އިޤުރާރުވީމޭ ލޯބިން - 02

އެ ވާހަކަ އަޑު އަހަން އިނދެފައި، ޒަހްރާން އެއްޗެއް ބުނަން އުޅުނު ވަގުތު އީލާފްގެ ފޯނު ރިންގުވިއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަމަށް ބަލައިލުމަށްފަހު, އީލާފް ފޯނު ނެގީ ޒަހްރާނަށްވެސް ބަލައިލަމުންނެވެ. "ބައްޕަ!" އީލާފް ބުނެލިއެވެ. ޒަހްރާން ފޯނު ނަށާށޭ ބުނާފަދައަކުން އިޝާރާތްކޮށްލިއެވެ. އީލާފް ފޯނު ނަގަމުން ސްޕީކަރަށް ލިޔެވެ. އެކޮޅުން ދައްކާ ވާހަކަ ޒަހްރާނަށް އަޑު އިއްވަން އީލާފް ބޭނުންވީއެވެ. އޭނަ އައީ ބަސްމާގެ ގާތުގައި ޒަހްރާންގެ ގާތަށް އަންނަ ވާހަކަ ބުނެފައެވެ. ވީއިރު ބައްޕަ އެގުޅަނީ އެކަން އެނގިގެންކަން އީލާފްއަށް ޔަޤީންވިއެވެ. "ހަލޯ... ދަރިފުޅު... ކުޑަބެ ކައިރީގަތަ؟" ޒަހްރާންމެންގެ ބައްޕަ މުރާދުގެ އަޑު އިވުނެވެ. "ލައްބަ..." އަދަބުވެރިކަމާއެކު, އީލާފް ޖަވާބު ދިނެވެ. "ކޮބާ ކުޑަބެ؟ ބައްޕަ ގުޅީމަ ފޯނެއް ނުނަގާ...." މުރާދު އަނެއްކާވެސް ސުވާލުކޮށްލިއެވެ. އޭނަގެ އަޑުގައި މާޔޫސްކަމުގެ އަސަރުތައް ވިއެވެ. ޒަހްރާން ފޯނު ނަގާފައި ބަލައިލިއިރު، އޭނައަށް ބައްޕަގެ ތިން މިސްކޯލު ލިބިފައި އޮތެވެ. ފޯނު ސައިލެންޓުގައި އޮތުމުން ނޭނގުނީއެވެ. "ކުޑަބެ އަތަށް ދީބަލަ ފޯނު." މުރާދު ބުނެލިއެވެ. އީލާފް ލައްބައޭ ބުނެ ޒަހްރާންގެ އަތަށް ފޯނު ދިންއިރުވެސް، އޮތީ ސްޕީކަރުގައެވެ. "ކީއްވެ ރާއްޖެ އަންނަ ވާހަކަ ނުބުނީ. ބައްޕައަށް ރެން އައިކަން އެނގުނީވެސް އީލު ބުނީމަ." މުރާދު ޝަކުވާ ކުރިނަމަވެސް، ހިތްހަމަ ނުޖެހުމަށްވުރެ ބޮޑަށް އޭނަ ހުރީ ދެރަވެފައެވެ. "ފޯނު ސައިލެންޓުގަ އޮތީމަ ގުޅިކަމެއް ނޭނގުނު..." ޒަހްރާން ދެއްކީ މުޅީން އެހެން ވާހަކައެކެވެ. "ޑްރައިވަރެއް ހަމަޖައްސާފަ ކާރާ އެއްޗެހި މާދަމާ ފޮނުވާނަން... " މުރާދު ބުންޏެވެ. "ޑްރައިވަރެއް ބޭނުމެއް ނޫން." ޒަހްރާން ޖަވާބު ދިނެވެ. "އިތުރު ކަމެއް ބޭނުންވިޔަސް ބައްޕަ ކައިރީގައި ބުނާތި!." އެހެން ބުނެލުމަށްފަހު މުރާދު، ފޯނު ބޭއްވިއެވެ. ޒަހްރާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު، އީލާފް އަތަށް ފޯނު ދިނެވެ. އީލާފް ފުން ނަޒަރަކުން ޒަހްރާނަށް ބަލައިލިއެވެ. ޒަހްރާންގެ މޫނުމަތިން ފެނުނު އަސަރުތައް މާނަކުރާކަށް އޭނައަކަށް ނޭނގުނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމާއެކު، ސޯފާމައްޗަށް ހަށިގަނޑު ދަމައިލެވުމާއެކު، ޒަހްރާން ސީލިންގަށް ބަލައިލިއެވެ. ކޮންމެވެސް ކަހަލަ އުނދަގުލެއް އޭނަގެ ހިތަށް ވިއެވެ. "ކުޑަބެ ދެން ހަމަ ގެއަކަށް ނުދާނަންތަ؟ ބައްޕަވެސް ކިހާ ހެޕީވާނެތަ އެއްފަހަރުވިޔަސް ގެއަށް ގޮސްލީމަ." އިރުކޮޅެއް ފާއިތުވެގެން ދިޔައިރުވެސް ޒަހްރާން އެއްޗެއް ނުބުނުމުން، އެހިމޭންކަން ފޫދުއްވައިލީ އީލާފްއެވެ. "ބައްޕަވެސް ނުބުނެ އެއްނު ގެއަށް އަންނާށެކޭ..." ޒަހްރާން ހަށިގަނޑު ސީދާކޮށްލަމުން އީލާފްއަށް ބަލައިލިއެވެ. "ގެއަށް ދާން ބުނެގެން ކުޑަބެ ދާނަންތަ؟" އީލާފްއަށް ވެސް އަހައިލެވުނެވެ. ޒަހްރާން ދެފަރާތަށް ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އޭނަ ގާތު އާދޭސް ކުރިނަމަވެސް، އޭނަ އަލުން ގެއަކަށް ނުދާނެއެވެ. ރާއްޖޭން ބޭރަށް ޒަހްރާން ދިޔައީ އުމުރުން އެންމެ ސަތާރަ އަހަރުގައެވެ. އޯލެވެލް ނިންމި ގޮތަށް އޭނަ އެންމެ ފުރަތަމަ ދިޔައީ މެލޭޝިޔާއަށެވެ. މެލޭޝިޔާގައި ދެއަހަރު ހޭދަކުރުމަށްފަހު ޔޫކޭއަށެވެ. ޔޫކޭގައި އުޅުމަށްފަހު، އެމެރިކާގައިވެސް ދުވަސްކޮޅެއް ވަންދެން އުޅުނެވެ. އޭނަ ކިޔެވީވެސް އެ ޤައުމުތަކުންނެވެ. ޗުއްޓީ ލިބޭ ފަހަރުތަކުގައިވެސް ރާއްޖެ އައުމުގެ ބަދަލުގައި ގިނަ ފަހަރު އޭނަ ދަނީ ކޮންމެވެސް އެހެން ޤައުމަކަށެވެ. މި ފާއިތުވި އެގާރަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އައީ އަތުން ގުނާލެވޭހާ މަދުފަހަރެއްގައެވެ. އެ އަންނަ ކޮންމެ ފަހަރަކުވެސް އޭނަ ހުންނަނީ ކޮންމެވެސް ހޮޓެލެއް ނުވަނަ އެޕާރޓްމެންޓެއް ކުއްޔަށް ހިފައިގެންނެވެ. ބައްޕަމެންގެ ގާތަށް ގެއަށް ދާން ބޭނުންނުވާތީއެވެ. އޭނަ ބައްޕަ ދެކެން ބޭނުން ނުވަނީއެއް ނޫނެވެ. އެހެންނަމަވެސް ގޮތް ދޫކުރަން ބޭނުންނުވަނީއެވެ. އެގާރަ އަހަރު ފާއިތުވެގެން ދިޔައިރު ބައްޕައާ އޭނައާ ބައްދަލުވެފައިވަނީވެސް ވަރަށް މަދުންނެވެ. ފޯނުން ވެސް ޒަހްރާން މާ ގިނައިން މުރާދާ ވާހަކައެއް ނުދައްކައެވެ. ގިނަ ފަހަރަށް ޒަހްރާނަށް ގުޅާނީވެސް މުރާދެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ދަރީން ކިތަންމެ ދުރުގައި ހުރިނަމަވެސް، މައިންބަފައިންނަށް އެ ދަރީން މަތީން ހަނދާން ނައްތައެއް ނުލެވޭނެއެވެ. "ވަރަށް ބަނޑުހައި. ކޯންޗެއް ކާން ހުރީ؟" އީލާފް ވަގުތުން މައުޟޫ ބަދަލުކޮށްލިއެވެ. "ޕިއްޒާއެއް ގެނެސްދެން؟" ޒަހްރާން ސުވާލުކޮށްލުމާއެކު އީލާފް ހުރިހާ ދަތެއް ފެންނަވަރަށް ހިނިތުންވެލިއެވެ. ޒަހްރާންގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ***** "މޭޕަލްވިލާ" އަކީ މާލޭގެ އުސްއިމާރާތްތަކާ ޙިލާފަށް، ދެ ފަންގިފިލާއަށް ހަދާފައިވާ ތަނަވަސް ރީތި ގެއެކެވެ. ގޭގެ ރީތިކަމާއި ތަނަވަސްކަމަކީ ބޭރުން އެގެއަށް ބަލައިލާ ކޮންމެ މީހަކަށްވެސް ވަޒަންކޮށްލެވޭނެކަމެކެވެ. ގޭގެ ހައިބަވަންތަކަމާއި ފުރިހަމަކަމަކަމަކީ، ހަމަ ގައިމުވެސް މޮޅު ފަންނުވެރީންތަކެއްގެ މަސައްކަތްކަން ޔަޤީނެވެ. ގޯތިތެރޭގެ ފަޅުކަން ފިލުވާލާފައިވަނީ ހައްދާފައިވާ ފެހި ވިނަގަނޑުގެ ސަބަބުންނެވެ. ގެއާ އިންވެގެން ސާވަންޓް ކުއާރޓާއެއް ވެސް ހުރެއެވެ. ހިނގަން އޮންނަ މަގުގައި ގާ ޖަހާފައިވާއިރު، ކާރާ ސައިކަލު ވެއްދުމަށާއި ނެރުމަށް، ވެސް ޚާއްސަ މަގެއް ހަދާފައިވެއެވެ. އޭގެ އިތުރުން ގެއާ އިންވެގެން ކާރު ޕާކުކުރާނެ ޖަރާޖެއް ހަދާފައިވެއެވެ. މައި ދޮރުގެ ދެފަރާތުގައި ހުރި ބޮޑު ބިޔަ ދެ ތަނބުގައި ރީތި އާސާރީ ކުރެހުމެއް ކަނޑާ ނަގާފައިވެއެވެ. އެއްފަރާތެއްގައި ތިބެވޭނެގެން، ސޯފާސެޓެއް ބަހައްޓާފައި ހުރިއިރު އެތަން ވަނީ ހިޔާވެފައެވެ. ގޭގެ ބޭރުގެ ފުރިހަމަކަށް ވުރެ އެތެރޭގެ ހިތްގައިމުކަން އަދި މާ ފުރިހަމައެވެ. ބަހައްޓާފައިވާ އަގުބޮޑެތި ސޯފާތަކުން ފެށިގެންގޮސް ލާފައިވާ ދޮރު ފޮތިތަކާއި، ކޮންމެ ފަރުނީޗަރެއްގައިވެސް ހުރީ ޝާހީ ގޮތްގަނޑެވެ. މައްޗަން އަރަން ހުރި ބޮޑު ސިޑީގެ އަތްގަނޑުގައިވެސް ވަނީ ރީތި ޑިޒައިނެކެވެ. ކާކޮޓަރިއާއި ބަދިގޭގެ އިތުރުން، ސްޓަޑީއެއްގެ އިތުރުން ދެ ކޮޓަރިވެސް ތިރީގައި ހުރެއެވެ. އޭގެ އިތުރުން މަތީގައިވެސް ހަތަރު ކޮޓަރި ހުރެއެވެ. ގެ ފަރުމާކޮށްފައިވަނީ މަތީގައި ހުންނަ މީހާއަށްވެސް ގޭގެ ސިޓިން ރޫމު ފެންނާނެ ފަދަ ގޮތަށެވެ. "މޭޕަލްވިލާ"ގެ ޓެރެސް ފަޅުވިލުވާލާފައިވަނީ، ތަފާތު ވައްތަރުގެ މާގަސްތަކުންނެވެ. އެއްފަރާތުގައި އޮތް ފަތާފެންގަނޑުގެ ދެފަރާތުން ދިއްލާފައިވާ ލައިޓުތަކާއި، ތަނުގައި ހުރި އޮރެންޖު ލައިޓްތަކުގެ އަލިން ތަނުގައިވަނީ އާދަޔާ ޚިލާފް ރީތިކަމެކެވެ. އިށީނދެވޭ ގޮތަށް، ގޮނޑިތަކާއި މޭޒުތައްވެސް ބަހައްޓާފައި ހުރިއެވެ. އޭގެ އިތުރުން ވާރޭ ވެހެންޏާ ހިޔާވާން ކުޑަ ކޮޓަރިއެއްވެސް ހުރިއެވެ. އެތަނުގައިވެސް، ސޯފާ ސެޓާ އެއްޗެހި ބަހައްޓާފައިހުރިއިރު، ބިއްލޫރި ޖަހާފައި ހުރުމުން ބޭރު ރީތިކޮށް ފެނެއެވެ. ރެއިލިންއަށް ފުރަގައްދީގެން ފާރުގައި ބުރަކަށި ޖައްސާލައިގެން، ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރީ މުރާދުގެ ދޮށި ދަރިފުޅު އަޔާޝްއެވެ. އަޔާޝްގެ އުމުރުން މިހާރު އެއްތިރީސް އަހަރެވެ. އޭނައަކީވެސް ޒަހްރާނެކޭ އެއްގޮތަށް، އިސްކޮޅުން ދިގު ޒުވާނެކެވެ. ފިރިހެންވަންތަ ސިފަތެއްގެ ވެރިއެކެވެ. ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގެ ސަބަބުން އޭނަގެ ހަތަރެސްކަން މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭއިރު، އެ މޫނުމަތީން ފެންނަނީ ސީރިއަސްކަމެވެ. އަޔާޝް އަދިވެސް ހުރީ ވަރަށް ރަސްމީކޮށެވެ. އޭނަ ހުރީ ނޫކުލައިގެ ކޯޓް ފަޓުލޫނުގައެވެ. "ދަރިފުޅާ.. އަޔާ..." އަޔާޝްގެ ނަޒަރު ފޯނުން ވަކިވެގެން ދިޔައީ މުރާދުގެ އަޑަށެވެ. އޭނަ ބަލައިލިއިރު މުރާދު އެ ދިމާލަށް އަންނަނީއެވެ. "ދެންމެތަ އޮފީހުން ތިއައީ؟" މުރާދު ސުވާލުކޮށްލުމާއެކު އަޔާޝް ބޯ ޖަހައިލިއެވެ. "ލައްބަ..." އޭނަ ބުނެލިއެވެ. "ވަރަށް ބުރަ ދޯ މި ދުވަސްކޮޅު..." އަނެއްކާވެސް މުރާދު ސުވާލުކޮށްލިއެވެ. މިފަހަރުވެސް އަޔާޝް ޖަވާބު ދިނީ ކުރީންވެސް ބުނި ގޮތަށް އަދަބުވެރި ކަމާއެކުގައެވެ. މުރާދުގެ ބައްޕަ ދާއޫދު ދުނިޔޭގައި އުފެއްދި ކުންފުނި މޭޕަލް ހެރިޓޭޖް ޕްރައިވެޓް ލިމިޓެޑް މިހާރު ހިންގަމުން ދަނީވެސް އަޔާޝްއެވެ. ކުންފުނީގެ ދަށުން ޖުމްލަ ހަތް ރިސޯޓެއް މިހާރުވެސް ރާއްޖޭގައި ހިންގައެވެ. ދާއޫދު ނިޔާވުމަށްފަހު، އެ ކުންފުނި ހިންގުމާ ހަވާލުވީ މުރާދެވެ. އޭނަގެ ނިޔަމިކަމުގައި އެކުންފުނި އެތަކެއް ކުރި އެރުމެއް ހޯދިއެވެ. ރާއްޖޭން ބޭރުގައިވެސް ރިސޯޓުތަކާއި، ހޮޓެލްތައް ތަރައްޤީ ކުރިއެވެ. އެހެންނަމަވެސް މީގެ ދެ އަހަރު ކުރިން އޭނަ ރާއްޖޭގެ ސިޔާސީ މައިދާނަށް ނުކުންނަންވެގެން ކުންފުނީގެ ހިންގުން އަޔާޝްއާ ހަވާލުކުރީ އަޔާޝްވެސް ކިޔަވާ ނިމުމުންނެވެ. އަޔާޝްއާ ކުންފުނީގެ ހިންގުން ހަވާލުކުރިނަމަވެސް، މިހާރުވެސް މުރާދު ދަނީ އަޔާޝްއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަޔާޝްއަކީ އެކަމަށް ޤާބިލު ޒުވާނެއްކަން މިހާރުވެސް ކޮންމެ ދުވަހަކު ދަނީ ސާބިތުކޮށްދެމުންނެވެ. އެއީ ހުރިހާ ގޮތަކުންވެސް އޭނަ ފަޚުރުވެރިވާފަދަ ދަރިއެކެވެ. މިހާރު އުމުރުން ފަންސާސް ހަ އަހަރުވެފައިވާ، މުރާދަކީ ހުރިހާ ދަރީން ދެކެވެސް އިންތިހާއަށް ލޯބިވާ މީހެކެވެ. ދުވަހަކުވެސް ދަރީންގެ މެދުގައި ތަފާތުކުރުމެއް އޭނަ ނުގެންގުޅެއެވެ. އެއީ އުފާވެރި އާއިލާއެކެވެ. އެހެންނަމަވެސް، އެ އުފާވެރިކަމަށް ނިމުމެއް އައީ މީގެ އެގާރަ އަހަރުކުރިންނެވެ. ޒަހްރާން އާއި އޭނައާ އޮތް ގުޅުން ހީނަރުވި ހިސާބުންނެވެ. "ރެން ކައިރިއަށް ދިޔައިންތަ؟" މުރާދު ސުވާލުކޮށްލިއެވެ. "މިއަދު ދާންވެގެން ހުރީ. އެކަމަކު ބިޒީކަމުން ޓައިމް ނުވި. ގުޅާވެސްލިން. އެކަމަކު ފޯނެއް ނުނަގާ..." އަޔާޝް ބުނެލިއެވެ. "ބައްޕަ ގުޅީމަވެސް ފޯނެއް ނުނަގާ. އެކަމު އީލު ވެއްޖެ މިހާރު ރެން ކައިރީގަ." މުރާދު ހާމަކޮށްލިއެވެ. "ބައްޕަ ބުނިން މާދަމާ ކާރު ފޮނުވާނަމޭ. ކިތަންމެ ވަރަކަށް ބުންޏަސް ރެންއެއް ގެއަކަށް ނާންނާނެ." މުރާދުގެ އަޑުގައިވަނީ މާޔޫސްކަމެވެ. އޭނަ ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އަޔާޝްއަށްވެސް ބައްޕަގެ މާޔޫސްކަން އުނދަގޫކުރިއެވެ. އޭނައަށް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ހުރެވުނެވެ. "އަޅުގަނޑު ގޮސްފަ ވާހަކަ ދައްކާލާނަން." އަޔާޝް ބުނެލިއެވެ. "އަޔާ ވާހަކަ ދެއްކިޔަސް އޭނަ ހިޔެއް ނުވޭ މިގެއަށް އަންނާނެހެނެއް." މުރާދުގެ އަޑުގައި އެއްވެސް އުންމީދެއް ނެތެވެ. ޒަހްރާންގެ ގޮތް އޭނައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަޔާޝްއާއި އިލާފްއާ ޙިލާފަށް ޒަހްރާނަކީ ގޮތް ދޫނުކުރާ ކުއްޖެކެވެ. ކުޑައިރުން ފެށިގެން މިއަދާ ހަމައަށްވެސް ބަދަލުނުވި ސިފައަކީ އެއީއެވެ. "މާދަމާ ކޮންމެވެސް ވަގުތެއް ހޯދާލައިގެން ރެން ކައިރިއަށް ގޮސްލާތި." މުރާދު އަޔާޝްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އަޔާޝް ބޯ ޖަހާލުމުން ދެ ފަހަރަކު އަޔާޝްގެ ކޮނޑުގައި ޖަހާލާފައި މުރާދު ދިޔައީ ތިރިއަށެވެ. ***** ސޯފާގައި އިށީނދެލައިގެން އައިރާ އިންއިރު އޭނަ އިނީ ނިދިޖެހިފައެވެ. ތެމިފައިވާ އެސްފިޔަތަކުން، ހޭމަކޮށްދެމުން ދިޔައީ އޭނަ ރޮއިފައިވާކަމެވެ. މޫނުމަތީން ފެންނަނީ މާޔޫސްކަމެކެވެ. ނާއުންމީދުން ފުރިފައިވާ ފަދަ އަސަރުތަކެކެވެ. ފޯނު ވައިބްރޭޓްވުމާއެކު، ސިހިފައި އޭނައަށް ދެލޯ ހުޅުވައިލެވުނެވެ. އޭރު އެ ދެލޯވެސް ވަނީ ރަތްވެފައެވެ. ކުޑަ ދުޅަކަމެއްވެސް ލޮލުގައި ހުރިއެވެ. ފޯނަށް އައި މެސެޖު ބަލައިލުމާއެކު އައިރާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ކޯތާފަތް މަތީން ތިރިއަށް ރޮނގުދެމިގެން ދާން ނެގީ މަދު ސިކުންތުކޮޅެކެވެ. މޭގައި ތޫނު ރިހުމެއް އުފެދުމާއެކު އޭނައަށް، ދެލޯ މަރައިލެވުނެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަން އައިރާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަން އޭނައަކަށް ކާމިޔާބެއް ނުކުރެވުނެވެ. ދެ ތުންފަތް ފޫއަޅުވާލާފައި ނުކުތް މަޑު "އާހް" އާއެކު ރުއިން ގިސްލުމަކަށް ބަދަލުވެގެން ހިނގައްޖެއެވެ. ފޯނު ބާއްވަމުން އޭނަ ބުރުގާގައި ޖަހާފައިހުރި ޕިންތައް ނައްޓަން ފެށިއެވެ. އޭރުވެސް އައިރާއަށް ދިޔައީ ރޮވެމުންނެވެ. އަތުގައި އޮތް އަނގޮޓިއަށް ނަޒަރު ހުއްޓުމާއެކު އޭނައަށް އެ އަނގޮޓިއަށް ބަލަހައްޓައިގެން އިނދެވުނެވެ. އަމިއްލަ މީހާ ހަމައަކަށް އެޅުވުމުގެ ގޮތުން ފުންނޭވާއެއް ދޫކޮށްލިނަމަވެސް، އޭނަގެ ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ. ގިސްލުމަކަށް ބަދަލެއް ނައެވެ. އަތުގެ ނުފުށުން ލޯ ފުހެލުމާއެކު ގޭތެރެއަށް ބަލައިލެވުނެވެ. މުޅި ގޭތެރެއިންވެސް އޭނައަށް މަރްޙަބާ ކިޔަމުން ދިޔައީ އެކަނިވެރިކަމާއި ފަޅުކަމެވެ. އޭނަގެ ދިރިއުޅުމުގައި އެއްވެސް އުފަލެއް ނެތީ ކީއްވެހެއްޔެވެ؟ އުފަލެއް ލިބިފައިވެސް އެ އުފާ އަތުން ބީވެގެން ދަނީ ކީއްވެހެއްޔެވެ؟ ތަޤުދީރު އޭނައަށް ރަޙުމު ނުކުރަނީ ކީއްވެހެއްޔެވެ؟ އޭނަގެ ޙަޔާތުގައި ހިތާމަޔާއި ހިތްދަތިކަން ނޫން އެއްޗެއް ނެތީހެއްޔެވެ؟ ޑްރައިވަރު އައުމުން އީލާފް ކާރަށް އަރުވާލާފައި މައްޗަށް އެރި، ޒަހްރާން ލިފްޓުން ނުކުތުމާއެކު ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަގެ ކަންފަތުގައި ޖެހުނު މަޑުމަޑު ވޭނީ ގިސްލުމުގެ އަޑާއެކުގައެވެ. ޒަހްރާނަށް ބަލައިލެވުނީ، އައިރާ އުޅޭ އެޕާރޓްމެންޓުގެ ދޮރާ ދިމާލަށެވެ. އެ ދިމާލަށް ފިޔަވަޅު އަޅާލާފައި އޭނަ ދޮރާ ކައިރިވެލާ ކަންފަތް އެ ދިމާލަށް ދިއްކޮށްލިއެވެ. އޭނައަށް ޔަޤީންވިއެވެ. އެ ވޭނީ ގިސްލުމުގެ އަޑު އަންނަމުން ދިޔައީ އެ އެޕާރޓްމެންޓުންނެވެ. އޭނަގެ ހިތަށް ފާޑެއްގެ ގޮތެއް ބެލިއެވެ. އެ އަޑު އަހަން ހުރެވުނުއިރު، އީލާފްގެ ގާތުން އެ ކުއްޖާގެ ނަން އަހާނުލެވޭކަން ވެސް ހަނދާންވިއެވެ. ޒަހްރާނަށް އިރުކޮޅަކު ވިސްނަން ހުރެވުނެވެ. އޭނަ އެޕާރޓްމެންޓަށް ވަނީ އެ ގިސްލުމުގެ އަޑު އެކީ ހިނދުނު ފަހުންނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ