އީރާނުގެ ޙަމަލާތަކުގައި ޔަހޫދީންގެ 5،000އެއްހާ މީހުންނަށް ޒަޚަމް

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ވަނީ މަޤުބޫލު ސަބަބެއް ނެތި އީރާނަށް ނިރުބަވެރި ޙަމަލާތައް ދޭން ފަށައިފައެވެ. އެއާއެކު އީރާނުން ވެސް ދަނީ އެ ޤައުމުގެ އަމިއްލަ ދިފާޢުގައި ޔަހޫދީންނާއި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ގޮތުން މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެ ޤައުމުތަކުގައި އެމެރިކާއިން އަސްކަރީ މަރުކަޒުތައް ޤާއިމްކޮށްފައިވާ ޤައުމުތަކުގައި ހުރި އެމެރިކާއާ ގުޅުންހުރި ތަންތަނަށް އީރާނުން ދަނީ ޙަމަލާ ދެމުންނެވެ. ހަނގުރާމައިގެ ކުރިން ވެސް އީރާނުން ވަނީ އެމެރިކާއާއި ޔަހޫދީން އެ ޤައުމަށް ޙަމަލާ ދީފި ނަމަ، މެދުއިރުމަތީގައި ހުންނަ އެމެރިކާއާއި ޔަހޫދީންގެ މަސްލަހަތު ހިމެނޭ ތަންތަނަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ޔަހޫދީ ދައުލަތުގެ އިތުރުން ބަޙްރައިންއަށާއި ޢިރާޤްއަށާއި ޢުރުދުންއަށާޢި ކުވައިތުއަށާއި ޢުމާންއަށާއި ޤަޠަރަށާއި ސަޢުދީ ޢަރަބިއްޔާއަށާއި އެކުވެރި ޢަރަބި އިމާރާތަށް އީރާނުން ޙަމަލާ ދީފައިވެއެވެ. އެއީ ކުރިން އިންޒާރު ދިން ގޮތަށް އެ ޤައުމުތަކުގައި ހުރި އެމެރިކާއާ ގުޅުންހުރި ތަންތަނަށާއި މުދަލަށެވެ. އަދި ސައިޕްރަސްގައި ހުރި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަކަށް ވެސް އީރާނުން ޑްރޯން ޙަމަލާއެއް ދީފައިވެއެވެ. ހަނގުރާމަ ދިގުލައިގެން ގޮސް، ހަނގުރާމަ ފެށިތާ މިހާރު 24 ދުވަސް ފާއިތުވެފައިވާއިރު ހަނގުރާމައިގައި ގިނަ ޢަދަދެއްގެ މީހުން މަރުވެ އެތައް ހާސް ބަޔަކަށް ވަނީ ޒަޚަމްވެފައެވެ.
ޔަހޫދީ ދައުލަތަށް އަމާޒުކުރަމުންދާ ޙަމަލާތަކުގައި މިހާތަނަށް 18 މީހުން މަރުވެ 4،829 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. ޔަހޫދީންނަށް ސިހުން ގެނުވައިލި އީރާނުގެ ވަރުގަދަ ޙަމަލާތަކުން ރައްކާތެރިވުމަށް ޔަހޫދީ ދައުލަތުގައި ދިރިއުޅޭ މީހުން ރައްކާތެރި ބިންގަރާސްތަކަށް ދިޔުމަށް ސަރުކާރުން ދަނީ އަންގަމުންނެވެ. ޔަހޫދީންގެ މައި ނިއުކުލިޔަރ މަރުކަޒު ހުންނަ ސިޓީއަށް ވެސް އީރާނުން މިސައިލް ޙަމަލާތައް ދީފައިވެއެވެ. އެ ޙަމަލާތަކުގައި 180 މީހުންނަށް ޒަޚަމްވެފައިވެއެވެ. އޭގެ އިތުރުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާގެ 13 ސިފައިން ވެސް މިހާތަނަށް މަރުވެ، 200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.
މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ބަޙްރައިންއަށް އަމާޒުވި ޙަމަލާތަކުގައި މިހާތަނަށް 2 މީހުން މަރުވެ އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ. އެއީ މައިގަނޑު ގޮތެއްގައި ބަޙްރައިންގެ ޖުއްފައިރުގައި ހުަންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ އިދާރާއަށް އަމާޒުކޮށް އީރާނުން ދީފައިވާ މިސައިލް ޙަމަލާތަކުގައި ގެއްލުން ލިބުނު މީހުންނެވެ. ޢިރާޤުގައި މިހާތަނަށް 61 މީހުން މަރުވެފައިވާއިރު އެތައް ބަޔަކަށް ޒަޚަމްވެފައިވެއެވެ. ޢުރުދުންގައި ވެސް 28 މީހަކަށް ޒަޚަމްވެފައިވެއެވެ. ކުވައިތުގައި ވެސް ހަ މީހުން މަރުވެފައިވާއިރު ގިނަ ބަޔަކަށް ޒަޚަމްވެފައިވެއެވެ. ޢުމާނުގައި ވެސް ތިން މީހުން މަރުވެ 15 މީހުންނަށް ޒަޚަމްވެފައިވެއެވެ. އަދި ޤަޠަރުގައި ވެސް 16 މީހުންނަށް ޒަޚަމްވެފައިވެއެވެ. އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާގައި ދެ މީހުން މަރުވެ 20 މީހުންނަށް ޒަޚަމްވެފައިވެއެވެ. އަދި އެކުވެރި ޢަރަބި އިމާރާތުގައި ވެސް 8 މީހުން މަރުވެ 161 މީހުންނަށް ޒަޚަމްވެފައިވެއެވެ.
އީރާނުގެ ދިފާޢުގައި ލުބުނާނުން ހަނގުރާމައިގެ ތެރެއަށް ވަދެ، ޔަހޫދީންނަށް ޙަމަލާ ދެމުންދާއިރު، ޔަހޫދީން ދަނީ ލުބުނާނަށް ވެސް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ލުބުނާނުގައި މިހާތަނަށް 1,039 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 118 މައުސޫމް ކުޑަކުދިން ވެސް ހިމެނެއެވެ. އަދި ޙަމަލާތަކުގައި 2،584 މީހުންނަށް ޒަޚަމްވެފައިވެއެވެ. ހަނގުރާމަ ފެށުނު ފަހުން ލުބުނާނުގެ މިލިޔަނަކަށްވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ.
ޔަހޫދީންނާއި އެމެރިކާއިން އީރާނަށް އަމާޒުކުރަމުންދާ ޙަމަލާތަކުގައި ވެސް އެ ޤައުމުގެ 1،500އެއްހާ މީހުން ޝަހީދުވެ، 18،000އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ. ޔަހޫދީންނާއި އެމެރިކާގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ކުށެއް ނެތް ތުއްތުކުދިންނާއި މުސްކުޅިން ހިމެނެއެވެ. 200އަށްވުރެ ގިނަ އަންހެނުން ޝަހީދުވެފައިވާއިރު، އީރާނުގެ މަދަރުސާއަކަށް ދިން ޙަމަލާއެއްގައި ވެސް 168 ކުޑަކުދިން ޝަހީދުވެފައިވެއެވެ. އަދި 11 ޞިއްޙީ މަސައްކަތްތެެރިން ޝަހީދުވެ، 55 ޞިއްޙީ މަސައްކަތްތެރިންނަށް ޒަޚަމްވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ