ބަންޑާރަނައިބު ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާކަމަށް ބުނެ އެކޯޓަށް މައްސަލައެއް ހުށައަޅައިފި

ބަންޑާރަނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިންއެވެ. އެ މައްސަލަ އޭނާ ހުށައަޅުއްވާފައިވަނީ ގާނޫނުއަސާސީއަށް ގެނެއި އިސްލާހު ބާތިލްކުރަން އޭނާ ހުށައަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގައި ކޯޓުން އަންގާފައިވާ މުއްދަތުގައި ޖަވާބުދާރީވެފައި ނުވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާއި ގުޅޭ އިސްލާހު ބާތިލްކުރަން ހުށައަޅައިފައިވާ މައްސަލައިގައި ދައުވާއަށް ޖަވާބުދާރީވުމަށް ބަންޑާރަނައިބުގެ އޮފީހަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެހެންނަމަވެސް އެ މުއްދަތު ހަމަވިއިރު ބަންޑާރަައިބުގެ ފަރާތުން ކޯޓަށް ޖަވާބެއް ހުށައަޅާފައިނުވާ ކަމަށާއި އަދި އެ މުއްދަތު ހަމަވިއިރު ބަންޑާރަނައިބުގެ ފަރާތުން ކޯޓަށް ޖަވާބެއް ހުށައަޅާފައި ނުވާ ކަމަށާއި އަދި އެ މުއްދަތު އިތުރު ކުރަންވެސް އެއްވެސް ހުށަހެޅުމެއް ހުށައަޅާފައިނުވާ ކަމަށް ކޯޓުން މައުލޫމާތު ދީފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 124 ވަނަ މާއްދާގެ (ޅ) ނިޔާކުރަގޮތުން، ޝަރީއަތުގެ މަޖިލީހުގައިފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަންވުމަކީ އެ އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމުކަމެއް ކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވަފައެވެ. އަދި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަން ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް ބެލެވޭނޭކަމަށްވެސްއެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ ބަންޑާރަ ނައިބުގެ މައްޗަށް ފިޔަވަޅު އަޅައި، އެ މައްސަލާގައި ޖަވާބު ހުށަހެޅުމަށް ބަންޑާރަނައިބުގެ އޮފީހަށް އަންގައި ދިނުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ފޮނުއްވި ސިޓީގައި އަލީ ހުސައިން ވަނީ އެދިވަޑައިގެންފައެވެ.
މިމައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ. މި މައްސަލައިގައި ޝަރީއަތުގެ އަޑުއެހުމެއް ފެށުމަށް 5 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ފަނޑިޔާރުންނަށް ވަނީ އެބޭފުޅުން ސަސްޕެންޑުކޮށްފައިވާ ކަމުގެމައުލޫމާތު ލިބިވަޑާއިގެންފައެވެ. ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ހިމެނިވަޑައިގެންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ