ކުރީ ސަރުކާރުގެ 4000 ފުލެޓްގެ ލިސްޓު ރިވިއު ކުރާނެ: ހައިދަރު

ރިޔާސީ އިންތިހާބާ ކައިރިކޮށް ފުލެޓަށް އެދި ފޯމު ހުށަހަޅަން ހުޅުވާލައި، ޝަރުތު ހަމަވި އެންމެންނަށް ފްލެޓު ދޭން މިދިޔަ ސަރުކާރުން އޮތީ ނިންމާފަ އެވެ. ފުލެޓަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަ ވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ދޭން ޝަރުތު ހަމަވާ ކަމަށް ނިންމި މީހުންގެ ލިސްޓު ރިވިއުކޮށް ބަދަލުތައް ގެންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅު ވެއްޖެ އެވެ. 
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭގެ ހިޔާއަވަށް / ދެވަނަ ފޭހުގައި އިމާރާތް ކުރި ހިޔާ ޓަވަރުތަކަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަން ހައްލު ކުރަން އެ ޓަވަރުތަކުގައި އިތުރު ލިފްޓުތަކެއް ހަރުކުރާ އެއް އަހަރުގެ ޕްރޮޖެކްޓް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވީ އެ 4000 ހައުސިން ޔުނިޓު ދޭން، ކުރީގެ ސަރުކާރުން ނިންމި ލިސްޓު އަލުން ރިވިއު ކުރާނެ ކަމަށެވެ. "[ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު] އެ ލިސްޓުތަކަކީ ކަނޑައެޅިގެން ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ބައެއްތޯ ކަނޑައަޅާނެ. ކުރީ ސަރުކާރުން ޝަރުތުތަކާ އުސޫލުތައް ކަނޑައަޅާފައި އޮތީ. އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ ފަދައިން މި މަސައްކަތް ކުރެވިފައި މި އޮތީކީއެއް އެންމެ ރަނގަޅަކަށް ނޫން" މިނިސްޓަރު ހައިދަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. 
ހައިދަރު ވިދާޅުވީ، ލިސްޓުތައް ރިވިއު ކުރުމުގައި އެންމެ ބޮޑަށް ވިސްނަވާނީ ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދޭން ކަމަށެވެ. އޭނާ އަދި މި މޭރުމުން ވިދާޅުވި އެވެ: "މިސާލަކަށް ޝަރުތު ހަމަ ނުވެގެން ވަކިވާ ބަޔަކީ ވެސް އަޅުގަނޑުމެން އެހެން [ހައުސިން] މަޝްރުއޫތަކުން އެ ބޭފުޅުންނަށް ފުރުސަތު ހޯދައިދީގެން ކުރިއަށް ގެންދާނެ ކަންތައްތައްކަން އަޅުގަނޑު ޔަގީންކޮށް އަރުވަން،"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ އެއްވެސް ރައްޔިތަކު އިސްތިސްނާ ނުވާ ގޮތަށް ބޯހިޔާވަހިކަން ހަމަޖައްސައި ދިނުން ކަމަށް އިޝާރާތް ކުރައްވާ، ކުރިން ރައީސް މައުމޫންގެ ދައުރުގައި ވެސް ދުވަސްކޮޅަކަށް ހައުސިން މިނިސްޓަރުކަން ކުރެއްވި ހައިދަރު ވިދާޅުވީ، އެ މަސައްކަތް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާން ކަމަށެވެ. ލިސްޓު އަލުން ރިވިއު ކުުރާނެ ކަމަށް މިނިސްޓަރު ހާމަ ކުރެއްވި އިރު، "ގެދޮރުވެރިޔާ" ސްކީމާއި "ބިންވެރިޔާ" ސްކީމުގެ ދަށުން ފްލެޓާއި ގޯތި ލިބުނު އެންމެންނަށް، އެކަންކަން ހަމަޖައްސައި ދޭނެ ކަމަށް ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންފައި ވެއެވެ. ރިޔާސީ އިންތިހާބާ ކައިރި ކޮށްފައި ފުލެޓަށް އެދި ފޯމު ހުށަހަޅަން ހުޅުވާލައި، ޝަރުތު ހަމަވި އެންމެންނަށް ފްލެޓު ދޭން މިދިޔަ ސަރުކާރުން އޮތީ ނިންމާފަ އެވެ. ފުލެޓަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވި އެވެ. އޭރު ފަށައިގެން ކުރިއަށް ދިޔަ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ 4000 ހައުސިން ޔުނިޓުގެ ތެރޭގައި ހިމެނޭ ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ދޭން ނިންމީ އެ ފްލެޓުތަކަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 76 ޕަސެންޓަށްވުރެ ގިނަ މާކްސް ލިބުނު މީހުނަށެވެެ. ދެ ކޮޓަރީގެ އެޕާޓްމްނެޓުތައް ދޭން ނިންމީ އެ ފްލެޓުތަކަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 73 ޕަސެންޓަށްވުރެ ގިނަ މާކްސް ލިބުނު މީހުނަށެވެެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ