މީޑިޔާ ކޮންޓުރޯލު ސަަރުކާރަށް ލިބޭ ގޮތަށް އަމިއްލަ މެންބަރަކު ހުށަހެޅުއްވި ބިލަކީ އެއްވެސް ގޮތަކަށް އެމަނިކުފާނު ތާއީދުކުރެއްވި ބިލެއް ނޫންކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ މީޑިޔާއަށް އިތުރު މިނިވަންކަން ދެއްވަން ކަމަށެވެ.
މީޑިޔާތައް ކޮންޓްރޯލުކުރައްވަން އެއްވެސް މިންވަރަކަށް ބޭނުންފުޅުނުވާ ކަމަށާއި އެދިވަޑައިގަންނަވަނީ މިހާރަށްވުރެވެސް ފުޅާ ދާއިރާއެއްގައި މީޑިޔާއަށް މިނިވަންކަން ދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިރޭ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަތީ ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގެވުމަށް ކަމަށެވެ. އަދި ފާއިތުވި އަހަރަކީ މިހާތަނަށް ސަރުކާރަކުން އެންމެ ގިނަ މައުލޫމާތު ހާމަކުރި އެއް އަހަރަށްވާނެ ކަމަށެވެ.
އެގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ އާރްޓީއައިތަކުގެ ތެރެއިން 91 އިންސައްތަ އާރްޓީއައިތަކަށް ޖަވާބުދީފައިވާ ކަމަށާއި މިވަގުތު ޖަވާބުނުދެވި ހުރީ ޖަވާބުދިނުމުގެ މުއްދަތު ހަމަނުވާ އާރްޓީއައިތައް އެކަނިކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ކެބިނެޓުގެ ނިންމުންތައް ހާމަކުރަން ވަކި ވެބްސައިޓެއް އަދި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ސަރުކާރުގެ ނަމުގައި ވަކި ވެބްސައިޓެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އެ ވެބްސައިޓުތައް މެދުވެރކޮށް ހުރިހާ ވުޒާރާއަކުން މައުލޫމާތު ހާމަކުރަމުންދާ ކަމަށެވެ.
""މައުލޫމާތުގެ މުއްސަނދިކަން ދުވަހަކުވެސް ރާއްޖޭގައި ނުލިބޭ ވަރަށް އަޅުގަނޑުމެން މިދަނީ ދެމުން.،"" އެމަނިކުފާނު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އެމަނިކުފާނަށް ސުވާލުކުރަން ގާއިމުކުރި ރައްޔިތުންގެ އަޑު ޕޯޓަލް މެދުވެރިކޮށް 819 ސުވާލު އެމަނިކުފާނާ ހަމައަށް އައިސްފަައިވާ ކަމަށެވެ. އެ ސުވާލުތަކުގެ ތެރެއިން 773 ސުވާލަށް ޖަވާބުދެއްވާފައިވާ ކަމަށާއި، ބައެއް ސުވާލުތަކަށް ދެއްވީވެސް ވަރަށް ދިގު ޖަވާބުތައް ކަމަށް ވިދާޅުވި އެވެ.
ވުޒާރާތަކުން 73 ނޫސްވެރިންގެ ބައްދަލުވުން އަހަރު ތެރޭ ބޭއްވިއިރު 791 ފަހަރު ވަޒީރުން މީޑިޔާތަކަށް ވަޑައިގެން އެކި ކަންކަމުގައި މައުލޫމާތު ދެއްވާފައިވާ ކަމަަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ މައުލޫމާތު ހާމަކުރަމުން. އަޅުގަނޑުމެންނަކީ ދެފުށް ފެންނަ ސަރުކާރެއް ހިންގާނެ ބައެއް. ހިންގަމުން މިދަނީ އެގޮތަށް. ކުރިއަށް އޮތް ތާނގައިވެސް ހިންގާނީ އެގޮތަށް،" ރައީސް ވިދާޅުވި އެވެ.
ނޫސްވެރިންނާއި މީޑިޔާތަކުން މިހާރު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ ބިލެއް ކަމުގައިވާ ތުޅާދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި މީޑިޔާ ކޮމިޝަންގެ ބިލާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ބިލަކީ އެމަނިކުފާނު ގަބޫލުކުރައްވާ އުސޫލުތަކާ ހިލާފު ބިލެއް ކަމަށެވެ. އަދި އެމަނިކުފާނު އެއްވެސް ގޮތަކަށް މީޑިޔާ ކޮންޓުރޯލުކުރައްވަން ބޭނުންފުޅުނުވާކަމަށާއި ބޭނުންފުޅުވަނީ އިތުރު މިނިވަންކަން ދެއްވުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ.
"މިހާރު ހުށަހަޅާފައިވާ މީޑިޔާ ބިލަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލުތައް ހުރި ބިލެއް ނޫން. މީޑިޔާ ކޮންޓުރޯލުކުރާ ހިތުން އަޅުގަނޑު ނޫޅެން. އަޅުގަނޑު ބޭނުންވަނީ މިހާރަށްވުރެ މީޑިޔާތަކަށް މިނިވަންކަން ދޭން،"" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ބޭނުންފުޅުވަނީ މީޑިޔާތައް ބާރުވެރިކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް ދައުލަތުގެ ބަޖެޓުން މީޑިޔާތަކަށް ފައިސާ ދިނުމަށް ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށެވެ. އަދި އެސްޓީއޯއިން އެޅި ހޮޓަލުގައި މީޑިޔާތަކަށް އޮފީސް ޖާގަތަކެއް ގާއިމުކުރެއްވުމަށް މަސައްކަތްކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
ޖަލްސާއަށްފަހު ނޫސްވެރިޔަކު ބިލާ ގޮތުން ސުވާލުކުރުމުން ރައީސްވަނީ އެބިލު މަޖިލީހުން ބޭރުކުރާނެ ކަމުގެ ޔަގީންކަން ނޫސްވެރިންނަށް ދެއްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މީޑިޔާތައް ކޮންޓުރޯލުކުރަން ނޫޅެން، ބޭނުންވަނީ މިހާރަށްވުރެވެސް މިނިވަންކަން ދޭން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ