އައްޑޫ މަގު ހެދުމުގެ ތެރޭގައި މައި ކޭބަލެއް ހަލާކުވެ ބޮޑު ސަރަޙައްދަކުން ކަރަންޓު ކެނޑެނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ އަނެއްކާވެސް މިވަނީ ކުރިމަތިވެފައެވެ. މިމައްސަލަ މިފަހަރު ގުޅެނީ އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދޭ މައިކޭބަލަކަށް ލިބިފައިވާ ގެއްލުމާއެވެ.
މަގު ހެދުމުގެ ތެރޭގައި އަދި އެނޫންވެސް މަސައްކަތެއް ކުރުމުގެ ތެރޭގައި ރައްޔިތުންނަށް އަސާސީ ޚިދުމަތްދޭ ކޭބަލްތަކަށް ލިބޭ ގެއްލުންތައް ރަނގަޅު ނިޒާމެއްގެ ތެރެއިން ރިޕޯޓުކޮށް މައްސަލަ އަވަހަށް ޙައްލުކުރަންޖެހެއެވެ. ޖެނެރޭޓަރުތަކަށް ދިމާވި މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ކޮށްފައިވާއިރު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އައްޑޫ ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ޢާއްމުވެފައިވުމަކީ އެސިޓީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.
މާލެއަށްފަހު ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅެނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައެވެ. ސިޓިގެ ދަރަޖައިގައި އޮތް އައްޑޫ ސިޓީއަށް، ޙައްލެއް ނުލިބި ދިމާވަމުންދާ އެންމެ ބޮޑު މައްސަލައަކީ މުޅި ސިޓީއިން ކަރަންޓު ކެނޑުމުގެ މައްސަލައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަދި މިއަހަރުގެ މެދުތެރޭގައިވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އެސިޓީގެ ރައްޔިތުން އެތައް ދުވަހެއްވަނީ ހޭދަކޮށްފައެވެ.
ހަކަތައާ ބެހޭ ވުޒާރާއާއި، އައްޑޫ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކޯރޕަރޭޝަންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުންވެސްވަނީ، އައްޑޫ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ނިޒާމަކީ ދުވަސްވީ އަދި އިތުރުވެފައިވާ އާބާދީއާއި ނުބައްދަލު ނިޒާމެއްކަން ފާހަގަކުރައްވާފައެވެ. އަދި ވޭތުވެދިޔަ ދިގު މާޒީގައި އެކަށީގެންވާ ގޮތުގައި ގެންނަންޖެހޭ މުހިއްމު އަޕްގްރޭޑުތައް ނުގެނައުމުގެ ސަބަބުން މިހާރު ހުރި އިންޖީނުތަކަށާއި ގްރިޑަށް މައްސަލަ ދިމާވަމުންދާކަންވެސްވަނީ ފާހަގަކުރައްވާފައެވެ.
އައްޑޫގައި ބޭނުންކުރަމުންދިޔަ 20 އިންޖީނުގެ ތެރެއިން 5 އިންޖީނެއް ހަލާކުވުމާއި ގުޅިގެން މިއަހަރުގެ މެދުތެރޭ އެސިޓީއަށްވަނީ 1.6 ކިލޯވޮޓްގެ ޖެނަރޭޓަރެއް ގެންގޮސްފައެވެ. މީގެއިތުރުން ގްރިޑް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މިމަސައްކަތް ކުރަމުންދަނިކޮށް އައްޑޫ ސިޓީއަށް މިހާރު މިވަނީ ކަރަންޓު ކެނޑުމުގެ އިތުރު މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން އައްޑޫގެ މަގުހެދުމުގެ ތެރޭގައި ހިތަދޫ މައި ޕަވަރ ސްޓޭޝަނުން ގަމަށް ކަރަންޓު ފޯރުކޮށްދޭ ހައި ވޮލްޓޭޖް ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓު ކެނޑުމުގެ މައްސަލަ މިހަފްތާގެ ތެރޭގައި ދަނީ ކުރިމަތިވަމުންކަމަށް އައްޑު ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާމު ވިދާޅުވީ މަގު ހެދުމުގެ ތެރޭގައި ގަމަށް ކަރަންޓު ފޯރުކޮށްދޭ ކޭބަލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ގަމަށް ކަރަންޓު ދޫކުރާހިސާބުން މުޅި ޕަވަރ ސްޓޭޝަން ފެއިލްކޮށްލަނީކަމަށެވެ. އަދި މި މައްސަލަ ޙައްލުކުރުމަށް ކަރަންޓު މައްސަލަ ދިމާވެފައިވަނީ ގަމަށް ކަރަންޓު ފޯރުކޮށްދޭ ކޭބަލްގެ ސީދާ ކޮން ސަރަޙައްދަކުންކަން ނޭނގުމަކީ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަސްކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މިހާތަނަށް ބެލި ބެލުމުން އައްޑޫ ސިޓީ ހިތަދޫގެ ކޭބަލަކަށް މައްސަލަ ކުރިމަތިވެފައިވާކަން ދެނެގަނެވިފައިވާކަމަށް ވިދާޅުވިއެވެ. ފެނަކަ ކޯޕަރޭޝަންގެ އިންޖިނިއަރުން މި މައްސަލަ ޙައްލުކުރުމަށް ބުރަކޮށް މަސައްކަތްކުރަމުންދާކަން ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ.
އެކި ޚިދުމަތް ދިނުމުގެ ތެރޭގައި ކަރަންޓާއި އެނޫންވެސް މުހިއްމު ޚިދުމަތްތައް ދިނުމަށް އަޅާފައި ހުންނަ ކޭބަލްތަކަށް ގެއްލުމެއް ވެއްޖެނަމަ އެކަމެއް ކުރަމުންދާ ކުންފުންޏަކުން ކަމާއި ގުޅޭ އިދާރާތަކަށް އެނގުމަކީ މުހިއްމުކަމެކެވެ. އެއާއެކު މައްސަލަ ބޮޑުނުވެ ރައްޔިތުނަށް ދެމުންދާ އަސާސީ ޚިދުމަތްތައް މެދު ނުކެނޑި އެކަމެއް ޙައްލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ