އިޤުރާރުވީމޭ ލޯބިން - 03

އޭނަ އެޕާރޓްމެންޓަށް ވަނީ އެ ގިސްލުމުގެ އަޑު އެކީ ހިނދުނު ފަހުންނެވެ. ސޯފާމައްޗަށް ވެއްޓިގަތުމާއެކު ޒަހްރާނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޮށޯވެ ހަމަޖެހިލުމަށްފަހު، ނިތް މަތީގައި އަތް ބާއްވާލައިގެން ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޭނައަށް އޮވެވުނެވެ. އެ ކުއްޖާގެ ގިސްލުމުގެ އަޑު އަދިވެސް ހީވަނީ ކަންފަތުގައި ގުގުމާހެންނެވެ. ދެފަރާތަށް ބޯ ހޫރާލެވުނީ އެކަމުން ސިކުނޑި އެހެން ދިމާލަކަށް އަނބުރާލުމުގެ ބޭނުމުގައި ނަމަވެސް، އެކަމެއްވެސް މިފަހަރަކު ކާމިޔާބެއް ނުކުރެވުނެވެ. އަންހެން ކުއްޖެއްގެ ރުއިމާ ގިސްލުމުގެ އަޑުން އޭނަގެ ސިކުނޑިއަށް ނުތަނަވަސްކަން ކުރިމަތިކުރުވަންވީ ކީއްވެހެއްޔެވެ؟ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ޒަހްރާނަށް އަތް މަހާލެވުނެވެ. އޭނައަށް ރަނގަޅަށް އަދި ކުއްޖާގެ މޫނުވެސް ފެނުނީ އެއް ނޫނެވެ. ވީއިރު އެ ގިސްލުމުން އަސަރު ކުރަންވީ ކީއްވެހެއްޔެވެ؟ އެ ކުއްޖާ އުޅެނީ އެކަނިހެއްޔެވެ؟ އެގޭގައި އިތުރު މީހަކު ނޫޅެނީ ހެއްޔެވެ؟ އެހާ ހިތްދަތިވެގެން އެ ރޮނީ ކިއްވެހެއްޔެވެ؟ ސިކުނޑީގެ ތެރޭގައި ތަފާތު ސުވާލުތައް ދައުރުވާން ފެށުމާއެކު، ބޯ ކަހާލާފައި، އެ ޚިޔާލުތަކުން މިންޖުވުމުގެ ބޭނުމުގައި ފޯނު ނަގާފައި ފޭސްބުކަށް ވަދެލިއެވެ. މެސެންޖާއިން އައިސްފައި ހުރި މެސެޖުތައް ބަލައިލުމަށްފަހު، ސީންކޮށްލުމެއް ނެތި، އެ ހުރިހާ މެސެޖެއް ޑިލީޓްކޮށްލިއެވެ. އެއީ މުޅީންވެސް އަންހެން ކުދިންގެ މެސެޖުތަކެވެ. އޭނަ މަތީން ހަނދާންވާކަމަށާއި، މެސެޖަށް ޖަވާބު ދިނުމަށް އެދި ފޮނުވާފައި ހުރި މެސެޖެވެ. އޭނަގެ ޚަބަރެއް ނުވެ ކަންބޮޑުވެގެން ފޮނުވާފައި ހުރި މެސެޖެވެ. އެހެންނަމަވެސް އެއިން އެއްވެސް މެސެޖަކުން ޒަހްރާންގެ ހިތަށް އެއްޗެއް އެރިހެނެއް ހިޔެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. އެއީ އޭނައަށް އާ ކަމެއް ނޫނެވެ. ރޭއްޖޭން ބޭރުގައި މި ހޭދަވި ދުވަސްތަކުގައި، އެތަކެއް އަންހެން ކުދިންނާ އޭނަ ގުޅުން ބޭއްވިއެވެ. އެއްފަހަރާ އެތަކެއް ކުދިންނަކާ ވާހަކަ ދެއްކިއެވެ. އެހެންނަނަވެސް، އެއިން އެކަކާވެސް ވާހަކަ ދެއްކީ ކޮންމެހެން ލޯބިވެގެނެއް ނޫނެވެ. އެހެންނަމަވެސް "ޓައިމް ޕާސް" ކޮށްލުމުގެ ނިޔަތުގައެވެ. ފޫހި ފިލުވާލުމުގެ ބޭނުމުގައެވެ. ޒަހްރާންގެ ބޭނުމަކީ އޭނަގެ "ލައިފް" "ހެޕަނިންގ" ކޮށްލުމެވެ. ފޫހިވާނެ ފުރުސަތު ނުދިނުމެވެ. ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން އޮތީތީއާވެސް އެކުގައެވެ. އެކަން ހުއްޓުވާކަށް މީހަކު ނުހުރެއެވެ. ވީއިރު ލިބުނު މިނިވަންކަމުގައި ކޮންމެ ކަމެއް ވެސް ކުރުމުގެ ފުރުސަތު އޭނައަށް އޮތީ ފަހިވެފައެވެ. މޭޒުމަތީގައި އޮތް ޕިއްޒާ ފޮށި ހުޅުވާލުމަށްފަހު، އޭގެން ނެގި ޕިއްޒާ ފޮތިން އެތިކޮޅެއް ކައިލިއެވެ. އެހެން އޮއްވާ އޭނަގެ ފޯނު ރިންގުވިއެވެ. ގުޅީ އީލާފްއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު ޒަހްރާން ވާހަކަ ދެއްކިއެވެ. "ހަލޯ... ގެއަށް ދެވުނީ؟" އޭނަ ސުވާލުކޮށްލިއެވެ. "އާނ. އައިސް ހަމަ ވަނީ މި..." އީލާފް ބުނެލިއެވެ. "އޯކޭ... " ޒަހްރާން ފޯނު ބޭއްވިއެވެ. އެއަށްފަހު އަނެއްކާވެސް ޕިއްޒާ ފޮތި ނަގާ އަނގަޔަށް ލިޔެވެ. ***** އީލާފް ގެއަށް ވަތްއިރު ބޮޑުކޮޓަރީގައި ބަސްމާ އިނެވެ. އޭނަ އިނީ ގޭގައި ލާ އުޅޭ ހަރުވާޅު ހެދުމެއްގައެވެ. އަޅާފައިހުރީ އާދައިގެ ކަޅު ބުރުގާއެކެވެ. ހީވީ އީލާފްގެ އިންތިޒާރުގައި އިންހެންނެވެ. ޓީވީވެސް ހުރީ ނިއްވާލާފައެވެ. އީލާފް ފެނުމާއެކު އޭނަ ސޯފާއިން ތެދުވިއެވެ. "އަޅުގަނޑު އަންނަންދެންތަ ތީނީ؟" އީލާފް ސުވާލުކޮށްލިއިރު އޭނަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ބަސްމާ ބޯ ޖަހައިލިއެވެ. އީލާފް ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. އޭނަ އެ ހޯދަނީ މުރާދުކަން ބަސްމާއަށް ދެނެގަނެވުނެވެ. އޭނަ މުރާދު ކޮޓަރީގައިކަމަށް ބުނެލިއެވެ. އީލާފް ބޯ ޖަހައިލިއެވެ. "ކުޑަބެ ރަނގަޅުތަ؟" ބަސްމާ އީލާފްއާ ސުވާލުކޮށްލުމުން އީލާފް ބޯ ޖަހައިލިއެވެ. ބަސްމާ ވެސް ހިނިތުންވެލިއެވެ. ޒަހްރާނާ އޭނައާ ދެމެދު ލެވިފައިވާ ނުތަނަވަސްކަމުގެ ފާރުގެ ބޯމިން ޚުދު އޭނައަކަށްވެސް ނޭނގެއެވެ. އެހެންނަމަވެސް، ބަސްމާގެ ހިތުގައި ޒަހްރާނާ މެދު ނުރުހުންތެރިކަމެއް ނުވެއެވެ. ޒަހްރާން ދެކެ އޭނަ އިންތިހާއަށް ލޯބިވެއެވެ. އަޔާޝްއާ އީލާފްއެކޭ އެއްގޮތަށެވެ. އެހެންނަމަވެސް ދެރައީ އެ ދެމީހުންހެން ޒަހްރާން އޭނަ ޤަބޫލުނުކުރީތީއެވެ. އީލާފް މައްޗަށް އެރުމުން ބަސްމާ ވެސް ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު މުރާދު އިނީ އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ފޯނަށް ބަލަހައްޓައިގެންނެވެ. ބަސްމާ ފެނުމާއެކު އޭނަ ފޯނު ނިއްވާލަމުން ބަސްމާއަށް ސަމާލުކަން ދިނީ އެ މޫނުމަތީން ފެނުނު ނުތަނަވަސްކަމުންނެވެ. "އީލާފް އައިތަ؟" މުރާދު ސުވާލުކޮށްލުމާއެކު ބަސްމާ ބޯ ޖަހައިލިއެވެ. އޭނަ ވެސް އެނދުގެ އަނެއްފަރާތުގައި އިށީނދެލުމަށްފަހު މުރާދަށް ބަލައިލިއެވެ. މުރާދު ކުޑަކޮށް ހަށިގަނޑު ސީދާކޮށްލަމުން ބަސްމާގެ އަތުގައި ހިފައްޓައިލިއެވެ. "ކިހިނެއްވީ ބަސްމާ؟" މުރާދުގެ އަޑުގައި ވަނީ އޯގާތެރިކަމެވެ. ލޯބިވާ އަނބިމީހާގެ ނުތަނަވަސްކަމާއި މާޔޫސްކަން ދުރުކޮށްދޭން އޭނަ ބޭނުންވިއެވެ. ބަސްމާއަކީ ރަނގަޅު، ހެޔޮ އަންހެނެކެވެ. ކިޔަމަންތެރި އަނތްބެކެވެ. އޭނަގެ ތިން ދަރީންގެ މަންމައެއްގެ މަޤާމުގައި މިއަދު ހުރި މީހަކީ ވެސް ބަސްމާއެވެ. ދުވަހަކުވެސް ބަސްމާގެ ފަރާތުން ޝަކުވާކުރާނެ ފަދަ ސިފައެއް އޭނައަކަށް ފެނިފައެއް ނުވެއެވެ. އެއީ މަޑުމައިތިރިކަމާއި ކެތްތެރިކަމުގެ ނަމޫނާއެކެވެ. އޭނަގެ ތިން ދަރީންދެކެ އިންތިހާއަށް ލޯބިވާ އަންހެނެކެވެ. ދަރީންނަށް ދޮންމަންމައެއް ހޯދައިދިނުމަކީ ފަހަރެއްގައިވެސް މުރާދު ހިތުލައިގެން ހުރިކަމެއް ނޫނެވެ. އެހެންނަމަވެސް ވަގުތާއި ޙާލަތު ފުރޮޅިގެން ދިޔަ ގޮތުން އެކަން ކުރަންވެސް މަޖުބޫރުވީއެވެ. މުރާދުގެ ފުރަތަމަ އަނބިމީހާ ޒޫނާ މި ދުނިޔެއާ އަލްވަދާޢު ކީ، އީލާފްގެ އުމުރުން އެންމެ ހަ އަހަރުގައެވެ. އޭރު ޒަހްރާންގެ އުމުރުން ފަނަރަ އަހަރެވެ. އަޔާޝްގެ އުމުރުން ވާނީ އަށާރަ އަހަރެވެ. ދަރީންގެ އެހާ ޅަ އުމުގައި މަންމަ ވަކިވުމުން އަސަރުކުރާނެކަން މުރާދަށް އެނގެއެވެ. ވަކީން ޚާއްސަކޮށް އީލާފްއަށެވެ. އެ އުމުރުގައި އީލާފްއަށް މަންމައެއްގެ އެހީތެރިކަން ބޭނުންވާނެއެވެ. އޭނަގެ މަންމަ އަނީސާއަށްވެސް މަންމައެއްގެ ރޯލު އަދައެއް ނުކުރެވޭނެކަން މުރާދަށް އެނގެއެވެ. ޒޫނާގެ މަރަށް އެއް އަހަރުވީފަހުން، މުރާދު، ބަސްމާއާ އިނީ ކޮންމެހެން ލޯބިވެގެނެއް ނޫނެވެ. އެހެންނަމަވެސް، ދަރީންގެ ހައްޤުގައެވެ. ޒޫނާއަށްފަހު އިތުރު މީހެއް ދެކެ ލޯބިވުމަކީ ނާދިރުކަމެއްކަމުގައި ހީވި ނަމަވެސް، އެކަން ބަދަލުވެގެން ދިޔައީ ބަސްމާގެ އަޚްލާޤާއި ކެތްތެރިކަމުގެ ސަބަބުންނެވެ. ދަރީންނާ މެދު ބަހައްޓާ އޯގާތެރިކަމުގެ ސަބަބުންނެވެ. ބަސްމާ އަކީ ދަރީން ލިބުމުން މަޙްރޫމްވެފައިވާ އަންހެނެކެވެ. އޭނަގެ ކުރިން ބަސްމާ ވެސް މީހަކާ އިނެވެ. ދަރިއަކުވެސް ލިބުނެވެ. އެހެންނަމަވެސް ދަރިފުޅު ނިޔާވީއެވެ. އަދި ވިހެއުމަށްފަހު، ދިމާވި ސިއްޙީ މައްސަލައެއްގެ ސަބަބުން ލޭމަނާނުވެ އެންމެފަހުން ރަޙިމު ވެސް ނަގަން ޖެހުނީއެވެ. ދަރިއަކަށްޓަކައި ބަސްމާ ދުއް ހުވަފެން ވިއްސި ވިހާލިވި ހިސާބަކީ އެއީއެވެ. އެއަށްފަހު ބަސްމާގެ ފިރިމީހާ އޭނަ ދެކެ ފޫހިވެ ވަރިކޮށްލީއެވެ. ދަރިއަކު ނުލިބޭ އަންހެނަކާ އެކީ އުޅެން ބޭނުންނޫންކަމަށް ބުނެއެވެ. މުރާދު ބަސްމާއާ އިނީ އެހުރިހާކަމެއް އެނގިހުރެއެވެ. "އަހަރެން ކަންބޮޑުވަނީ ޒަހްރާނާ މެދު." ބަސްމާ ބުނެލިއެވެ. "އޭނައަށް އަދި ނުވިސްނެނީ..." މުރާދު ބަސްމާގެ ހިތްހަމަ ޖައްސައިދޭން ބޭނުންވިއެވެ. "އަހަރެން މިގޭގައި އުޅޭހާ ދުވަހަކު ޒަހްރާން މިގެއަކަށް ނާންނާނެ." ބަސްމާގެ އަޑުގައި މާޔޫސްކަން ވެއެވެ. "އަހަންނަށް އިޙްސާސްކުރެވެނީ އަހަރެންގެ ސަބަބުން ޒަހްރާންވެސް މުރާދާ ދުރުވީކަމުގައި..." "ތިގޮތަށް ނުވިސްނާ ބަސްމާ. އަހަރެން ބުނީމެއްނު ޒަހްރާނަކީ ވަރަށް ބޯ ހަރު ކުއްޖެކޭ. އެއްޗެކޭ ބުނެފިއްޔާ އެކަމެއްގައި ހިފައްޓައިގެން ކިތަންމެ ދުވަހަކުވެސް ހުރެދާނެ." މުރާދު ބަސްމާގެ އަތުގައި ހިފައްޓާފައިވާ އަތަށް ބާރުކޮށްލިއެވެ. "މިހާރު އެގާރަ އަހަރުވީ... އޭނަ ގެއިން ދިޔަފަހުން ކިތަށް އަހަރު މި ފާއިތުވެގެން ދިޔައީ." ބަސްމާއަށް ބުނެވުނެވެ. އޭނަގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އޭނަ ދެކެނީ މުރާދުގެ ވެސް ދަރީންނަކީ އޭނަގެވެސް ދަރީން ކަމުގައެވެ. އެއީ މާތް ﷲ އޭނައަށް ދެއްވި ނިޢުމަތެއްކަމުގައި ބަސްމާ ޤަބޫލުކުރެއެވެ. "ދެން އެކަމާ ނުވިސްނާ... އީލުގެ ވާހަކަތަކުން ހީވަން ރެން މިފަހަރު ތަންކޮޅެއް ދުވަހަށްހެން މިކޮޅަށް އެއައީވެސް. ފަހަރެއްގައި ކަންތައްތައް ބަދަލުވެދާނެއެއްނު." މުރާދު އެހެން ބުނެލި ނަމަވެސް، ޚުދު އޭނަވެސް ވަނީ ނާއުންމީދުވެފައެވެ. އޭނަ ބަސްމާގެ ނުތަނަވަސްކަން ދުރުކޮށްލަދޭން މަސައްކަތްކުރިއެވެ. ބަސްމާވެސް ބޯ ޖަހައިލިއެވެ. އޭނަގެ ހިތްވަރަކީ، މުރާދެވެ. އޭނަވެސް މުރާދާ އިނީ ކޮންމެހެން މާ ބޮޑަށް ލޯބި ވެގެނެއް ނޫނެވެ. އެހެންނަމަވެސް، ދުވަސްވީ ވަރަކަށް އެ ދެމެދުގައި ލޯބި ކުރި ފަޅާ ހެދުނީއެވެ. މިއަދު އޭނަގެ ހުރިހާ އުފަލެއް ގުޅިފައިވަނީ މުރާދާއެވެ. އެއީ ހިތްހެޔޮ ހިތެއްގެ ވެރިއެކެވެ. އޯގާތެރިއެކެވެ. އޭނަގެ އިޙްސާންތެރިކަން ދުވަހަކުވެސް ބަސްމާ ހަނދާން ނައްތައެއް ނުލާނެއެވެ. ބަސްމާގެ އާއިލާއަކީވެސް މުރާދުމެންހާ މުއްސަނދި ނޫނަސް، މުއްސަނދި ބަޔެކެވެ. އޭނައަށް ޢާއިލާގެ ލޯބިވެސް ލިބުނެވެ. ނާކާމިޔާބުވީ ފުރަތަމަ ކުރި ކައިވެންޏެވެ. "ދެން ދޭ ތައްޔާރުވެލައިގެން އޮށޯންނަން އަންނަން." މުރާދު ބުނެލުމުން، ބަސްމާ ބޯ ޖަހައިލިއެވެ. އެ ވާހަކަތަކުން އޭނަގެ ހިތަށްވެސް ހަމަޖެހުން ލިބިގެން ދިޔައެވެ. އޭނަގެ އުފާތަކަށް މުރާދު އިސްކަން ދޭ މިންވަރު އޭނައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކައިވެނީގެ ގުޅުން ހީނަރު ނުވެ އެފަދަ ގޮތަކަށް ދެމި އޮތް، އެތް ސަބަބަކީވެސް މުރާދު އޭނަ ދެކެ ވާ ލޯތްބާއި ކުރާ އިޙްތިރާމެވެ. ***** އައިރާއަށް ހޭލެވުނީ، އެހެންޏާ ހޭލާވުރެއް ވުރެ ތަންކޮޅެއް ލަހުންނެވެ. އޭރު އޭނަގެ ބޮލުގައިވެސް ރިއްސަމުން ދިޔައެވެ. ގަޑި ބަލައިލިއިރު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ރޭގަނޑު ހަތަރު ދަމު އޭނަ ހޭދަކުރީ ޚިޔާލާ ފިކުރުތަކެއްގެ ތެރޭގައެވެ. ނަފްސު ޣަރަޤުވެގެން ދިޔައީ ބުނެދޭން ނޭނގޭ ފަދަ ވޭނެއްގެ ތެރެއަށެވެ. ސިކުނޑީގެ ހާސްކަން ގުޅިގެން ދިޔައީ އަމިއްލަ ޙަޔާތާއެވެ. އެ ޙަޔާތުގައިވި ހުސްކަމާއެވެ. ގިލަންވެރިކަމުގެ އެ ވޭނީ ސިލްސިލާއަށް ނިމުން ގެންނާނެ ގޮތެއް އައިރާއަކަށް ނޭނގުނެވެ. ދެލޯ އުނގުޅާލުމުން، ލޮލަށް ކޮންމެވެސް ވަރަކަށް ތަދުވާގޮތްވިއެވެ. ދެލޮލުގައި ހުރި ރަތްކަމާއި މޫނުމަތީގެ ދުޅަކަން އައިރާއަށް އިޙްސާސްކޮށްލެވުނީ ލޯގަނޑު ކުރިމައްޗަށް ހުއްޓި، އަމިއްލަ މީހާގެ ސޫރައަށް ބަލައިލުމުންނެވެ. ދިރުން ނެތް އެ މޫނުމަތިވަނީ މިލާފައެވެ. މާޔޫސްކަމާއި ނާއުންމީދު ނޫން އަސަރުތަކެއް ނުފެނެއެވެ. ކިތަންމެ ވަރަކަށް ބެލި ނަމަވެސް ވެއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލި އައިރާ ގޮސް ފާޚާނާއަށް ވަނެވެ. ތާޒާވެލުމުން ވެސް ބޮލުގެ ރިހުމަށް ލުޔެއް ނުލިބުނެވެ. މުޅި މީހާއަށްވެސް އާދަޔާ ޚިލާފު ވަރުބަލިކަމެއް އިޙްސާސްކުރެވެމުން ދިޔައެވެ. އާދައިގެ ބުރުގާއެއް އަޅަމުން އޭނަ ސިޓިން ރޫމަށް ނުކުމެލިއެވެ. ކަބަޑު ހުޅުވާލުމަށްފަހު އައިރާ ނެގީ "ފްލޭވާރޑް" ސައިފަތް ޕެކެޓެކެވެ. ހޫނުފެން ޖައްސާލާފައި، އޭނަ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. ރޭގައި މެސެޖުކުރި ނަންބަރަށް އައިރާ ގުޅައިލިއެވެ. ތުންފަތުގައި ދަތް އަޅައިލީ އެ ފޯނުވެސް ނަގާނެ ކަމުގެ ޔަޤީންކަން ނެތްފަދައަކުންނެވެ. ވީވެސް އެހެންނެވެ. އެމީހަކު އައިރާގެ ފޯނެއް ނުނެގިއެވެ. ރިންގްވެފައި ކެނޑުނުއިރުވެސް އައިރާއަށް ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެވުނެވެ. ކެބިނެޓްގައި ލެނގިލައިގެން ވިސްނުމަކަށް ގެއްލިފައި ހުއްޓާ، ސިހުން ނެގުނީ ފެންޖަގު ކެކުނު އަޑަށެވެ. ނުރޯން މަސައްކަތްކުރަމުން، އޭނަ ޖޯޑަށް ފެންއެޅުމަށްފަހު ސައި ތައްޓެއް ތައްޔާރުކޮށްލިއެވެ. އެހެން އިތުރު އެއްޗެއްވެސް ހެދުމުގެ ޚިޔާލެއް ހުރިހެނެއް ހިޔެއް ނުވެއެވެ. އައިރާ ގޮސް އިށީނީ ކާ މޭޒު ކައިރީގައެވެ. ހަޤީޤަތުގައި އޭނަ އެއްވެސް ކަމެއް ކުރާހިތެއްވެސް ނެތެވެ. ސައި ބޯލައިގެން، އައިރާ ޕެނެޑޯލް ގުޅައެއް ވެސް ކެޔެވެ. ބޮލުގެ ރިހުން ލުއިވާނީ އޭރުންކަން އޭނައަށް އެނގޭތީއެވެ. ގޮސް ސޯފާގައި އިށީނުމަށްފަހު، ރިމޯޓު ނަގާ ޓީވީ އަޅުވާލަން އުޅުނު ނަމަވެސް، ޚިޔާލު ބަދަލުވި މީހެއް ފަދައިން ރިމޯޓު މޭޒުމަތީގައި ބާއްވާފައި އޭނަ ސޯފާގައި އޮށޯވެލިއެވެ. ފޯނު ބަނޑުމަތީގައި ބާއްވާލައިގެން ސީލިންގަށް ނަޒަރު ހުއްޓާލައިގެން އައިރާ އޮތެވެ. އެހެން އޮވެފައި ފޯނު ނަގާފައި އަނެއްކާވެސް ކުރިން ގުޅި ނަންބަރަށް ގުޅާލަންވެގެން އުޅުނެވެ. އެހެންނަމަވެސް، އެ ހިތްވަރެއް ނުލިބުނެވެ. ހީވީ އިތުރު މާޔޫސްކަމެއް ނާއުންމީދު ވެފައިވާ ހިތަށް ދޭން ބޭނުންނުވީހެންނެވެ. ބައެއްފަހަރު އަނިޔާއަކުން ހިތެއް ސަލާމަތްކުރުމަކީ ނާދިރުކަމަކަށް ވީނަމަވެސް، ތިމާގެ އަތުގައި، އޭގެ ފުރިހަމަ އިޚްތިޔާރު އޮތްނަމަ އެފަދަ ކަމެއް ކުރުމުން ދުރުހެލިވެވޭ ފަހަރު އާދެއެވެ. އައިރާއަށް ވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. އޭނަ މިވަގުތު އިތުރު ތަކުލީފެއް އަމިއްލަ ނަފްސަށް ދޭން ބޭނުންނުވަނީއެވެ. ފޯނު ސޯފާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ބާއްވާފައި ރަނގަޅަށް ސޯފާގައި ހަމަ ޖެހި ނުލެވި އުޅެނިކޮށް، ފޯނު ރިންގުވެއްޖެއެވެ. "ހަލޯ..." ފޯނު ނަގާ ބަލައިލުމަށްފަހު އައިރާ ނިކަން އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ. ހީވީ އެތަކެއް އިރެއްގެ އިންތިޒާރަކަށް ނިމުމެއް އައީހެންނެވެ. "ހަލޯ..." އިވުނީ ފިރިހެންވަންތަ އަޑެކެވެ. "ސޮރީ އިނގޭ. ރޭގަ ހަމަ ނުދެވުނީ..." "އަހަރެން ވަރަށް ގިނައިރު، އިންތިޒާރުގައި އިނިން." އައިރާ ބުނެލިއެވެ. "އިނގޭ... އެކަމުވެސް އެންމެފަހު ވަގުތު ކަމެއް ލައިގަތީ..." އެ އަޑުގައި އެކަމާ ދެރަވާފަދަ އަސަރެއް ނެތެވެ. ހީވަނީ އައިރާއަށް ޖަވާބެއް ދޭން ޖެހޭތީ ބުނިހެންނެވެ. "އޮފީސް ނިންމާފައި މިއަދު އަންނާނަންތަ؟" އައިރާ ސުވާލުކޮށްލިއެވެ. އޭނަގެ އަޑުގައި އުންމީދެއްގެ އަސަރުވެއެވެ. "މިއަދު....... އޮފީސް ނިންމާފަ ދާން ކުޑަކޮށް އުނދަގޫ ވާނެހެން ހީވަނީ..." ވާހަކަ ދައްކަމުން ދިޔަ ޒުވާނާގެ އެ ވާހަކައާއެކު އައިރާއަށް ލޯ މަރައިލެވުނީ ހިތަށް ވީ އުނދަގުލެއްގެ ސަބަބުންނެވެ. އިޙްސާސްތައް އަމިއްލަ ބާރުގެ ދަށަށް ގެންނަން އޭނަ މަސައްކަތްކުރިއެވެ. "އެއީ..." އައިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. "އޮފީސް ނިންމާފަ ގެއަށް ދާންޖެހޭ. މަންމަ ބުނި ކޮންމެވެސް މުހިންމު ކަމެއްގެ ވާހަކަ." އެކޮޅުން ބުނެލިއެވެ. "އޯހް..." އައިރާއަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. އޭނަ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލި ގޮތުން ހީވީ އިތުރު އެއްޗެއް ބުނަން ބޭނުންވެ ހުރެވެސް ފަސްޖެހުނީހެންނެވެ. ދެފަހަރަކު އެކޮޅުން ވާހަކަ ދެއްކި ނަމަވެސް، އައިރާ އެއްޗެއް ނުބުންޏެވެ. "އައި ހޯޕް ޔޫ ކޭން އަންޑަރސްޓޭންޑް... އައިރާ..... އައިރާ..... ޔޫ ދެއަރ. އައިރާ؟" ފޯނުން ވާހަކަ ދައްކަމުން ދިޔަ ޒުވާނާ އައިރާގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައެވެ. "ކީއްވެ؟" ޝަކުވާގެ ލަފުޒެއް އައިރާގެ ދެ ތުންފަތް ފޫ އަޅުވާލާފައި ނުކުތްއިރު އޭނަގެ ދެލޯވެސް ފެންކަޅި ވެގެން ދިޔައެވެ. ހިންދިރުވައިލުމާއެކު އޭނަ މިފަހަރު އެހިތުގެ ރިހުން ހިއްސާކުރަން ބޭނުންވެފައިވާ ޙާލު ވާހަކަ ދައްކަން ފެށިއެވެ. "ކީއްވެ ތި ގޮތަށް ކަންތައް ތިކުރަނީ؟ ތިން ދުވަސްވީ އަހަރެމެން ދެމީހުން ދިމާނުވާތާ... ރޭގަވެސް އަހަރެން ބަލާ އަންނާނަމޭ ބުނީމަ އެތައް އިރަކު އިނިން. އިންތިޒާރުގަ... އެކަމަކު......" އައިރާއަށް އޭނަގެ ޖުމްލަ މެނޑުކަނޑާ ލެވުނެވެ. އިތުރަށް ވާހަކަ ދެއްކުނީ ކުޑަ ހިތްވަރެއް ލުމަށްފަހު، އިރުކޮޅެއް ފަހުންނެވެ. "ބުނެބަލަ.. އަހަންނަށް އަހަރެންގެ ފިރިމީހާގެ މައްޗަށް އެއްވެސް ހައްޤެއް ނެތީތަ؟" (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ