މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 74 މައްސަލައެއް، އެންމެ ގިނައީ އިހުމާލުވުމުގެ ރިޕޯޓުތައް

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 74 މައްސަލައެއް މިދިޔަ މަހު ފެމިލީ މިނިސްޓްރީއަށް ރިޕޯޓުކޮށްފިއެވެ. ފެމިލީ މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ މަހު ރިޕޯޓުކުރި މައްސަލަތަކުގައި ހިމެނެނީ އަންހެން ކުދިންނާ ގުޅުންހުރި 34 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި 40 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 21 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 12 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ ނުވަ މައްސަލައެއް ކަމަށް ތަފާސްހިސާބުގައިވެއެވެ. އެ މިނިސްޓްރީއަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ ތެރޭގައި: ޖިންސީ ހާނިއްކައިގެ 13 މައްސަލަ ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ ނަފުސާނީ ހާނިއްކައިގެ 11 މައްސަލަ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ނުވަ މައްސަލަ ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައެއް ކުޑަކުދިންގެ ބަދުއަޚުލާގީ އަމަލު ހިންގާ ވީޑިއޯގެ މައްސަލައެއް ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން- ބްލެކްމެއިލްކުރުމުގެ މައްސަލައެއް އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ މައްސަލައެއް ގްރޫމް ކުރުމުގެ މައްސަލައެއް އެހެނިހެން އެއް މައްސަލަ އެ މިނިސްޓްރީން ހިއްސާކޮށްފައިވާ އިތުރު ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެ މިނިސްޓްރީގެ ހެލްޕްލައިންއަށް މިދިޔަ މަހު ޖުމްލަ 1802 ކޯލު ވަނީ ލިބިފައެވެ. އެގޮތުން، މިނިސްޓްރީގެ ޗައިލްޑް ހެލްޕްލައިން 1412 އަށް ޖުމްލަ 1418 ކޯލު ލިބިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އޭގެ ތެރެއިން، 64 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތައްކަން މިިނިސްޓްރީން ފާހަގަކުރިއެވެ. އަދި، 1143 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 211 ކޯލު ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ހަމައެއާއެކު، އެ މިނިސްޓްރީން ވަނީ ސޯޝަލް ސާވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 384 ކޯލު ލިބިފައިވާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ