މޫސުމީ ބަދަލަށް ވިލުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި އިޤްތިޞާދީ ފުރުސަތު ފަހި ކުރުމަށް ގައުމީ ފެންވަރުގައި ލޯނު ޕްރޮގްރާމެއް މިހާރު ވަނީ އިފްތިތާހްކޮށްފައެވެ. "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ގެ ނަމުގައި މިޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
ވިލުންވެށި ގްރާންޓް ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިޖިޓަލް ގުޅިގެން އިފްތިތާހް ކޮށްފައިވާ ޕްރޮގްރާމެކެވެ.
މި މަޝްރޫޢަކީ އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން 3 މަޝްރޫޢަކަށް ބަހާލައިގެން މޫސުމީ ބަދަލަށް ވިލުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި އިޤްތިޞާދީ ފުރުސަތު ފަހި ކުރުމަށް ގައުމީ ފެންވަރުގައި ހިންގާ މަޝްރޫޢެކެވެ.
* ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތައް
* މުޖުތަމަޢުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ އެހީ
* މުއައްސަސާތަކުން ހިންގާ ނަމޫނާ މަޝްރޫއުތަކަށް ދޫކުރާ އެހީ
މި ސްކީމްގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ޑިޖިޓަލް އަދި ތިމާވެއްޓާ ރައްޓެހި އައު އީޖާދުތަކާއި، އުފެއްދުންތެރިކަން އިތުރުކޮށް ކާނާގެ މިންވަރު އިތުރުކޮށް އެއިން ލިބޭ މަންފާ ފުޅާކުރުމަށް އެހީ ދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، އުފެއްދުންތައް ތައްޔާރުކުރުމާއި ބާޒާރުގައި މާކެޓްކުރުމުގެ އައު ގޮތްތައް ތަޢާރަފްކުރުމަށް ހިންގާ ހަރަކާތްތަކަށްވެސް މިގްރާންޓްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މި އެހީގެ ފުރަތަމަބުރުގައި ހުޅުވާލީ ވަކި ވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތަކަށެވެ. އެގޮތުން ޖުމްލަ 150 ފަރާތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބުނެފައެވެ. އަދި މި އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު އޭގެ ތެރެއިން އެންމެ އެކަށީގެންވާ 50 ފަރާތަކަށް ގްރާންޓް ދޫކުރާނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ ކަނޑައެޅިފައިވާ 150 ހުށަހެޅުން ހަމަވުމުން ނުވަތަ އެޕްލިކޭޝަނަށް ހުޅުވާތާ އެއްމަސް ދުވަސް ވުމުންނެވެ. އެއީ 23 އޮގަސްޓެވެ.
ވިލުންވެށި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ އައު އީޖާދީ ޚިޔާލުތައް އަމަލީ ސިފައެއްގައި ތަންފީޒުކުރުމަށް ހުރި މާލީ ހުރަސްތައް ނައްތާލައި، އަމިއްލަ ފަރުދުންގެ ގާބިލުކަން އިތުރުކޮށްދިނުމެވެ. މީގެ އިތުރުން، ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް ދިވެހިރާއްޖެ މަގުފަހިކުރުމެވެ.
މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 23 ޖުލައި 2026 އިން ފެށިގެން އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓްގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ގްރާންޓް ޕްރޮގްރާމްގެ ދަށުން އެކިއެކި ފޭސްތަކަށް ބަހާލައިގެން 300 ފަރާތަކަށް ގްރާންޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.
ވިލުންވެށި ގްރާންޓް، ފުރަތަމަ މަރުހަލާގައި 50 ފަރާތަކަށް ގްރާންޓް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ