މާރިޗު) ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ ބިންގާ އަޅައިފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީއާއެކު ބިނާކުރާ މިސްކިތެކެވެ. ޒިކުރާ މިސްކިތުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި، މިސްކިތް ހަދިޔާކުރައްވާ ސިސިލްފަރު، މުޙައްމަދުފުޅުގެ އާއިލާގެ ފަރާތުން ޙާމިދު ނަޝީދު މުޙައްމަދުއެވެ.
(15 މާރިޗު) ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިމުގައި މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ކޮންޓްރެކްޓަރާ ޙަވާލުކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ. މި މަސައްކަތް ޙަވާލުކޮށްފަވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކުއެވެ. މި މާރުކޭޓު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި މާރުކޭޓު ތަރައްޤީ ކުރަނީ، މާލެ މަސްމާރުކޭޓު ކުރިމަތިން މިހާރު ހިންގަމުން އަންނަ ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ. މާރުކޭޓު ކޮމްޕްލެކްސް ތަރައްޤީކުރަނީ 6 ފަންގިފިލާއަށެވެ.
(16 މާރިޗު) ހއ.އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އެމްޕީއެލްއިން ވިދާޅުވީ، ސަސް އީ ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭ މެރީނާއެއް ތަރައްޤީ ކުރެވޭނެ ކަމަށެވެ.
(16 މާރިޗު) ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ތަރައްޤީ ކުރުމަށް ނިންމައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފައިވަނީ ހޯމަ ދުވަހުއެވެ. މި މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީއާއެވެ.
(17 މާރިޗު) ރ.މީދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ އަންގާރަ ދުވަހުއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މީދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އަލަށް ތަރައްޤީ ކުރާ ހޮސްޕިޓަލަކީ ފުލްފުލެޖް ހޮސްޕިޓަލެކެވެ.
(18 މާރިޗު) ށ. އަތޮޅު ބިލެތްފަހި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ބުދަ ދުވަހުއެވެ. ބިލެތްފަހި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. ބިލެތްފަހި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ ތެރޭގައެވެ.
ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާއިރު (14 މާރިޗު) ސަރބިއާގެ ބެލްގްރޭޑުގައި އަންނަ އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބެލްގްރޭޑް އެކްސްޕޯގައި ބައިވެރިވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން އެއްބަސްވުމެއްގައި ސޮއިކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. ބެލްގްރޭޑުގައި ބޭއްވި ދެވަނަ އަހަރީ ޕްލޭނިން ބައްދަލުވުމެ ތެރެއިން ބެލްގްރޭޑް އެކްސްޕޯ 2027ގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ޝިއުރީއެވެ.
(19 މާރިޗު) ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ގާއިމުކޮށް ފަސޭހަކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. (16 މާރިޗު) އަދި ރާއްޖެއަށް އައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ފާއިތުވި ދެ ހަފުތާ ތެރޭގައި ދެގުނައަށްވުރެ އިތުރުވެފައިވާކަމަށް ރިޕޯޓުތަކުން ދެއްކި ޚަބަރަކީވެސް ނިމުނު ހަފުތާގައި ފާހަގަކޮށްލެވޭ ޚަބަރެކެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ހިއްސާކުރެއްވި މައުލޫމާތުން ދައްކާގޮތުގައި މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން މި މަހުގެ 14ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 128 ޕްރައިވެޓް ޖެޓު ވަނީ ދަތުރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %166 ގެ ކުރިއެރުމެކެވެ.
(17 މާރިޗު) ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށްފައިވާކަން ހާމަކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. މި ދެއިދާރާގެ މުސާރާ އެއްހަމަކޮށްފައިވަނީ އެކަމަށް މިއަހަރުގެ ބަޖެޓުގެ ހިމަނައިގެންނެވެ.
ކަސްޓަމްސް އަދި ކަރެކަޝަނަލް ސާވިސްގެ މުސާރައަށް ގެނައި ބަދަލު މާރިޗު 1 އިން ފެށިގެން ތަންފީޒުކުރަން ފަށާފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
(17 މާރިޗު) ޤަވާއިދަށް ގެނައި އިސްލާޙާއެކު 60 ދުވަހުގެ ތެރޭގައި އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ބޭނުންކުރަން ޖެހޭ ގޮތަށް ހަމަޖައްސާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. "އިލެކްޓްރިކް އުޅަނދު ނުވަތަ އ.ީވީ ވެހިކަލް" ކަމަށް ބުނެފައި ވަނ،ީ އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ނުވަތަ ޑީސަލް އިންޖީނުގެ ބަދަލުގައ،ި ހަމައެކަނި ބެޓެރީގެ ހަކަތަ ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް މޮޓޯއެއް ބޭނުން ކޮށްގެން ދުއްވިދާނެ ކޮންމެ އުޅަނދަކަށެވެ.
(18 މާރިޗު) އއ. ހިމަންދޫ އަދި މާޅޮހު ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވަނީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. (15 މާރިޗު) އަދި މާފުށީގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ.
ނިމުނު ހަފުތާގައި މާލޭގައި ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައެވެ. (18 މާރިޗު) އެގޮތުން ޠައިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ބުދަ ދުވަހުއެވެ. މާފަންނުގައި ހުރި ޕްރައިމް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، 122 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ. އަދި މި ހާދިސާގެ ތަޙުގީގެއް ފުލުހުން ވަނީ ފަށާފައެވެ.
ނިމުނު ހަފުތާގައި ހިތާމަވެރި ޚަބަރެއްވެސް ލިބިގެން ދިޔައެވެ. (16 މާރިޗު) ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއަރޕާސަން ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވި ޙަބަރު ލިބުނީ ހޯމަ ދުވަހުއެވެ. އަބްދުލް މުޢިއްޒުއަކީ، ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ފަރާތެކެވެ. އަދި މިހާރު އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރެކެވެ. އޭނާ ވަނީ، ރާއްޖޭގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ނިމުނު ހަފުތާ: ގިނަ މަޝްރޫއުތަކެއް، ރަމަޟާން މަސްނިމި، ޢީދު ހުކުރަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ