ސުޕްރީމް ކޯޓުގެ ދިފާއުގައި ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމާ

ސުޕްރީމް ކޯޓުގެ ދިފާއުގައި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގަތުމާމެދު މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށް ހައިކޯޓުން ބުނެފިއެވެ. މި މައްސަލައަކީ އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި، އިބްރާހިމް އިސްމާއިލް (އިބްރާ) ހުށަހެޅުއްވި މައްސަލައެކެވެ.
އިބްރާހިމް އިސްމާއިލް ސޯޝަލް މީޑިއާގައި ފާހަގަކުރެއްވި ގޮތުގައި، ”ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން“ ކަމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރިކަމުގައި ވިޔަސް، ރައްޔިތުންގެ ޙައްޤުތައް ގެއްލި، ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިބްރާހިމް އިސްމާއިލް ވިދާޅުވެފައިވަނީ ސިޔާސީ ކަންކަމަށް ޙައްލު ހޯދަންޖެހޭނީ ސިޔާސީ ދާއިރާއިން ކަމަށާއި، އެއީ ޤާނޫނުއަސާސީއާއި ޖުޑިޝަރީ އުވާލައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދައިދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ކުރިއަށްދާއިރު، ރައްޔިތުންގެ މަޖިލީހަށް ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ހުށަހެޅި ބިލެއް ވަނީ ކޮމިޓީ މަރުހަލާއިން ފާސްކޮށްފައެވެ. މި ބިލުގައި ހިމެނޭ މުހިންމު ބަދަލުތަކުގެ ތެރޭގައި، ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާއެކު ޖުމުލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށް ކަނޑައެޅުން ހިމެނެއެވެ.
މި ބިލުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ޖޭއެސްސީން އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް ބަޔާންކޮށްފައިވެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކިކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ