އިންޑިއާގެ މަނިޕޫރޫގައި ދެގަބީލާއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 7 މީހުން މަރުވެއްޖެ

އިންޑިއާގެ މަނިޕޫރޫގައި ދެގަބީލާއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 7 މީހުން މަރުވެއްޖެއެވެ.
އިއްޔެ ހިނގި މިހާދިސާގައި ހަމަނުޖެހުން ހިނގާފައިވަނީ މެއިތެއި އަދި ކުކީ ގަބީލާގެ  މެދުގައެވެ.
މަރުވި މީހުންގެ ތެރެއިން 4 މީހުންނަކީ ކުކީ މުޖުތަމަޢުގެ މީހުންނެވެ. އަނެއް 3 މީހުންނަކީ މެއިތެއި މުޖުތަމަޢުގެ މީހުންނެވެ. ފުރަތަމަ މަރު ރިޕޯޓުކުރެވުނީ 63 އަހަރުގެ މެއިތެއި މީހެއް ކަމަށްވާ ޔުރެމްބަމް ކުލެންދްރާ ސިންގާގެ ގެއަށް ވަދެ، ނިދާފައި އޮއްވާ މަރާލުމުންނެވެ.
އޭގެފަހުން ރަސިދްޕޫރު އަވަށުގައި މެއިތެއި އަދި ކުކީ ގްރޫޕުތަކުގެ މެދުގައި ހިނގި ބަޑީގެ ހަމަލާތަކުގައި އިތުރު 6 މީހުން މަރުވިއެވެ.
މި އަނިޔާވެރިކަން ހިނގުމުގެ ކުރިން، ހުކުރު ދުވަހު ބިޝްނުޕޫރު ޑިސްޓްރިކްޓުގައި ރޮކެޓް ހަމަލާއެއް ދިނުމުން އުމުރުން ދުވަސްވީ މީހަކު މަރުވެފައިވެއެވެ. އަދި 13 އަހަރުގެ އަންހެން ކުއްޖަކާއެކު 6 މީހުންނަށް އަނިޔާވެފައިވެއެވެ.
މަނިޕޫރުގައި މެއިތެއި އަދި ކުކީ މުޖުތަމަޢުތަކުގެ މެދުގައި ހިނގަމުންދާ އަނިޔާވެރިކަން ފެށިފައިވަނީ 2023 ގެ މެއި މަހުގައެވެ. މަނިޕޫރުގެ ވެރިޔަ އެން. ބިރެން ސިންގް ވިދާޅުވި ގޮތުގައި މިހާތަނަށް މަދުވެގެން 226 މީހުން މަރުވެ، 59,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފައިވެއެވެ.
މި ހަމަނުޖެހުންތައް މެދުވެރިވެފައިވަނީ ދެ މުޖުތަމަޢުގެ މެދުގައި ދިގު މުއްދަތަކަށް އޮތް ވާދަވެރިކަމުގެ ސަބަބުންނެވެ. އިންޑިއާ ސަރުކާރުން މި ހަމަނުޖެހުންތައް ހުއްޓުވުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، އަދިވެސް އަނިޔާވެރިކަން ދަނީ ހިނގަމުންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ