އަމްސްޓެޑަމް، ނެދަލެންޑްސް (މެއި 28) - އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން ކުޅޭނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި އާސެނަލުން ކުޅުނު ގޮތަށް ކޯނަރާއި އެއްލުމަށް ބަރޯސާވެގެން ކަމަށް ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު، ރޮނާލްޑް ކޫމަން ބުނެފި އެވެ.
އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި އަންނަ މަހު 11 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާނެ ނެދަލެންޑްސްގެ 26 ކުޅުންތެރިންގެ ސްކޮޑު އިއުލާނުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސައުތެމްޓަން އާއި އެވަޓަންގެ ކުރީގެ ކޯޗު، ކޫމަން ވަނީ އާސެނަލާއި އިންގްލެންޑްގެ ވާހަކަތަކެއް ދައްކައިފަ އެވެ.
އެ ގޮތުން، ކޫމަން ބުނީ، އިންގްލެންޑުން ވޯލްޑް ކަޕަށް ނަގާފައި އޮތް ސްކޮޑު ބަލާލުމުން ވެސް އެއީ ވަކި މަގުސަދެއްގައި ކޮށްފައި އޮތް ކަމެއްކަން އެނގިގެންދާ ކަމަށެވެ.
"ތި މީހުންނަށް ވެސް ބުނަން އެނގޭނެ އެ މީހުން އިންގްލެންޑްގެ ސްކޮޑު ނަގާފައި އޮތް ގޮތަކީ ކިހިނެއް ކުޅެން ވިސްނާފައި ކޮށްފައި އޮތް ކަމެއްކަން،" ކޫމަން ބުންޏެވެ.
"ޔަގީންކަމެއް އެ މީހުން ވިސްނުން ހުންނާނީ ކޯނަރާއި އެއްލުންތަކަށް ބަރޯސާވާ ގޮތަށް. އެ ގޮތަކީ ގަދަ ހޫނުގައި ކުޅެން ޖެހޭއިރު އެންމެ މަދު ހަކަތަ ބޭނުންވާނެ ކަންތައް. އެއީ، އާސެނަލް ވެސް ޗެމްޕިއަން ހޯދި ގޮތަކީ، ކޯނަރާއި ނުލާ އެ މީހުންނަށް އެކަމެއް ނުވީސް،"
ބާވީސް އަހަރަށް ފަހު، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން، މި ފަހަރު ހޯދި އާސެނަލުން އެންމެ ބޮޑަށް ބަރޯސާވީ ސެޓްޕީސްތަކަަށެވެ. އެ ގޮތުން، ކޯނަރުގައި ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނުނު އާސެނަލުން ވަނީ ލީގުގައި ކޯނަރުން އެކަނި ވެސް 19 ގޯލު ޖަހައިފަ އެވެ. މިއީ، ޕްރިމިއާ ލީގުގެ އެއް ސީޒަނަށް ބަލާއިރު ރެކޯޑެކެވެ.
އާސެނަލްގެ ޖެހުންތަކުގައި އެންމެ ނުފޫޒުގަދަ ދެ ކުޅުންތެރިން ކަމަށްވާ ޑެކްލަން ރައިސް އާއި ބުކާޔޯ ސަކާ ވަނީ އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމަނައިފަ އެވެ. އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް، ވޯލްޑް ކަޕްގައި ކުޅޭ އެ ޓީމުގެ ސްކޮޑާ ބެހޭގޮތުން އަމާޒުވި ސުވާލަކަށް ދިން ޖަވާބުގައި ވަނީ، ކޮންމެ ހާލަތަކަށް ވެސް ފިޓްވާނެ ގޮތަށް އިންގްލެންޑްގެ ސްކޮޑު އެކުލަވާލައިފައިވާ ކަމަށެވެ.
އިންގްލެންޑުން ވޯލްޑް ކަޕްގައި ކުޅޭނީ އާސެނަލް ގޮތަށް: ކޫމަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ