ރަޝިއާެގެ ބެޓިން ކުުންފުންޏަކާ ގުޅުން އޮތުމުން އިޓަލީގެ ކޯޗަކަށް ޕިރްލޯ ހަމަޖެއްސުން މަޑުޖެހިއްޖެ

މޮސްކޯ، ރަޝިއާ (ޖުލައި 27) - ރަޝިއާގެ ބެޓިން ކުންފުންޏަކާ އެކު، އިޓަލީގެ ފުޓްބޯޅަ ތަރި، އަންދްރެއާ ޕިރްލޯގެ ޑީލެއް އޮތުމުން، އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އޭނާ ހަަމަޖެއްސުމުގެ މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 
ޖެހިޖެހިގެން ތިން ވަަނަ ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން، މިދިޔަ އޭޕްރީލް މަހު އިޓަލީގެ ކޯޗުކަމުން ޖެނާރޯ ގަޓޫސޯ އިސްތިއުފާދިނުމުން، އެ ޓީމުގެ ކޯޗުގެ މަގާމު އޮތީ ހުސްކޮށެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ޒިންމާ ނަގައި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީގެ ލީޑަޝިޕްގެ މަގާމުގައި ހުރި އެކި ފަރާތްތަކުން ވެސް ވަނީ އިސްތިއުފާދީފަ އެވެ. 
އެ ގޮތުން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގެވުމާ، ޖިއޮވާނީ މަލާގޯ ހަވާލުވެ، އޭނާ ވަނީ ގައުމީ ޓީމުގެ މެނޭޖަރު ނޫނީ ހެޑް އޮފް ސްޕޯޓިން އޮޕަރޭޝަނަށް ކުރީގެ ކެޕްޓަން، ޕައޮލޯ މަލްޑިނީ ހަމަޖައްސައިފަ އެވެ. އަދި، ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ލިއޮނާޑޯ ވަނީ ގެނެސްފަ އެވެ.
މަލާގޯ އާއި މަލްޑިނީ އަދި ލިއޮނާޑޯ ގުޅިގެން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ، މެންޗެސްޓާ ސިޓީ ކޯޗުކަން 10 އަހަރަށް ފަހު ދޫކޮށްލި ސްޕެއިނުގެ ކޯޗު ޕެޕް ގާޑިއޯލާ، އިޓަލީ އަށް ގެނައުމަށެވެ.  ގާޑިއޯލާ އާއި ބްރެޒިލްގައި ހުރި އިޓަލީގެ ކޯޗު ކާލޯ އަންޗެލޮޓީ ގެންނަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. 
އެހެންވެ، އެންމެ ފަހުން، އިޓަލީން ކޯޗަކަށް ގެންނަން ނިންމީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ޓީމަށް ކުޅުނު ޕިރްލޯ، 47، ކޯޗަކަށް ގެންނާށެެވެ. އެކަމަކު، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން އާއި ސަރުކާރުގެ ބައެއް ކަންކަމާ ހެދި ޕިރްލޯއާ ޓީމު ހަވާލުކުރުން އޮތީ މަޑުޖެހިފަ އެވެ. އެއީ، ރަޝިއާގެ ބެޓިން ކުންފުންޏެއް ކަމަށްވާ ފޮންބެޓްގެ ގްލޯބަލް އެމްބަސަޑަރަކަށް ޕިރްލޯ މަސައްކަތްކުރަމުން އަންނާތީވެ، އެ ކަމާ ގުޅޭ ބައެއް ކަންކަން ސާފުކުރުމުގެ ގޮތުންނެވެ. 
ޔުވެންޓްސް އަށް ކުރިން ކޯޗުކޮށްދިން ޕިރްލޯ. ޔޫއޭއީގެ ޕްރޯ ލީގުގެ ޔުނައިޓެޑް އެފްސީގައި ހުރިއިރު، އޭނާ ފޮންބެޓްއާ އެކު އެމްބަސަޑަރެއްގެ ގޮތުގައި ސޮއިކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އިޓަލީ ސަރުކާރާއި ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ޕިރްލޯގެ މި ޑީލްގެ ކަންކަން ސާފުކުރަމުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ