ރަބަތު، މޮރޮކޯ (ޖެނުއަރީ 2) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގެބޮން އިން ނެރުނު ނަތީޖާތައް ދަށް ކަމަށް ބުނެ، އެ ގައުމުގެ ސަރުކާރުން، ގައުމީ ފުޓްބޯޅަ ޓީމު ސަސްޕެންޑްކޮށް، ޓީމުގެ މުހިންމު ކުޅުންތެރިޔާ، ޕިއޭ އެމެރިކް އޮބާމަޔަން ހިމެނޭ ގޮތަށް ސީނިއާ ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފި އެވެ.
މޮރޮކޯގައި ކުރިއަށްދާ މި ފަހަރުގެ އެފްރިކަން ކަޕްގައި ގެބޮން ކުޅުނު ތިން މެޗުން ވެސް ބަލިވެ، މުބާރާތުން ކެޓީ ޕޮއިންޓެއް ވެސް ނުލިބި އެވެ. ފުރަތަމަ މެޗުން ކެމަރޫން އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި، މޮޒަމްބީކު އަތުން 3-2 އިން ބަލިވި އެވެ. އަދި، ފަހު މެޗުގައި އައިވަރީ ކޯސްޓާ ކުޅެގެން ވެސް 3-2 އިން ބަލިވި އެވެ.
އައިވަރީ ކޯސްޓު މެޗަށް ފަހު، ގެބޮންގެ ކުޅިވަރު ވަޒީރު، ސިމްޕްލީސް-ޑެޒެއާ މަމްބޫލާ ވަނީ ޓީމުގެ ކުޅުމަށް ފާޑުކިޔައި، މުޅި ޓީމު ސަސްޕެންޑް ކުރުމުގެ އިތުރުން ކޯޗު ތިއަރީ މަޔޫމާ ވެސް ވަކިކުރަން އަންގައިފަ އެވެ. އަދި، މުބާރާތުގައި ގެބޮންގެ ފަރާތުން ފެނުނީ ލަދުވެދި ކުޅުމަކާއި ނަތީޖާތަކެއް ކަމަށް ވިދާޅުވެ، މަމްބޫލާ ވަނީ ޓީމުގައި ހިމެނޭ ސީނިއާ ކުޅުންތެރިން ދެން ޓީމަށް ނެގުން މަޑުޖައްސާލަން އަންގައިފަ އެވެ.
އެ ކުޅުންތެރިންގެ ތެރޭގައި، ޔޫރަޕްގެ ވަރުގަދަ ޓީމުތަކަށް ކުޅެފައިވާ މި ސީޒަނުގައި ފްރާންސްގެ މާސޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮބާމަޔަން ވެސް ހިމެެނެ އެވެ.
އޮބާމަޔަން އަކީ ގެބޮން އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 40 ލަނޑު ޖަހައިދީފަ އެވެ.
މީގެ ކުރިން ވެސް އެފްރިކާގެ ގައުމުތަކުން އެފްުރިކަން ކަޕް އޮފް ނޭޝަންސްގައި ނަތީޖާތައް ދަށްވުމުން ޓީމާ މެދު ޖަޒުބާތުގައި ޖެހިގެން ފިޔަވަޅު އަޅަ އެވެ. އެކަމަކު، އެ ގައުމެއްގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ސަރުކާރުން ފިޔަވަޅު އެޅި ކަމުގައި ވިޔަސް، އަމިއްލަ އަށް ނިންމަން ޖެހޭ ކަންކަން މިނިވަން ކަމާ އެކު ނިންމައި، އެ އަށް އަމަލުކުރަމުންނެވެ. ސަބަބަކީ، ސަރުކާރުގެ ނުފޫޒު އެސޯސިއޭޝަން ތެރެއަށް ވަދެފިނަމަ، ފީފާ އިން އެ ގައުމު ސަސްޕެންޑްކުރާނެތީ އެވެ.
ގެބޮން ސަރުކާރުން ޓީމު ސަސްޕެންޑްކޮށް، އޮބާމަޔަން އަށް ފިޔަވަޅު އަޅައިފި ގެބޮން ސަރުކާރުން ޓީމު ސަސްޕެންޑްކޮށް، އޮބާމަޔަން އަށް ފިޔަވަޅު އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ