ރަމަޟާން މަހުގެ ތެރޭގައި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގެ ގޮތުން އެ ދުވަސްވަރަށް ހާއްސަކޮށް ބިލު ތައްޔާރުކުރާނެކަން ސްޓެލްކޯއިން ހާމަކޮށްފި އެވެ.
ސްޓެލްކޯއިން ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ހަރަކާތެއްގައި އެ ކުންފުނިން މައުލޫމާތު ދީފައިވާގޮތުން ބިލިންގް ސައިކަލް މިހާރު ހުރިގޮތުން ނިމިިދިޔަ އަހަރުގެ ރޯދަމަހުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންގަނޑުން ޑިސްކައުންޓު ދީފައިވަނީ ދެ ބިލެއް ހިމެނޭގޮތަށްކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މި އަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނިމެންދެން ބިލެއް ހެދުމަށް ކަނޑައަޅާފައިވާކަމަށެވެ.
އެ ކުންފުނިން މައުލޫމާތު ދީފައިވާގޮތުން މި ބިލުގައި ޑިސްކައުންޓު ހިމެނިގެންދާނީ ނިމިދިޔަ އަހަރުގެ އެންމެ ހޫނު 3 މަސް ދުވަސް އުނިކުރުމަށްފަހު ބާކީ 9 މަސް ދުވަހުގެ އެވަރެޖް ހެދުމަށްފަހު އެ އަދަދަށްވުރެ ބޮޑުނުވާނެ ގޮތަށްކަމަށެވެ. އަދި ބިލިންގް ހިސްޓަރީއެއް ނެތް ތަންތަނަށް އެންމެ މަދުވެގެން 10 އިންސައްތައިން ޑިސްކައުންޓު ލިބޭނެކަންވެސް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ރޯދަމަހުގެ ކުރިން މިހާރު ބިލު ނުކުރެވި ހުރި ދުވަސްތަކަށް ބިލު ކުރުމަށްޓަކައި ސްޓެލްކޯގެ އެންމެ އިސްވެރިންވެސް ހިމެނޭހެން 350 އަށްވުރެ ގިނަ މުއައްޒަފުން ނުކުމެ ރީޑިންގް ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަމަށާއި މި ރީޑިންގް ހިމަނައިގެން ތައްޔާރުކުރާ ބިލު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް ހިއްސާކޮށްފައިވެއެވެ.
މި ހަރަކާތަށް ހުރިހާ ކަސްޓަމަރުންގެވެސް ފުރިހަމަ އެއްބާރުލުން ބޭނުންވާކަން އެ ކުންފުނިން ފާހަގަކޮށްފައިވާއިރު މާލެ ސަރަހައްދުގެ ހުރިހާ ތަނަކުން ރީޑިންގް ނެގުމުގެ މަސައްކަތްތައް ނިންމުމަށްޓަކައި 12 ވަރަކަށް ދުވަސް ހޭދަވެގެންދާނެކަމަށް މައުލޫމާތު ދީފައިވެއެވެ. އެހެންކަމުން ފެބްރުއަރީ މަހުގެ ރީޑިންގް ނެގިފައިވާ ދުވަހަށް ބަލައި މި ބިލުތަކުގެ ތެރޭގައި މި ބިލުތަކުގެ ތެރޭގައި 27 ދުވަހުން ފެށިގެން 12 ދުވަހުގެ ބިލުތައްވެސް ހިމެނޭނެކަމަށާއި މިއުސޫލުން ރޯދަމަހުގެ ބިލު ތައްޔާރުކުރުމަށްޓަކައި ފަހު ދުވަހު ރީޑީންގް ނަގައި އެމަހަށް އެއްކޮށް ބިލުކުރެވިގެންދާނެކަމަށެވެ.
މި ހަރަކާތް ނިމިގެންދާއިރު ރީޑިންގް ނެގުމަށްފަހު ބިލުކުރުމާއި ދޭތެރޭގައި ހިނގާ 20 ނުވަތަ 25 ދުވަހުގެ ބެކްލޮގް ފިލުވާލެވި ކަސްޓަމަރުންގެ ގިނަ ދުވަސްވީ ޝަކުވާތަކަށް ނިމުމެއް އަންނާނެކަމަށް ބުނެފައިވާއިރު އެޕްރިލް މަހުން ފެށީގެން ކޮންމެ މަހެއްގައިވެސް ފަހު ހަފްތާގައި ރީޑިންގް ނަގައި ޖެހިގެން އަންނަ ދުވަހު ބިލު ފޮނުވާނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އެހެންކަމުން ކަސްޓަމަރަށް ބިލާއި، މީޓަރުގެ ރީޑިންގ އަޅާކިޔަންލިބި ސްޓެލްކޯއަށް އަމާޒުވާ އޮޅުވާލުމުގެ ތުހުމަތު ތަކަށް ނިމުމެއް އައިސް ބިލިންގް ނިޒާމަށް އިތުބާރު ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
ރޯދަމަހުގެ ކަރަންޓު ބިލު ހާއްސަވާނެ ޑިސްކައުންޓުވެސް ލިބޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ