އެންމެ ބޮޑު ލަގްޒަރީ ހައުސިން މަޝްރޫއު ޗައިނާގެ ނަންޓޮންގް ކުންފުންޏަށް ދޭން ނިންމައިފި އެންމެ ބޮޑު ލަގްޒަރީ ހައުސިން މަޝްރޫއު ޗައިނާގެ ނަންޓޮންގް ކުންފުންޏަށް ދޭން ނިންމައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނެލް ޕާކް ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ ލަގްޒަރީ ހައުސިން މަޝްރޫއު، ބީލަމުގެ ކުރިން ވެސް އަޑު ފެތުރިފައިވާ ގޮތަށް، ޗައިނާގެ ނަންޓޮންގް ސިންހުއާ ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުން މިއަދު ނިންމައިފިއެވެ.
މި މަޝްރޫއު ޗައިނާ ކުންފުންޏަށް ދޭން ނިންމީ، ހުށަހެޅުންތައް ލިބުނުތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގެ އެޖެންޑާގައި އައިޓަމްތަކުގެ ނަން ލިޔެފައިވާއިރު، މި މަޝްރޫއު ހިމަނާފައި ނެތް ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.
"ހަގީގަތަކީ ރަސްމީކޮށް އެޖެންޑާގައި ނުހިމަނައި ނިންމާފައި އެ އޮތީ. އެޖެންޑާގައި ހިމަނާފައިވާ ކަންކަން ނިމުމަށް ފަހު، ދެން ބާކީ ހުރި އައިޓަމްތަކުގެ ތެރޭގައި މި ބިޔަ މަޝްރޫއު އޮތީ. މިއީ މިފަދަ މަޝްރޫއުއެއްގައި އަމަލުކުރަންޖެހޭ ގޮތެއް ނޫން،" ބޯޑުގެ ބައެއް މެންބަރުން ބުންޏެވެ.
"މިއީ ސަރުކާރުން ބޭނުން ވެގެން ވަކި ބަޔަކަށް ދޭން ނިންމާފައި އޮތް މަޝްރޫއެއް."
މިއަދު ބޭއްވި އެޗްޑީސީގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވަނީ، މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ނިންޓޮންގްއާއެކު ތިން މަސް ދުވަހުގެ ފްރޭމްވޯކް އެގްރީމަންޓެއްގައި ސޮއިކުރުމަށެވެ. މި މުއްދަތުގެ ތެރޭގައި މަޝްރޫއުގެ ބިޒްނަސް ޕްލޭނާއި، ކޮންސެޕްޓް އަދި ސީއެސްއާރުގެ ކަންކަމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ނިންޓޮންއިން މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހުށަހަޅާފައިވާ ބިމުގެ ބޮޑު މިކަނީ އިއުލާނުގައި ވެސް ކަނޑައަޅާފައިވާ މިންވަރެވެ. އެއީ 125,387.81 އަކަފޫޓު އެވެ. ޖުމުލަ ފްލޯ އޭރިއާ 1.3 މިލިއަން އަކަފޫޓަށްވުރެ ބޮޑެވެ.
މި މަޝްރޫއުއަށް ކުރިމަތިލުމަށް އެޗްޑީސީން ދިނީ އެންމެ ހަ ދުވަހުގެ މުހުލަތެކެވެ. މި މަހުގެ 18 ވަނަ ދުވަހު އިއުލާނުކޮށް، 24 ވަނަ ދުވަހަށް ސުންގަޑި ހަމަވިއިރު، މިއީ މިފަދަ ބޮޑު މަޝްރޫއުއަކަށް އެކަށީގެންވާ ވަރަށްވުރެ ކުރު މުއްދަތެއްކަމަށް ބުނެ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެން ނަމަވެސް، އެ ކުރު މުއްދަތުގެ ތެރޭގައިވެސް ޖުމުލަ 9 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޗައިނާ، އިންޑިާ، އަދި ރާއްޖޭގެ ކުންފުނިތައް ހިމެނެ އެވެ. އެ ކުންފުނިތަކުގެ ތެރެއިން ހުރިހާ ޑޮކިއުމަންޓެއް ހަމަވީ އަދަދަށް އެނގިފައިވާ ގޮތުގައި ނަންޓޮން، ރޮޓައިމް އަދި އެސްޖޭ ކޮންސްޓްރަކްޝަން އެވެ.
މަޝްރޫއު ކުރިއަށް ގެންދިއުމުގައި ބޯޑުން ވަނީ ބައެއް މުހިންމު ޝަރުތުތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ކުރިން މަޝްރޫއުގެ ބައެއްގެ ގޮތުގައި އޮތް މަގު، އާންމު މަގެއްގެ ގޮތުގައި ބޭއްވުމަށް ބޯޑުން ނިންމި އެވެ.
މި މަޝްރޫއަކީ ހުޅުމާލޭގެ މަލަމަތި ބަދަލުކޮށްލާނެ، ފެންވަރުމަތީ ދިރިއުޅުމަކަށް އަމާޒުކޮށްގެން ހިންގާ އެންމެ ބޮޑު އެއް ރިއަލް އެސްޓޭޓް މަޝްރޫއުއަށް ވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ