ފަހަތުން އަރައި މޮޅުވެ، އަލް އިއްތިހާދު އެއްވަނައަށް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ފާތޭހް އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް އިއްތިހާދުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ފާތޭހް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޮރޮކޯގެ މިޑްފީލްޑަރު މަރްވޭން ސަދޭން އެވެ. މިއީ އެޓީމުގެ މޮރޮކޯ ފޯވާޑް މުރާދް ބަޓްނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޗެންޕިއަން އަލް އިއްތިހާދުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮމާރީނިއޯ އެވެ. މިއީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
Advertisement
މިމެޗުގައި އަލް އިއްތިހާދުން ފުރަތަމަ ފަހަރަށް ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކަންޓޭ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ އެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 7 މެޗުން 18 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ އަލް އިއްތިހާދު އެވެ. އަދި މިމެޗުން ބަލިވި އަލް ފާތޭހް ލީގުގައި ކުޅުނު 7 މެޗުން ލިބުނު 11 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 7 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ