ޚުތުބާގައި އާޝޫރާ ދުވަހާއި ގުޅުވައި ސާބިތު ނުވާ ވާހަކަތަކެއް ގެނެސްފައިވާ ކަމަށް ބުނެފި!

މުހައްރަމް މަހުގެ 10 ވަނަ ދުވަސް، އާޝޫރާ ދުވަހާއި ގުޅުވައި ސާބިތު ނުވާ ވާހަކަތަކެއް މިއަދުގެ ޚުތުބާގައި ގެނެސްފައިވާ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 
މިއަދުގެ ޚުތުބާ އަމާޒުކޮށްފައި ވަނީ ''ޢާޝޫރާ ދުވަހުގެ މާތްކަން'' މި މައުޟޫއަށެވެ. 
މި ޚުތުބާގައި ބުނީ، މުސްލިމުންނަށްޓަކައި މާތް الله ޚާއްސަ ކުރައްވާފައިވާ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި، އެއިން އިބްރަތް ހާސިލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކްރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.އެއާއެކު ތަފްސީރު ފޮތްތަކަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ މާތް الله އާދަމުގެފާނު ތައުބާ ގަބޫލުފުޅު ކުރެއްވީ ޢާޝޫދާ ދުވަހު ކަމަށާއި، ނޫޙުގެފާނާއި އެކަލާގެފާނަށް އިމާންވި މީހުން ތޫފާނުން ސަލާމަތްކުރެއްވީ ޢާޝޫރާ ދުވަހު ކަމަށެވެ. އިބްރާހީމުގެފާނު އަންދާލުމަށް ލައުނަތް ލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އިބްރާހީމްގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހު ކަމަށާއި، ޔޫސުފުގެފާނުގެ އަޚުންގެ ނުބައި ރޭވުންތަކުން ޔޫސުފުގެފާނު ސަލާމަތް ކުރެއްވުމަށްފަހު އެކަލޭގެފަނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނާ އަލުން ބައްދަލުވެވަޑައިގަތީ ޢާޝޫރާ ދުވަހު ކަމަށެވެ. ޔޫނުސުގެފާނު މަހުގެ ބަނޑު ތެރެއިން ސަލާމަތްވެ ވަޑައިގަތީ ޢާޝޫރާ ދުވަހު ކަމަށާއި، އައްޔޫބުގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން އެކަލާގެފާނަށް ޖެއްސެވި ދިގު މުއްދަތުގެ ބޮޑު އާލާސްކަންފުޅުން އެކަލޭގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހު ކަމަށެވެ. ޢާޝޫރާ ދުވަހަކީ ފިރްއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި ފިރްއައުނާއި އޭނާގެ ލަޝްކަރު ޢަރަޤުކުރެއްވި ދުވަސް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
Advertisement
މިވާހަކަ ތަކަށް އިޝާރާތް ކުރައްވައި ޑރ. ޝަހީމް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ސާބިތު ނުވާ ވާހަކަތައް ޚުތުބާގައި ގެނައުމަކީ، ރަނގަޅު ގޮތެއް ނޫން ކަމަށެވެ. 
މިފަދައިން ވިދާޅުވި ސަބަބު އިތުރަށް ތަފްޞީލް ކުރައްވައި، ވޮއިސް އަށް މައުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، ޚުތުބާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން އާޝޫރާ ދުވަހާއި ގުޅުވައި ގެނެސްފައިވާ ހަމަ އެކަނި ސައްހަ ވާހަކަ އަކީ އެ ދުވަހަކީ ފިރްއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި ފިރްއައުނާއި އޭނާގެ ލަޝްކަރު ޢަރަޤުކުރެއްވި ދުވަސް ކަމަށް ބުނެ ގެނެސްފައިވާ ވާހަކަ ކަމަށެވެ. 
"އެ ނޫން ނަބީބޭކަލުންނާ ބެހޭ ގޮތުން އެ ދުވަހާއި ގުޅިގެން އައިސްފައިވާ ވާހަކަތަކަކީ ސާބިތު ވާހަކަތަކެއް ނޫން." ޑރ. ޝަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ