ރައީސްގެ ވައުުދު ބާރަށަށް: ސްކޫލް އިތުރަށް ތަރައްގީކޮށް، މަގުތައް ހަދައިދޭނަން

އަންނަ ދައުރުގައި ހއ. ބާރަށު ސްކޫލުގައި މަލްޓި ޕާޕަސް ހޯލާއި އޮފީސް އިމާރާތެއް އަޅައި، މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭނަނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރައީސް މިގޮތަށް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅު ބާރަށަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެ ޖަލްސާގައި ރައީސް ވިދާޅުވީ ބާރަށަކީ ތާރީހުގައި ވަރަށް ފާހަގަ ކޮށްލެވޭ ރަށެއްކަމަށެވެ. އެހެނަސް ގިނަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ އެ ރަށެއް 2018 ވަނަ އަހަރު ޖަޒީރާ ރާއްޖޭގެ ސިޔާސަތުން ގިނަ ކަންތައްތަކެއް ކޮށްދެވުނު ކަމަށެވެ.
އެގޮތުން، އެ ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށާއި، މި ދައުރު ނިމުމުގެ ކުރިން ސާފު ބޯފެން އެ ރަށު ހުރިހާ ރައްޔިތުންނަށް ލިބޭނެ ކަން ރައީސް ވަނީ ޔަގީންކޮށްދެއްވާފައެވެ. އަދި، ސިއްހީ މަރުކަޒު އެކްސްޓެންޝަން މަސައްކަތް ނިމި ހިދުމަތް ދޭން ފަށާފައިވާއިރު، ފުޓްސެލް ދަނޑުވެސް މިހާރު ނިމިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް، މި ސަރުކާރު އައުމުގެ ކުރިން ބަޔަކާއި ހަވާލުކޮށްގެން ފަށާފައިވާ ނަރުދަމާގެ މަސައްކަތުގައި ހުރި މައްސަލަތަކަށް ހައްލެއްހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދިވެސް، ބާރަށު ރައްޔިތުން އެދޭ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. އެކަން ކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ރަށު ސްކޫލަށް މަލްޓި ޕާޕަސް ހޯލަކާއި އޮފީސް އައު އިމާރާތެއް ރައްޔިތުން ބޭނުންވާ ކަމަށެވެ. އަންނަ ދައުރުގައި އެކަން ކޮށްދިނުމަށް ހަމަޖެހިފައިވާ އިރު، އެ ރަށު ރިންގް ރޯޑު ހިމެނޭހެން ބޮޑެތި ހުރިހާ މަގުތަކެއްވެސް ޒަމާނީ ފެންވަރަށް ހަދައިދޭނެކަމަށް ރައީސް ވަނީ މިއަދު ވައުދުވެވަޑައިގެންފައެވެ.
މީގެއިތުރުންވެސް، ގެސްޓް ހައުސް އެޅުމަށް ވަކި ފަންޑެއް އަންނަ ދައުރުގައި ހުޅުވައި، އެ ފަންޑުގެ ދަށުން ލުއި ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ސަބަބުން ބާރަށުގައިވެސް ލޯކަލް ޓޫރިޒަމް ކުރިއަރައިގެން އަންނާނެ ކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ބާރަށަކީ ރަނގަޅު މުސްތަގްބަލެއް އޮތް ރަށެއް ކަމަށެވެ. "ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް މިއަށްވުރެ ފައްކާ ރަށެއް ނޯންނާނެ" ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ